ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ)ގެ ކޮންމެ ދުވަހެއްގެ މަސައްކަތުގައި އަދި އޮފް ވަގުތުތަކުގައި ވެސް ބަލިމީހުން ނުވަތަ ޕޭޝަންޓުންނަށް ހާއްސަ ސަމާލުކަމެއް ދީގެން، އެމީހަކަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާދެވޭތޯ ކަށަވަރުކުރެއެވެ. މުޅި ދުވަހުގެ މަސައްކަތްތައް ރާވަނީ ވެސް ފަރުވާތެރިކަމާއެކު، ގާތުން ބަލަންޖެހޭ ހުރިހާ ޕޭޝަންޓުންނަށް ނަރުހުންގެ ފަރާތުން ދޭންޖެހޭ ފަރުވާއާއި އަޅައިލުން ދިނުމުގެ މައްޗަށެވެ.

އިނާގެ ނަޒަރުގައި ނަރުހުންނަކީ ހަމައެކަނި ބަލިމީހުން ބަލަހައްޓާ މީހުންނެއް ނޫނެވެ. ނަރުހުންނަކީ ބަލިމީހުންނާއި އާއިލާތަކަށް ވަކާލާތުކުރާ، އުނގަންނައިދޭ އަދި ނަފްސާނީގޮތުން ބާރުދޭ ބައެކެވެ. ނަރުހުން މަސައްކަތް ކުރަނީ ވަރަށް ބުރަކޮށް، ކޮންމެ ބަލިމީހަކަށްވެސް އޯގާތެރިކަމާއި ގާބިލުކަމާއެކު ފަރުވާ ލިބޭކަން ޔަގީންކުރުމަށްޓަކައެވެ. ނަރުހުން މަސައްކަތްކުރަނީ ފަންނީ ހުނަރާއި އިހުލާސްތެރި ހަމްދަރުދީ އެއްހަމައެއްގައި ބެހެއްޓުމުގެ ގާބިލުކަމާއެކު ކަމަށް އިނާ ދެކެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ) އިތުރު ނަރުހުންތަކަކާއެކު މަސައްކަތުގައި --

"ބިރުގަންނަ ކުއްޖަކަށް އަރާމުކަން ގެނެސްދިނުމުގައި ވިޔަސް، ހިތާމަވެރި ހާލަތެއްގައި އުޅޭ އާއިލާއަކަށް އެހީތެރިވުމުގައި ވިޔަސް، ނުވަތަ ނާޒުކު ހާލަތްތަކުގައި ވަގުތުން ނިންމުންތައް ނިންމުމުގައި ވިޔަސް، ނަރުހުން ދައްކުވައިދެނީ ކެތްތެރިކަމާއި އިންސާނިއްޔަތުކަން. ނަރުހުންނަކީ ހަމައެކަނި ޑޮކްޓަރުންނަށް އެހީތެރިވާ ބައެއް ނޫން، އެމީހުންނަކީ ފުޅާ ދާއިރާއެއްގެ މަސްއޫލިއްޔަތުތަކެއް އަދާކުރާ ޕްރޮފެޝަނަލް ބައެއް،" 'ވަން'އާ ވާހަކަދައްކަމުން އިނާ ބުންޏެވެ.

އިނާ ގަބޫލުކުރާ އެ ހަމައާއި އުސޫލުތަކާއެކު، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ގެންދެވޭތޯ މަސައްކަތްކުރެވެއެވެ. މަސައްކަތުގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެނީ ޕޭޝަންޓުންގެ ކަންކަމެވެ. އިނާ ދެކޭގޮތުގައި އެއީ އާއިލާގެ ވެސް މުހިންމު ހިއްސާދާރެކެވެ.

ނަރުސްކަމުގެ ދާއިރާއަށް ޝައުގުވެރިވީ ކިހިނެއް؟

އިނާ، ނަރުސްކަމުގެ ވަޒީފާއަށް ފުރަތަމަ ނުކުތީ އުމުރުން 18 އަހަރުގައި، އެއީ އެޑްވާންސް ސެޓްފިކެޓް އިން ނާސިން ހެދުމަށްފަހުއެވެ. އޭރު 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ކޭއާރްއެޗްއާ ގުޅުނީ އެންރޯލްޑް ނާސްއެއްގެ ގޮތުގައެވެ.

