ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަށް މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން، ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފިއެވެ.
މެއި 6، 2021 ވަނަ ދުވަހުގެ ރޭ ރަައީސް ނަޝީދަށް ދިން ހަމަލައިގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލައިގައި މިހާރު ދައުލަތުން ދައުވާ ކުރާ ހަ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކި ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ ޝަރީއަތް ފަށަމުން ގާޒީ އާދަމް މުހައްމަދު ވަނީ ކޯޓުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ތާވަލު ހިއްސާ ކުރައްވައިފަ އެވެ. މި ގޮތުން ހެކި ބަސް ނެގުމުގެ އަޑުއެހުންތައް އޮންނާނީ ޖޫން މަހުގެ 9، 12، އަދި 13 ވަނަ ދުވަހުގައި ކަމަށް ވިދާޅުވިއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މި މަހުގެ 25 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ގާޒީން ފުރަތަމަ ނިންމެވި އެވެ. ނަމަވެސް އަދިވެސް އިތުރު ފުރުސަތު ދޭން އެދުމުން 15 ދުވަހުގެ މުއްދަތެއް ދީ، މެއި މަހުގެ 30 ވަނަ ދުވަހު ހެނދުނު 10:00 އަށް އަޑުއެހުން ބާއްވަން ފަހުން ނިންމެވި އެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރެއިން 22 ހެއްކެއް މުޅިން ސިއްރުކޮށްދޭން އަދި ދިފާއުން ކޯޓަށް ހާޒިރުވެގެން ދިރާސާކުރަން ފުރުސަތު ދެވޭ ގޮތަށް ހަ ހެއްކެއް ސިއްރުކޮށްދޭން އެދުނެވެ.
ދިފާއުގައި އަލީ ހައިޝަމްގެ ވަކީލު ވިދާޅުވީ ކޮންމެ ހެއްކެއް ވެސް ސިއްރު ކުރަން ދައުލަތުން އެދުނު ސަބަބުތަކާ ހާލަތް އެއް ގޮތް ކަމެވެ. އެކަމަކު ސިއްރުކުރަން އެކި ހެކި އެދިފައިވަނީ އެކި މިންވަރަށެވެ.
ނާޒިމްގެ ވަކީލު ހަމްޒާ ލަތީފް ވެސް އެ ކަންބޮޑުވުން ފާޅުކުރައްވާފައި ވިދާޅުވީ ކޯޓަށް ހާޒިރުކޮށްގެން ހެކި ބެލެވޭ ގޮތް ހެދުމުން ލިޔުމަށް ނަކަލު ކުރާއިރު ވެސް ނަތީޖާއަކީ މުޅި ހެކި ލިބުން ކަމަށެވެ. އެހެންވެ އެ ގޮތަށް ދޫކުރެވޭ ހެކިތަކުގެ ކޮޕީއެއް ދެވޭ ގޮތަށް ހަމަޖައްސަން އޭނާ އެދިވަޑައިގަތެވެ.
ފަހުމީގެ ގާނޫނީ ވަކީލު ބަދަލުވިއިރު، އާ ވަކީލު މުހައްމަދު ޝިފާޒް ވިދާޅުވީ އޭނާއަށް ދައުލަތުން އަމުރަށް އެދި ހުށަހަޅާފައިވާ ފޯމާއި ލިޔެކިޔުންތައް ވެސް ލިބުނީ މިއަދު ކަމުން އެ ލިޔެކިޔުންތައް ދިރާސާ ކުރަން އިތުރު ފުރުސަތެއް އޭނާއަށް ދެއްވުމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް، ގާޒީ ނިންމެވީ ދައުލަތުން އެދިފައިވާ މިންވަރަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދިނުމަށެވެ. އަދި ވަކީލު ބަދަލުވާ ކޮންމެ ފަހަރަކު ފުރުސަތުތައް ދޭނަމަ، މައްސަލަ ދިގުލައިދާތީ ފަހުމީގެ ވަކީލު އެދުނު ފުރުސަތު ނުދެއްވަން ވެސް ނިންމެވި އެވެ.
މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ދެފަރާތުން ވާހަކަދައްކައި ގޮތެއް ނިންމުމާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ.
މި އަޑުއެހުމުގައި ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަށް އެދި ހުށައަޅާފައިވާއިރު، ދައުލަތުން ވަނީ ސިއްރު ހެކިންގެ ބަޔާނާއި، އެމީހުން ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކޮށްފައިވާ ފޮޓޯސެޓުތަކާއި އިންޓަވިއު ރެކޯޑިން ހިމެނޭ ސީޑީތައް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައެވެ.
