ފީޗާރޑް

ބަލިވީވެސް، މޮޅުވީވެސް އެމްޑީޕީ، އިންތިގެ ތިލަފަތުގެ ރަމްޒު ޓީމު ޕާޓީން ވަކިވަނީ؟

2

ފޯރިގަދަ ކެމްޕޭނަކަށްފަހު އިއްޔެ ކުރިއަށްދިޔަ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ އިކޮނޮކިމް މިނިސްޓަރު، ފައްޔާޒް އިސްމާއިލެވެ.

ފައްޔާޒާއެކު ދެން އެމަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި ދެބޭފުޅުންގެ ކެމްޕޭން ޓީމުގެ އިތުރުން ސަޕޯޓަރުންވެސް ވަނީ ފާއިތުވި ދުވަސްކޮޅުގައި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލަތައް ދީފައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތު ކުރަމުން ދިޔައިރު ޕާޓީއަށް އޮތް ލޯތްބާއި އިހުތިރާމާއި ހުރި ތެދުވެރިކަމުގެ ވާހަކަވެސް ގިނަ ފަރާތްތަކުން ދިޔައީ ގޮވަމުންނެވެ.

ނަމަވެސް މި ފޯރިގަދަ އިންތިހާބު އިއްޔެ ނިމި ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބުވެއްޖެ ކަން އެނގުމާއެކު އިންތިއަށް ތާއިދުކުރަމުން ގެންދިޔަ ފަރާތްތަކުގެ ބަހުރުވަ ވަނީ ބަދަލުވެފައެވެ. ސޯޝަލްމީޑިއާގައި އެތައް ބަޔަކު އެމްޑީޕީ ދޫކޮށްލަން ބުނަމުންދާއިރު ބައެއް ފަރާތްތަކުން ދަނީ އިދިކޮޅު ޕީޕީއެމަށް ސޮއިކުރާނެ ކަމަށްވެސް ބުނަމުންނެވެ. ކެމްޕޭނު ތެރޭގައި އެންމަ ގަދަޔަށް "ބޯވައޭ ބޯވައޭ" ގޮވަމުން ފައްޔާޒު އާއި އޭނާގެ ޓީމަށް ފުރައްސާއިގެ ބަސް ރައްދުކުރި ބައެއް ފަރާތްތަކުން ކުރިން ޕާޓީ އަށް އޮތް ލޯތްބާއި ތެދުވެރިކަން ހަނދާން ނެތުނީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ނޫނީ އަސްލު ބޯވަތައް ހާމަވެ އަސްލު ކުލަ ފެންނަން ފެށީ ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.

މިއީ އެމްޑީޕީގެ އާއްމު މެންބަރުންތަކެއްގެ ވިސްނުން އެކަނި ކަމަށްވެސް ވެދާނެއެވެ. ނުވަތަ އިންތިގެ ޓީމުގެ އިސް ފަރާތްތަކުން ދުރާލައި ރާވައިގެން ނިންމާފައި އޮތް ގޮށް ކަމަށްވެސް ވެދާނެއެވެ. ސަބަބަކީ ރާއްޖެ ޓީވީން ބޭއްވި ޗެއާޕާސަން ކެންޑިޑޭޓުންގެ ބަހުސްގައި، އިންތިހާބުން ބަލިވެއްޖެ ނަމަ ޕާޓީން ވަކިވާނަންތޯ ނުވަތަ ނޫންތޯ އިންތިއާ ސުވާލުކުރުމުން ޖަވާބުގައި އާއެނކޭވެސް ނުވަތަ ނޫނެކޭވެސް އިންތި ވިދާޅު ނުވުމެވެ. ފަހަރުގައި އިންތިއަށް ސަޕޯޓުކުރާ އާއްމު މެންބަރުންނަށް އިންތިގެ ޖަވާބުން ލިބުނު "މެސެޖު" ގޯހީ ކަމަށް ވެސް ވުން އެކަށީގެންވެއެވެ.

ކަން މިހެން ހުއްޓަސް މިއީ އެމްޑީޕީ އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުން މޮޅުވީވެސް އެމްޑީޕީއެވެ. ބަލިވީވެސް އެމްޑީޕީއެވެ. ޗެއާޕާސަން އަށް އިންތިހާބުވި ފައްޔާޒުގެވެސް ވިސްނުން ހުރީ ޕާޓީ އެކަތިގަނޑަކަށް ހެދުމަށެވެ. ގުޅިގެން ޕާޓީގެ އެންމެން މަސައްކަތް ކުރުމެވެ. ކެމްޕޭނުތެރޭގައިވެސް ފައްޔާޒު އަޑު ހަރުކޮށް ވިދާޅުވީވެސް އެހެންނެވެ.