"ކުރިން އަބަދުވެސް ޑޮކްޓަރަށް ދައްކަން ދާން ޖެހޭނެ ސްކިން ކޮންޑިޝަންއާ ކަންކަން ހުންނާތީ. އެހެންވެ އެ ހިސާބުން އިންޓަރެސްޓް އުފެދުނީ ނަރުހުންގެ ވޯކް ފެނިފައި. ޗޫސް ކުރާނެ އޭރިއާއެއް ނޭނގިފައި ހުއްޓައި ބޭބެ ވެސް ލަފާދިން ނާސިން ޗޫސް ކުރަން،" ނަރުސްކަމުގެ ދާއިރާއަށް ޝައުގުވެރިވީ ގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން އިނާ ބުންޏެވެ.

ޖުމުލަ 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ އިނާ، ފެށުނީއްސުރެ ވެސް މަސައްކަތްކުރަމުންދަނީ އޭނާގެ އުފަން ރަށް، ކުޅުދުއްފުށީގައި ހުންނަ ކޭއާރްއެޗްގައެވެ. ނަމަވެސް ލަންކާ ހޮސްޕިޓަލްސް އާއި އިންޑިއާގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލުގައި ތަޖުރިބާ އާއި ހުނަރު ތަރައްގީކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ)، ޓްރެއިނިންއެއްގައި --

މީގެ 14 އަހަރުކުރިން ކޭއެޗްއާރްއަށް އިނާ ވަޒީފާއަށް ނުކުތީ ވެސް އެންމެ ދަށުން، އެންރޯލް ނާސްއެއްގެ މަގާމުގައެވެ. ކުރިއެރުން ހޯދަމުން ގޮސް މިހާތަނަށް އިނާ ވަނީ ރެޖިސްޓާޑް ނާސް، ސީނިއާ ރެޖިސްޓާޑް ނާސްއެއްގެ ގޮތުގައި ވެސް މަސައްކޮށްފައެވެ. މިހާރު ކްލިނިކަލް ނާސްއެއްގެ ގޮތުގައި މަސައްކަތްކުރާ އިނާ، ވޯޑް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާތާ ވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

"މިހާރު އަޅުގަނޑަކީ ކޭއާރްއެޗްގެ އެންއައިސީޔޫ، ކުޑަކުދިންގެ ވޯޑް، އައިސީސީޔޫ އަދި މެޑިކަލް އެންޑް ސާޖިކަލްގެ ވޯޑުގެ މެނޭޖަރު. ކީމޯތެރަޕީ ޔުނިޓުގެ ހެޑްއެއްގެ ގޮތުގައި ވެސް ދެ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާނެ، އަދި މިހާރު ވެސް ކުރަމުން މިދަނީ. މައިގަނޑުގޮތެއްގައި ވޯޑް މެނޭޖަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މަސައްކަތަކީ އަޅުގަނޑުގެ ދަށުން ހިނގާ ހުރިހާ އޭރިއާތަކެއްގެ ފުރިހަމަ މަސްއޫލިއްޔަތުތައް ނަގައިގެން ކަންކަން އެންމެ ފުރިހަމަ ގޮތެއްގައި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ގޮތް މަގުފަހިކޮށް، ހިނގާ ގޮތް ބެލުން،" އޭނާ ބުންޏެވެ.

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓުންގެ ވެސް "ފޭވަރިޓް"އެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިނާ، ކީމޯތަރަޕީ އަދި އިމިއުނޯތެރަޕީ ނަގާ ޕޭޝަންޓުންގެ ވެސް ހުރިހާ ކަމެއް ވަރަށް ގާތުން ބަލައި، ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި އެ ޕޭޝަންޓުންގެ ފޮލޯއަޕްގެ ކަންކަމާއި، ޓެސްޓުތައް ހެދުމާއި، ކީމޯ އަދި އިމިއުނޯ ޝެޑިއުލްއާ އެއްގޮތަށް ދިނުމާއި، ދަށުން މަސައްކަތްކުރާ ނަރުހުންނާއި އެޓެންޑަންޓުންގެ މަސައްކަތުގެ ފެންވަރު ގަވާއިދުން ބަލައި، ރަނގަޅުކުރަން ޖެހޭ ކަންކަމަށް ފިޔަވަޅު އަޅައެވެ.