ހަމައެއާއެކު، މި މައްސަލައިގެ ތަހުގީގު ބަޔާނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެއްކެއްގެ ބަޔާންވެސް އެއްކޮށް ސިއްރުކޮށްދިނުމަށް ދައުލަތުން އެދެއެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ، އެ ހެކިތައް ދޫކޮށްފިނަމަ ހެއްކަށް ޖިސްމާނީ ގެއްލުމެއް ލިބި، ހެކި ނައްތާލުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
އޭގެ އިތުރުން، އެ ހެކިތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ހިމެނޭކަންވެސް ދައުލަތުން ފާހަގަ ކުރިއެވެ.
ދައުލަތުން ދެން ހުށައަޅާފައިވަނީ ވަކި މިންވަރަކަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، މި މައްސަލައިގައި ތައްޔާރު ކޮށްފައިވާ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުތަކުގެ އިތުރުން، ދައުވާ ލިބޭ ފަރާތްތަކުގެ ކޯލް ޑީޓެއިލް ރިޕޯޓުތައް ވަކި މިންވަރަކަށް ހާމަކޮށްދިނުމަށް ދައުލަތުން އެދެއެވެ.
ދައުލަތުން ބުނާ ގޮތުގައި އެ ހެކިތައް ޝަރީއަތުން ކަނޑައަޅާ ވަކި ޝަރުތުތަކާއެކު ކޯޓަށް އައިސް ބެލުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތެވެ. ހަމައެގޮތަށް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ބަޔާންތަކަކާއި އިތުރު ލިޔުންތަކެއްވެސް އެ އުސޫލުން ވަކި މިންވަރަކަށް ހާމަކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ ތަހުމީނާއި ގުޅިގެން ސިއްރު ލިޔުމެއްގެ ގޮތުގައި ހުށައަޅާފައިވާ 5 ފޮތާއި ގުޅިގެންވެސް ވަކި މިންވަރަކަށް ހެކި ހާމަކޮށްދިނުމުގެ އަމުރު ނެރެދެއްވުމަށް ދައުލަތުން އެދުނެވެ. ސަބަބަކީ އެއީ ހަރުކަށި ފިކުރަށް މަގުފަހިވާ ފަދަ މައުލޫމާތު ހިމެނޭ ފޮތްތަކަކަށް ވުމުން ކަމަށް ދައުލަތުން ބުނެއެވެ.
ދައުލަތުގެ އެ ހުށައެޅުމާއި ގުޅޭގޮތުން ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ތަފުސީލީ ގޮތެއްގައި ވާހަކަ ދައްކަވައިފައެވެ. މައިގަނޑު ގޮތެއްގައި ދައުވާލިބޭ ފަރާތްތަކުން ވަނީ އެއް ސަބަބުތަކެއްގެ މައްޗަށް ހުށައެޅިފައިވާ ހެކިތަކަކާއި ގުޅިގެން، ވަކި މިންވަރަކަށް ހާމަ ކުރުމާއި، އެއްކޮށް މުޅި ހެކި ސިއްރު ކުރުމާމެދު ތަފާތު އަންނަ ސަބަބާމެދު ސުވާލު އުފައްދައިފައެވެ.
އޭގެ އިތުރުން، ޝަރުތުތަކާއެކު ކޯޓަށް އައިސް ހެކިތައް ބަލައި، އެ ހެކިތައް ނަކަލުކޮށްގެން ދެވޭނަމަ، އެ ހެކި ދިފާއަށް ދޫކުރުމާ އޮތް ތަފާތަކީ ކޮބައިތޯ ދިފާއުން ވަނީ ސުވާލު އުފައްދައިފައެވެ. މިއީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ދިފާއީ ވަކީލުން އުފައްދަމުން އަންނަ ސުވާލެކެވެ.
މައިގަނޑު ގޮތެއްގައި މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިއްތިފާގުން ވަނީ، ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރެއްވުމުގެ އަމުރެއް ނެރެދެއްވުމަށް ނިންމަވައިފައެވެ.
އެއަށްފަހު، މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވަނީ ފުރުސަތު ދެއްވައިފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 30 މެއި ގައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާދަމް މުހައްމަދު، ގާޒީ ސޮފްވަތު ހަބީބު އަދި ގާޒީ މުހައްމަދު މިސްބާހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު