މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެލި ބަސްތާ ޖަހައި ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިސްވެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ފުލުހުން، މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި ސިޓީ ކައުންސިލާއި ކުންފުނިތައް ގުޅިގެން ވަނީ ރެސްޕޮންސް އޮޕަރޭޝަނެއް އެކުލަވާލައިފައެވެ.

އެމްއެންޑީއެފުން ބުނީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމުތަކުން ދަނީ ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދަމުން ކަމަށެވެ. އަދި ގެތަކާއި ފިހާރަތަކަށް ފެން ވަދެ ގެއްލުންވިޔަ ނުދިނުމުގެ ގޮތުން، މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންނާއި ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަގުތަކުގައި ފެންބޮޑުވެ އާންމުންގެ މުދަލަށާއި ދިރިއުޅޭ ގެދޮރަށް ގެއްލުންވަމުންދާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަތުރުފަތުރަށް ހުރަސްއެޅޭ ކަންކަން ހައްލުކޮށް، ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވުމަށް ފުލުހުންގެ ޓީމުތައް މަގުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އެހެންކަމުން ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކަށް ސަމާލުވެ ތިބުމަށް ވަނީ އިރުޝާދު ދީފައެވެ.