ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން ކްލަބު ގްރީން ސްޓްރީޓްސްއަށް ދިން އަދަބަކީ ޖޫރިމަނާކޮށް، ޓްރާންސްފާ ބޭންގެ އަދަބެކެވެ. އެ އަދަބަށް ތަފާތު ފާޑުކިޔުންތައް އަމާޒުވާ އެއް ސަބަބަކީ، އެ މެޗު ގްރީނުން ދޫކޮށްލީ "ގަސްދުގައި ކަމަށް،" ގިނަ ބަޔަކު ސިފަކުރާތީއެވެ. އެ ޖާގަ އެބައޮތްވެސް މެއެވެ. އެ ބީދައިން އެކަން ކޮށްފައިވާ ނަމަ، އެއީ "މެޗް ފިކްސިން"އަށް ބެލެވޭނެ ޖާގަ އޮތް ހާލަތެއްވެސް މެއެވެ. އެހެންނަމަވެސް، އެކަން ނިންމާނީ މައްސަލަ ބަލާ ފަރާތްތަކުންނެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ކްލަބު ވެލެންސިއާއިން މައްސަލަ ހުށަހަޅީ، ގްރީންގެ ނިންމުމުން އެޓީމު ރެލިގޭޓް ވުމުންނެވެ. ވެލެންސިއާގެ އެ ރެލިގޭޝަނާއެކު އެ ކްލަބުން ފުރަތަމަވެސް ބުނެފައިވަނީ ގްރީނުން "މެޗު ފިކްސް"ކޮށް، މުޅި ފުޓުބޯޅައިގެ ރޫހާ ހިލާފު އަމަލެއް ހިންގި ކަމަށެވެ. އަދި ވެލެންސިއާގެ ހައްގަށް އަރައިގަނެފައިވާ ކަމަށެވެ. ކޮންމެއަކަސް ގްރީނުން އެކަން ދޮގުކުރިއެވެ.

ދެން މައްސަލަ ބަލަން ފުރަތަމަ ޖެހުނީ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށެވެ. އެފްއޭއެމްއިން އިއްޔެ މައްސަލަ ބަލައި، ނިންމީ ގްރީން ޖޫރިމަނާކޮށް، ޓްރާންސްފާ ބޭންއެއް ދިނުމަށެވެ. އެ މައްސަލައިގައި އެފްއޭއެމްއިން ގްރީނުން މެޗު ފިކްސް ކުރި ކަމަށް ގަބޫލުކުރާ ކަމަށް ސީދާ ބުނެފައި ނުވި ނަމަވެސް، ދިން އަދަބުން އެކަހަލަ ކަމެއް ހިނގިކަމަށް ދޭހަވެއެވެ. އަދި ބަޔާނުގައި ބުނީ "ދެން އަކަހަލަ ކަމެއް ތަކުރާރުކޮށްފި ކަމަށްވާނަމަ ހަރުކަށި އަދަބު ދޭނެ" ކަމަށެވެ. އެހެންކަމުން އެ ބުނާ ބުނުމަކީ މެޗު ފިކްސިންއަށް ރިއާޔަތްކޮށް ބުނި ބުނުމަކަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

ވެލެންސިއާ ރެލިގޭޓްވާން ދިމާވީ ކީއްވެ، ގްރީންގެ ރޯލަކީ ކޮބާ؟

1 އޮކްޓޫބަރ 2025، މާލެ، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެެއިން އީތަން ބޯޅައާއެކު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު އޮތީ ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެ ގޮތަށެވެ. މި ހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، މި ހަފުތާ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.

ގްރީނުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައި ނުވާ އިރު، ގްރީން ރެލިގޭޝަނުން ސަލާމަތްވާން އޮތް ގޮތަކީ އެ މެޗުން ޕޮއިންޓެއް ހޯދުން ނޫނީ، ފަސް ގޯލަށްވުރެ ކުޑަ ނަތީޖާއެއް ހިފަހައްޓާލުމެވެ. ގްރީނުން ކުޅުންތެރިން ހަމަނުވެގެން ކަމަށްބުނެ މެޗު ދޫކޮށްލުމުން އެ މެޗުން ބަލިވީ 2-0 އިންނެވެ. އެ ހިސާބުން ވެލެންސިއާ ވަނީ ރެލިގޭޓް ވެފައެވެ.

އެ ހިސާބުން ވެލެންސިއާއިން ބަޔާން ނެރުނީއެވެ. އެއީ ލީގުގެ ފަހު މެޗު ދެ ދުވަހެއްގައި ކުޅެން ޖެހި، އުފަންވި ހާލަތެކެވެ. ދުނިޔޭގެ ލީގުތަކުގައި ލީގު ބުރުގެ ފަހު މެޗުތައް އާންމުކޮށް ކުޅެނީ އެއް ވަގުތެއްގައި ތަފާތު ދަނޑުތަކުގައެވެ. ރާއްޖޭގައި އެ ވަސީލަތްތައް ނެތުމާއެކު، އެއީ އަދި ކުރެވެން އޮތް ކަމެއް ނޫންކަމުން، ފަހު މެޗަށް ނުކުންނަ ޓީމުގެ އަތްމައްޗަށް ބާރުގޮސް، އެޓީމުން ބޭނުންވާ ނަތީޖާ މެޗެއް ނުކުޅެ ހޯދީއެވެ. އެހެންކަމުން އެއީ ފުޓުބޯޅައިގެ ރޫހާ ހިލާފު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާ ކުރުން އެއީ ބުރަދަން ހުރި ވާހަކައެކެވެ.

ވެލެންސިއާއިން ހުށަހެޅި މައްސަލައާއި އެފްއޭއެމްގެ ނިންމުން، ސުވާލުތަކެއް އެބަހުރި؟

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެލެންސިއާގެ އިސް ފަރާތްތައް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ގްރީން ސްޓްރީޓްސް ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވެލެންސިއާއިން ފާހަގަކޮށްފައވާ އިރު، ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސްއިން އެޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި އެއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، އޭގެ ސަަބަބުން އެހެން ކްލަބުތަކަށްވެސް ގެއްލުންވި ކަމަށް ވެލެންސިއާއިން ބަޔާނުގައި ބުންޏެވެ.

އެ މައްސަލަ ވެލެންސިއާއިން ވަނީ އެފްއޭއެމްއަށް ހުށަހަޅައިފައެވެ. އެއީ ރަސްމީކޮށް މެޗް ފިކްސް ކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށެވެ. އެ މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ގޮތް ނިންމީ އިއްޔެއެވެ. އިއްޔެ ނެރުނު ބަޔާނުގައި ގްރީނަށް އެޅި ފިޔަވަޅުތައް ހާމަކޮށްފައިވެއެވެ.

މައްސަލައިގައި އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގު 2026/2025 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އަދި އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގެ ނުވަ ވަނަ މާއްދާގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓުގައި ގްރީން ސްޓްރީޓްސްއަށް ހަރަކާތްތެރި ނުވެވޭނެ ގޮތަށް ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.

އެއީ ކުޅުންތެރިން ގަނެ ވިއްކުމުގެ އިތުރުން ޓްރާންސްފާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށެވެ.

އޭގެ އިތުރުން އެފްއޭއެމްއިން ވަނީ އެކަހަލަ ކަމެއް ތަކުރާރުކޮށްފިނަމަ، ގްރީން ސްޓްރީޓްސްއަށް ހަރުކަށި އަދަބު ދޭނެ ކަމަށް އިންޒާރުވެސް ދީފައެވެ.

އެފޭއޭއެމްއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި ގްރީން ސްޓްރީޓްސްގެ މި މައްސަލައިގައި ނިންމުން ނިންމާފައިވަނީ ވެލެންސިއާއިން ހުށަހެޅި މައްސަލައަށްވެސް ރިއާޔަތްކޮށްގެންނެވެ. ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރި ކަމަށް ވެލެންސިއާއިން ހުށަހަޅާފައިވާ އިރު، އެފްއޭއެމް އިން ބުނީ ފިޔަވަޅު އެޅީ އެކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ. ސީދާ ގްރީނުން މެޗު ފިކްސް ކުރި ކަމަށް އެފްއޭއެމްއިން ސާފުކޮށް ނުބުނެއެވެ. އަދި އަދަބު ދިނީ ސީދާ މެޗު ފިކްސް ކުރި ކަމަށް ބަލާފައި ކަމެއްވެސް ސާފެއް ނުވެއެވެ.

ވެލެންސިއާއިން އެ އަދަބު ގަބޫލުނުކުރާކަން އިއްޔެ ހާމަކޮށް، އެކަމުގައި ބަޔާނެއް ނެރުނެވެ.

ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމްގެ ނިންމުން އެ ކްލަބުން ގަބޫލުނުކުރާ ކަމަށެވެ. އެކަމުގެ ސަބަބުތައް ހަތަރު ނުކުތާއަކުން ބަޔާން ކޮށްފައިވެސްވެއެވެ.

ވެލެންސިއާއިން ބުނީ މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމާއި މެޗު ކުޅެގެން ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށާއި، އެފްއޭއެމްއިން ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރި ކަމަށް ގަބޫލުކުރާ ހިނދު އެ ކުށަށް ދީފައިވާ އަދަބަކީ ލުއި އަދަބެއް ކަމަށެވެ. އެގޮތުން މެޗް ފިކްސިންއަކީ ހަރުކަށި އަދަބު ދޭން ޖެހޭ ކުށެއް ނަމަވެސް، އެފްއޭއެމްއިން ދިން އަދަބު ދެކޮޅު ނުޖެހޭ ކަމަށް ވެލެންސިއާއިން ބުންޏެވެ.

އޭގެ އިތުރުން ވެލެންސިއާއިން ބުނީ ޓްރާންސްފާ ބޭން ކޮށްފައިވަނީވެސް ހަމަ ޖެހޭ އުސޫލަކުން ނޫން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑަކީ މެއި ނޫނީ ޖޫން މަހުގެ އަންނަ ޓްރާންސްފާ ޕީރިއަޑަކަށްވީ އިރު، އޭގެ ކުރިން ގްރީނަށް ކްލަބުގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، ރަޖިސްޓްރީ ކުރަން ފުރުސަތު ލިބޭ ކަމަށެވެ.

އެއާއެކު ވެލެންސިއާއިން ބުނީ ޓްރާންސްފާ ބޭންއަކީ ފުޓުބޯޅައިގެ ކޮންމެ ދުވަހު އާންމުކޮށް ހިނގާ ކަންކަމުގައި ދެމުން ގެންދާ ފަދަ ދަރަޖަ ދަށް އަދަބެއް ކަމަށެވެ. އަދި އެ އަދަބަކީ އާންމުކޮށް މުސާރައިގެ މައްސަލަތަކުގައި ފީފާއިން ދޭ އަދަބެއް ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ. އަދި ޖޫރިމަނާއަކީ ރަތް ކާޑުތަކަށާއި، ރީނދޫ ކާޑުތަކަށް ދޭ އަދަބެއް ކަމަށްވެސް އެ ކްލަބުން ފާހަގަކޮށް، އިތުރަށް ބުނީ މައްސަލަ ނިންމުމުގައި އެ ކްލަބުގެ ހުށަހެޅުމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެލެންސިއާގެ އިސް ފަރާތްތައް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މައްސަލަ ހުށަހެޅީ ވެލެންސިއާއިން ނަމަވެސް، އިސްތިއުނާފު ކުރުމަށް ދީފައިވަނީ ގްރީން ސްޓްރީޓްސްއަށް އެކަނި ކަމަށާއި، އެ މައްސަލައިގައި ގްރީންގެ ޕޮއިންޓް އުނިކުރުން، ނޫނީ ރެލިގޭޓް ކުރުން ފަދަ އަދަބެއް ނުދީ އޮތީ ފުޓުބޯޅައަށްވުރެ އެހެން ކަންކަން އިސްކޮށް، ބާރުގަދަ އަތްތަކަކަށް ދީލާލުމުގެ ގޮތުން ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ.

އެހެން ބުނެ، ވެލެންސިއާއިން ނިންމާފައިވަނީ މައްސަލަ އޭއެފްސީއާއި ފީފާއަށް ހުށަހަޅާނެ ކަމަށެވެ.

"މެޗް ފިކްސިން" ކަމަށްވާނަމަ، ހަރުކަށި އަދަބު ފީފާއިން މަޖުބޫރު ކުރޭ

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖޭގައި --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ފީފާގެ ލޯސް އޮފް ދަ ގޭމްއާއި ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ މާއްދާތަކަށް ބަލާލުމުން ދޭހަވާ އެއް ކަމަކީ "މެޗް ފިކްސް" ކުރުމުގެ އަމަލަކީ ހަރުކަށި އަދަބުތައް ދޭން ޖެހޭ އަމަލުތަކެއް ކަމަށެވެ. ފީފާގެ ޑިސިޕްލިނަރީ ކޯޑުގައި "މެނިޕިއުލޭޝަން އޮފް މެޗަސް އެންޑް ކޮމްޕެޓިޝަންސް"ގެ ދަށަށް މެޗް ފިކްސިން އަންނަ އިރު، ފީފާއިން ބަލައި ގޮތުގައި އެ އަމަލުތަކަށް ފެތޭ، މެޗް ފިކްސް ކުރިކަން ޔަގީންކޮށް އެނގޭ، އެއްވެސް އަމަލަކީ "އެންމެ ސީރިއަސް" ކޮށް ބަލާނެ އެއް އަމަލެވެ.

ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މެޗެއްގެ ނަތީޖާއިން ނަހަމަ ގޮތުގައި މުބާރާތެއްގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަކީ އެ ކްލަބެއް ނުވަތަ، ވަކި ކުޅުންތެރިއެއް ކުރި ނަމަވެސް، ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ގަބޫލުނުކުރެވޭ އަމަލުތަކެކެވެ. އެކަން ބެލުމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ބާރު ދީފައިވެސްވެއެވެ. އެ ބާރާއެކު، 20 ވަނަ މާއްދާގައި އަދަބުތައްވެސް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ވަކި ކުޅުންތެރިން އުމުރަށް ފުޓުބޯޅައިން ބޭރުކުރުމުގެ އަދަބާއި، ފަސް އަހަރަށް ސަސްޕެންޑް ކުރުމުގެ އަދަބުތަކާއި ޖޫރިމަނާތައް ހިމެނެއެވެ. އަދި ކްލަބެއް ނަމަ، ޕޮއިންޓް އުނިކުރުމާއި ރެލިގޭޝަންގެ އިތުރުން މުބާރާތުން ޑިސްކޮލިފައިކުރުން އަދި ފީފާ މުބާރާތްތަކުން ބޭރުކުރުންވެސް އަދަބުތަކަށް ހިމަނާފައިވެއެވެ.

އެއީ މެޗް ފިކްސިން ކަމަށް ބެލެވޭ ހާލަތްތަކުގައި މައްސަލަ ބަލައި، އަޅަން ފީފާއިން ކަނޑައަޅާފައިވާ އަދަބުތަކެވެ.

އެހެން އެކަން އޮތް އިރު، ވެލެންސިއާގެ ސުވާލަތަކަކީވެސް އެއީ ކަމަށް ބެލެވިދާނެއެވެ. ވެލެންސިއާއިން ބުނެފައިވަނީ ޓްރާންސްފާ ބޭންއާ އެކަމާ ގުޅުން ނެތް ކަމަށާއި، އަދަބު މާ ކުޑަ ކަމަށެވެ. އެހެން ނަމަވެސް، އެފްއޭއެމްގެ ނިންމުމަކީ ސީދާ މެޗު ފިކްސް ކުރި ކަމަށް ބަލައި ދިން އަދަބެއްކަން ސާފު ނުވާ އިރު، އެ މައްސަލައިގައި ނިންމީ ކޮން ކަންކަމެއް ހިނގައިގެންކަން އަދި ސާފެއް ނުވެއެވެ.

ފީފާގެ އެ ހާލަތްތަކާ ރާއްޖޭގައި ހިނގައިގެން އުޅޭ ހާލަތާ ދިމާވޭތޯ ބެލުމަށް ތަހުގީގެއް ކޮށްފައި ނުވާ އިރު، އެ ހާލަތަށް ގްރީންގެ މެޗު ދޫކޮށްލުން ފިޓްވޭތޯވެސް ބެލޭނީ ތަހުގީގަކުންނެވެ. އެހެންކަމުން އަދި އެ މައްސަލައިގައި ސީދާ ގޮތެއް ނިންމަން އެހާ ފަސޭހައެއްވެސް ނޫނެވެ. އެހެން ނަމަވެސް، މެޗް ފިކްސިންކަން ޔަގީންވާ ހާލަތެއް ނަމަ، އެފްއޭއެމްގެ އަދަބާ މެދު ވެލެންސިއާއިން އުފުލާ އަޑަކީ، ބުރަދަން ހުރި އަޑެއް ކަމަށް ބެލެވިދާނެއެވެ. ދެން އޮތީ ވެލެންސިއާއިން މައްސަލަ ގެންގޮސް، ފީފާއާއި އޭއެފްސީން ނިންމައިފާނެ ނިންމުމެކެވެ.