މަސައްކަތްތަކުގައި ޕޭޝަންޓުންނާ ހާއްސަ ގުޅުމެއް، ނަރުހަކަށްވުމަށް ތައުލީމު މުހިންމު!

ވޯޑް މެނޭޖަރެއްގެ ގޮތުގައި ރަސްމީ ދުވަސްދުވަހު 7:30 އިން 15:30 އަށް މަސައްކަތްކުރަން ޖެހެއެވެ. ޑިއުޓީ ގަޑި 15:30 އަށް ނިމުނު ނަމަވެސް، ގިނަ ދުވަސްދުވަހު އިނާ ޑިއުޓީއަށްފަހު ގެއަށް ދަނީ 16:30 ނޫނީ 17:00 ވާ ފަހުންނެވެ. އޭގެ ފަހުން ވެސް ޕޭޝަންޓުންގެ ކަންކަމަށް ނަރުހުން ކުރަމުން އަންނަ މަސައްކަތްތައް މޮނީޓާކުރެއެވެ.

އިނާގެ އެ ދުވަހުގެ މަސައްކަތަށް ބަލާ އިރު، ފުރަތަމަ ޑިއުޓީއަށްދާ ގޮތަށް ހަވާލުވެ ހުންނަ އޭރިއާތަކުގައި މައްސަލައެއް އުޅޭތޯ ޗެކްކުރެއެވެ. އެ މަސައްކަތާއެކު 8:00 ގައި، ހުރިހާ ވޯޑް މެނޭޖަރުންނާއި ނާސިން އެޑްމިންއާއެކު ބާއްވާ ބައްދަލުވުމުގައި ބައިވެރިވެއެވެ. އެއަށްފަހު ކީމޯ ނުވަތަ އިމިއުން ކޭސްއެއް އިނދެއްޖެއްޔާ އެ ކޭސްއަށް އެޓެންޑްވެއެވެ.

"ބައެއް ދުވަސްދުވަހު ޖެހޭނެ ޝިފްޓް ކޯޑިނޭޓަރުގެ ޒިންމާ ވެސް ނަގަން. އެހެންކަމަށްވާ ނަމަ، މުޅި ފްލޯ ބަލަހައްޓަމުން އެ ދުވަހެއްގެ ރޫޓިން ޓާސްކްތައް ކުރިއަށްގެންދަނީ. އެހެން ރަށްރަށުގެ ކޭސްތަކަށް އެޓެންވާން ޖެހޭ ފަހަރުވެސް އަންނާނެ، ކައިރި ރަށްރަށަށް ގޮސް ޕޭޝަންޓުން ބަލައި ދާންވެސް ޖެހޭނެ. ދެން އެ ދުވަހަކު އަންނަ އެޑްމިން މަސައްކަތްތައް ވެސް އަޅުގަނޑު ޝެޑިއުލްކުރަން،" އިނާ ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ) --

އިދާރީ މަސައްކަތްތަކުގައި އުޅެން ޖެހުނަސް، ޕޭޝަންޓުންނާއެކު އިނާ ބާއްވާ ގުޅުން ދަމަހައްޓަމުން ގެންދިއުމަށް ވެސް މަސައްކަތްކުރެއެވެ. އެ ގުޅުމަކީ ނަރުހުންނަށް ވަރަށް ހާއްސަ، ގާތް ގުޅުމެއް ކަމަށް އިނާ ގަބޫލުކުރެއެވެ.

އިނާ ބުނެފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ހަނދާނުން ނައްތާލަން އުނދަގޫ ބައިވަރު ކަންކަމާ ދިމާވިއެވެ. އެގޮތުން މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19ގެ ދުވަސްވަރުގައި، އެތައް ގޮންޖެހުންތަކަކާއެކު މަސައްކަތްކުރަން ޖެހުނު ގޮތަކީ ވެސް ހަނދާނުން ފުހެލަން އުނދަގޫ ހަނދާނެކެވެ.

