އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަސައްކަތް ކުރައްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ބޭރުކުރަން ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީން މިރޭ ބޭއްވި ޗެއާޕާސަންގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ނަޝީދަށް އިހާނެތިކޮށް ހިތާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ނަޝީދު އެމްޑީޕީން ބޭރުކުރުމަށް ފައްޔާޒު މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް އިންތި ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އިހާނެތިކޮށް ހިތްތެވި މަންޒަރު އަޅުގަނޑުމެންމަށް އެބަފެނޭ ރައީސް ނަޝީދު ބާކީކޮށް އެކަހެރި ކުރުމުގެ މަސައްކަތޭ އެ ކުރައްވަނީ. ރައީސް ނަޝީދުގެ ސިޔާސީ ހުނަރުވެރިކަމާއި ކުޅަދާނަކަމާ ހެދި އެ ބޭފުޅާއަކަށް އެކަމެއް ކާމިޔާބެއް ނުވާނެ،" ފައްޔާޒަށް ދިމާލަށް އަތް ދިއްކުރައްވާ އިންތި ވިދާޅުވިއެވެ.
ނަޝީދު، އެމްޑީޕީން ބޭރުކުރުމުގެ މަސައްކަތް ސަރުކާރުން ވެސް ކުރަމުންދާކަމަށް އިންތި ތުހުމަތުކުރެއްވިއެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނަޝީދާ ގުޅޭގޮތުން ކުރައްވާ ޓުވީޓުތަކުގެ ވާހަކަ އިންތި ފާހަގަކުރެއްވިއެވެ.
"ނިކަން ބައްލަވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އެހެރެކުރައްވާ ޓުވީޓު، ދެން ނިކަން ބައްލަވާ ރައީސް ނަޝީދުގެ ބާކީކުރުމަށް އެކަހެރިކުރުމަށް ކުރައްވަމުންގެންދާ މަސައްކަތެއް،" އިންތި ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކުރުމުން، ގައުމީ މަޖިލީހުގެ މެމްބަރުންނަށް ފައްޔާޒު ގުޅުއްވައި ބިރުދެއްކެވި ކަމަށް އިންތި ތުހުމަތުކުރެއްވިއެވެ.
އިންތި ވިދާޅުވީ، ހަމަލާގެ އިންކުއައިރީއެއް ހަދަން އެދިވަޑައިގެންނެވީ ނަޝީދު ކަމަށާއި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ ކޮމިޓީން ނަޝީދުގެ އެ ހުށަހެޅުއްވުން ބޭރުކޮށްލި ކަމަށެވެ. އެގޮތަށް ކޮމިޓީގެ މެމްބަރުން ކަންތައްކުރެއްވީ ފައްޔާޒު ގުޅައި ބިރު ދެއްކެވުމުން ކަމަށްވެސް އިންތި ތުހުމަތުކުރެއްވިއެވެ.
"ރޭގަ ބަހުސްގައި ވަޒީރު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހަންމަތަކުރަމޭ، ހަންމަތަކުރާ ބައެއް ނޫންތޯ މަޖިލީހުގެ ކޮމިޓީ ކޮންޓްރޯލް ކުރާނީ،" އިންތި ވިދާޅުވިއެވެ.
އިންތިގެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު ވަނީ އިންތިހާބަކާ ދިމާކޮށް ނަޝީދަކީ ކުޑަކުޑަ ޝަހުސިއްޔަތަކަށް ހައްދަވަން އުޅުއްވަނީ ކީއްވެތޯ ސުވާލުއުފައްދަވައިފައެވެ، އަދި ވިދާޅުވީ ނަޝީދު، އެމްޑީޕީން ބޭރުކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށާއި އިންތިހާބަކުން މޮޅުވުމަށް މުޅި ޕާޓީ ފުނޑާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ އަރިހުގައި އައްސަވާ، އަޅުގަނޑަށް ރައީސް ނަޝީދު މިޕާޓީން ބޭރުކުރެވިދާނެތޯ. ފަހަރުގާ ވިދާޅުވެދާނެ އަޅުގަނޑު ޗެއާޕާސަންއަކަށް އައިސްގެން ތިމަންމަނިކުފާނު ބޭނުންހާ ގޮތެއް މިތާކު ނުހެދޭނޭ،" ފައްޔާޒު ވިދާޅުވިއެވެ.
ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެނަމަ މަސައްކަތް ކުރައްވާނީ މީގެ ކުރިން ވެސް ނަޝީދާއެކު މަސައްކަތް ކުރައްވަމުން ގެންދެވި ގޮތަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު