ހެކި ލިބިއްޖެނަމަ، ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންނަށް އަދިވެސް ދައުވާ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދިނީ ހައެއް މެއި 2021 ގައެވެ.

އެހަމަލާގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާއިރު، އެ މައްސަލައިގައި ބައެއްމީހުންނަށް ދައުވާކޮށް، އަދި ހުކުމްވެސް ވަނީ ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އެ ކަމާގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާބެހޭ ތަހުގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅައިފައި އޮތް އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ މައްސަލައިގެ ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމުގެ ކަންތައް ވެސް ކުރިއަށްދިޔައީ، ފުލުހުންގެ ތަހުގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެމައްސަލައަށް ހާއްސަކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން ދެ މީހަކު، ހުރިހާ ވަގުތެއްގައި ފުލުހުންނާ އެކީ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ ފަހުން، އެ މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެ ކަމަށައީ، އެގޮތުން، އެމެރިކާ އާއި، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާ އާއި، އެހެނިހެން ގައުމުތަކުގެ ފަންނީ އެހީތެރިކަން އަބަދުވެސް ލިބެމުން ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު، ވެފައިވާ އިއުތިރާފުގެ މައްޗަށް ހުކުމްކޮށް، އެހުކުމް ތަންފީޒު ކުރަމުން އަންނަ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހަތް މީހެއްޗެއް މައްޗަށް ދައުވާ އުފުލާފައިވާ މި މައްސަލައިގައި ހުކުމް އިއްވާފައި ވަނީ އެ ހަމަލާ ދޭން އަތަމާ ޕެލެސް ކައިރީ ރިމޯޓު ހިފައިގެން ހުރެ، އެ ރިމޯޓް މެދުވެރިކޮށް ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް އެކަންޏެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ، މިމައްސަލައިގައި އެހެން މީހުންގެ މައްޗަށް ކުރި ދައުވާ ތަކަށްވެސް، ކާފީ ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. އެ ހެކިތަކުގެ ތެރޭގައި، އިއުތިރާފު ބަޔާނުގެ އިތުރުން، ޑީއެންއޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކްހެކިތަކުގެ އިތުރުން، ހަބީރުންގެ ބަސް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށާއި، އެފުރުސަތު ކޯޓުތަކަށް ލިބިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ، މިމައްސަލައިގެ ތަހުގީގާއި، ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ގެންދެވީ، ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރައްވަމުން ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާތަކުގައި އެމަނިކުފާނުންގެ ކަންބޮޑުވުމެއް ނެތްކަމަށް، ވިދާޅުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަން އެގޮތަށް އޮއްވައި، ޕީޖީ އޮފީހުން ބުނެފައި ވަނީ، ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި މީހެއްގެ މައްޗަށް މިހާރު ދައުވާ ކުރެވިފައި ނެތުމަކީ، ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ނުކުރޭނެކަމުގެ ހުއްޖަތެއް ނޫނެވެ. ވީމާ، މިމައްސަލައާ ގުޅިގެން ހައްޔަރު

ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރަން ނިންމާނެ ކަމަށްވެސް ބުނެފައިވެއެވެ.