ނާސިން އިން އެޑްވާންސް ސެޓްފިކެޓް ހެދުމަށްފަހު ކޭއެޗްއާރްއާ ގުޅުނު އިނާ ވަނީ ޕޭ ލީވްގައި ޑިޕްލޮމާ ފުރިހަމަކުރުމަށްފަހު، މަސައްކަތަށް ނުކުންނަމުން ބެޗެލާ އަދި މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައެވެ. މިހާތަނަށް ގިނަ ވޯކްޝޮޕްތަކަކާއި ކޮންފަރެންސްތަކެއްގައި ވެސް އިނާ ވަނީ ބައިވެރިވެފައެވެ.

އިނާ ވަނީ ކެންސަރަށް ފަރުވާދިނުމަށް ހާއްސަ އޮންކޮލޮޖީ އިން ވެސް ތަމްރީނުތަކެއް ހާސިލުކޮށްފައެވެ. އެގޮތުން އަމިއްލަ ޝައުގުވެރިކަން ހުރުމުން، ދާދި ފަހުން ޗުއްޓީގެ ތެރެއިން ޗުއްޓީގެ ދުވަސްކޮޅެއް ނަގައިގެން، ލިބުނު ފުތުސަތަކަށް ލަންކާ ހޮސްޕިޓަލްސްގައި ވެސް އޮންކޮލޮޖީ ދާއިރާއިން މަސައްކަތު ތަޖުރިބާ ހޯދިއެވެ. އެ ދަތުރުގައި އިނާ ވަނީ ރާއްޖެއިން ނުލިބޭ ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ޕްރޮސީޖާތަކުގައާއި ކެންސަރަށް ފަރުވާދިނުމުގެ މަސައްކަތްތަކުގައި ބައިވެރިވެފައެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގެ އެކިއެކި ކޮންފަރެންސްތަކާއި ސިމްޕޯޒިއަމްތަކުގައި ވެސް އިނާ ވަނީ ބައިވެރިވެފައެވެ.

"އަދިވެސް އިތުރަށް ކިޔަވަން ބޭނުން. މިހާރު ބޮޑަށް ބޭނުންވަނީ ސްޕެޝަލައިޒް ވާން. އަދި ލީޑާޝިޕްގެ ރޯލުން އިތުރު އެކްސްޕީރިއަންސް އަދި އެކްސްޕޯޝާތައް ބޭނުން ހާސިލުކުރަން. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ކުރިއެރުން، އެންމެން ބަލައިގަންނަ މީހަކަށްވާން، މި ދާއިރާގެ އިތުރު ކާމިޔާބީތައް،" އިތުރަށް ހާސިލުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އިނާ ބުންޏެވެ.

އިނާ ވަނީ މިމަހު ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ނެޝަނަލް ކެންސާ ސެންޓާ ސިންގަޕޫރުން އިންތިޒާމުކޮށްގެން ބޭއްވި ފަސްވަނަ ރީޖަނަލް އޮންކޮލޮޖީ ނާސިން ކޮންފަރެންސްގައި ބައިވެރިވެފައެވެ. އެ ކޮންފަރެންސްގައި ސަރަހައްދުގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ އޮންކޮލޮޖީ ނަރުހުންނާއި، ނާސިން ލީޑަރުންނާއި، އަދި ހާއްސަ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ކެންސަރު ބަލީގެ ފަރުވާތަކުގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.

އެ ކޮންފަރެންސްގައި އިންޓެގްރޭޓިވް އޮންކޮލޮޖީ، ބަލިމީހުންނަށް ހާއްސަ ކުރެވިފައިވާ ސަޕޯޓިވް ކެއާ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކްލިނިކަލް ނިންމުންތައް ނިންމުން، ޕްރިސިޝަން މެޑިސިން، އަދި ސީ.އޭ.އާރް-ޓީ ސެލް ތެރަޕީ ފަދަ ޒަމާނީ މައުޟޫތަކާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

"މިއީ މިފަދަ މަތީ ފެންވަރުގެ މައުލޫމާތު ބަދަލުކުރާ ޕްލެޓްފޯމެއްގައި ބައިވެރިވެ، ޕްރޮފެޝަނަލް ގޮތުން ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އަދި މި ބައްދަލުވުމުން ލިބޭ މައުލޫމާތުތަކުގެ އެހީގައި، އަޅުގަނޑުމެންގެ މުއައްސަސާގައި ދެވޭ އޮންކޮލޮޖީ ނާސިން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،" އެ ކޮންފަރެންސްއާ ގުޅޭގޮތުން އިނާ ބުންޏެވެ.

މަސައްކަތުގައި ގޮންޖެހުންތަކެއް!

އިނާ ދެކޭގޮތުގައި އެންމެ އުނދަގޫވާ ކަމަކީ، ބައެއް އޭރިއާތަކުގައި މުވައްޒަފުން މަދުވީމުންނެވެ. ނަރުހުންނަށް ސްޓްރެސްއާ ގިނަ ފަހަރު ކުރިމަތިލާން ޖެހެނީ އެ ސަބަބާ ހުރެކުރަންޖެހޭ މަސައްކަތްތައް ގިނަވުމުންނެވެ. ނަމަވެސް ހުރިހާ ނަރުހުން ވެސް ޕޭޝަންޓުންނާއި އެމީހުންގެ އާއިލާތަކަށް ދޭންޖެހޭ ފަރުވާދިނުމުގައި ކުރިމަތިލަނީ އޯގަތެރިކަމުގެ ހިނިތުންވުމަކާއެކުއެވެ.

"ޕޭޝަންޓުންގެ އާއިލާތަކުން ހިތްހަމަނުޖެހުން ފާޅުކުރުން ވަރަށް މަދެވެ. ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރާނީ އަދިވެސް ބައެއް ސާވިސްތައް ނެތީމަ. އެހެންނޫނީ ހަމަ ވަރަށް ރަނގަޅޭ ބުނާނެ، ދިމާވާ އެންމެން ކަހަލަ ގޮތަކަށް. ރަނގަޅަށް ކަންކަން ކިޔައިދީ، އޮޅުންފިލުވާލަ ދިނީމަ އެމީހުންނަށް ވަރަށް ރަނގަޅަށް އަންޑަސްޓޭންޑްވޭ. ރަނގަޅު ކޮމިއުނިކޭޝަންއެއް ބިލްޑްވެފައި އިނދެއްޖެއްޔާ، ހިތްހަމަނުޖެހުމުގެ ބައި ވަރަށް ދިމާނުވާނެ،" އިނާ ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ) --

ކޭއާރްއެޗްގެ އާ އިމާރާތް ނިމުމުން، ހިދުމަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދިއުމާއެކު ހިދުމަތްތައް އިތުރުވެ، މުވައްޒަފުން އިތުރުވާނެ ކަމަށް އިނާ އުންމީދުކުރެއެވެ.

އިނާ ގަބޫލުކުރާގޮތުގައި އެއީ ކޮންމެ ރަށެއްގެ، ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ ކޮންމެ މީހެއް ކަމަށްވިޔަސް، އެމީހަކަށް ބޭނުންވާ ފުރިހަމަ ފަރުވާ، އޭނާ ހަވާލުވެ ހުރި ކޮންމެ ވޯޑަކުން ވެސް ލިބޭނެއެވެ. ބަދަލުގައި މުޖުތަމައުން ބޭނުންވަނީ ހައްގު ގަދަރެވެ. ނަރުހުންނަކީ ދަށް ބައެއްގެ ގޮތުގައި ނުދެކި، ނަރުހުންނަކީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރާ ބައެއް ކަމަށް މުޖުތަމައުން ދެކުމަށް އިނާ އެދެއެވެ.

ހަމައެކަނި ނަރުހެއް ނޫން، ނަރުހުން އުފެއްދުމުގައި ވެސް މަސައްކަތްތަކެއް!

އިނާ ގެންދަނީ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ވެސް ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ފުރަތަމަ ފުރުސަތު ލިބުނީ ނާސިން ދަރިވަރުންގެ ޕްރެކްޓިކަލް އެގްޒަމިނާއަކަށްވުމުގެ ފުރުސަތެވެ.

"އެއީ ކުޅުދުއްފުށީ ކެމްޕަސް އިން ފާތުން މިސް އަދި ރަޝީ މިސް ދިން ފުރުސަތެއް، ހަނދާންވާ ގޮތުން އެއީ 2022 ވަނަ އަހަރު. ދެން އިތުރު ފުރުސަތުތައް ލިބުނު އެ ކުދިންގެ ތިއަރީ ކްލާސްތައް ނަގައިދޭން އެކި ބެޗްތަކަށް،" އޭނާ ބުންޏެވެ.

ނާސިން ދަރިވަރުންނަށް ތިއަރީ ކްލާސްތައް ނަގައިދިނުމަށް އިނާއަށް ލިބުނު ފުރުސަތުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ މެޑިކަލް އެންޑް ސާޖިކަލް ނާސިންއެވެ. އެއަށްފަހު އެވިޑަންސް ބޭސްޑް ނާސިން ވެސް ކިޔަވައިދީފައިވެއެވެ. އަދި ލީޑާޝިޕް އެންޑް މެނޭޖްމަންޓު ވެސް ކިޔަވައިދީފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ވޯޑް މެނޭޖަރެއްގެ ގޮތުގައި އިސް މަސައްކަތްތަކެއް ކުރާ ނަރުސް، އިނާސާ މޫސާ (އިނާ) މައުލޫމާތުދިނުމުގެ ސެޝަނެއްގައި -- ފޮޓޯ/ ކޭއާރްއެޗް

އިނާ ބުނެފައިވާ ގޮތުގައި، ނަރުސްކަމުގެ ކޯސް ފުރިހަމަކުރުމަށްފަހު ގިނަ މީހުން ވަޒީފާއަށް ނުކުތް ނަމަވެސް، ބައެއް މީހުން ވަޒީފާއަށް ނުނިކުންނަނީ އިތުރަށް ކިޔަވަން ބޭނުންވާތީއެވެ. އެއީ ސިއްހީ ހިދުމަތްދޭ ގިނަ ތަންތަނުގައި މިހާރު ކިޔެވުމަށް ރިލީސްކުރުމަށް ވަކި ލިމިޓެއް ކަނޑައަޅާފައިވާތީއެވެ.

"ނާސިންއަކީ ވަރަށް މުހިންމު ދާއިރާއެކެވެ. މި ދާއިރާއަށް ޝައުގުވެރިކަން ހުރެގެން ނޫނީ މި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެކެވެ. ސްކޫލު ތައުލީމު ނިންމުމަށްފަހު ނަރުސްކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ފައިސާއަށް، ނޫނީ ސެޓްފިކެޓަކަށް ނާސިން ޗޫސް ނުކުރާށޭ. ފިރިހެން ނަރުހުންނަށް ވެސް ކުރިއަރައިގެން ދިއުމަށް މިއީ ރަނގަޅު ކެރިއާއެއް،" އަލަށް ނާސިން ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ދިން މެސެޖުގައި އިނާ ބުންޏެވެ.

ހަމައެކަނި ސެޓްފިކްޓް ބޭނުމުގައި، ނޫނީ އާއިލާ މީހުން ބޭނުންވާތީ ކޮށްލާ ކަމަކަށްވުރެ ބޮޑަށް، ކޮންމެ ކެރިއަރެއް ވެސް ހިޔާރުކުރަންވާނީ އެ ދާއިރާއަކަށް އިންޓަރެސްޓް ހުރެގެން ކަމަށް އިނާ ދެކެއެވެ.

މި ދާއިރާއިން ކުރިއަށްދިއުމުގައި އިނާގެ ފަހަތުގައި ގިނަ ބައެއް ހިމެނެއެވެ. އެގޮތުން މުޅި އާއިލާ އާއި ހުރިހާ މުވައްޒަފުން އެއްބާރުލުން އިނާ ފާހަގަކުރެއެވެ. ހާއްސަކޮށް މި ދާއިރާއިން ކުރިއަށްދިއުމުގައި މަންމަ އާއި ފިރިމީހާ ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އިނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ނާސިން އެޑްމިން ބޭފުޅުންނާއި މޭނޭޖުމަންޓުގެ އެއްބާރުލުމަށް ވެސް އިނާ ޝުކުރު އަދާކުރެއެވެ. އިނާ ހުރީ އެ ފަރާތްތަކުގެ އިތުބާރު އަބަދުވެސް ދެމެހެއްޓުމުގެ އަޒުމުގައެވެ.