ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑު ކަނޑައެޅުން ރައީސް އޮފީހުގެ ކިބައިން ވަކިކޮށް، އެކަން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފޮއިން ސާވިސްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅިގޮތަށް އެ އިސްލާހު ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 44 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ފޮރިން ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، ފިނޭންސް އާއި ޕޭ ކޮމިޝަންގެ ލަފާގެ މަތިން ކަނޑައަޅާނީ ރައީސް އޮފީހުން ކަމަށެވެ.
ނަމަވެސް އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން، ފޮރިން ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް، ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ކަނޑައަޅާނީ، ފިނޭންސް މިނިސްޓްރީންކަމަށް މިއަދު ފާސްކުރި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން ރިޓަޔަރކުރާ، މުވައްޒަފުންނަށް އިނާޔަތް ދޭން ވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ފޮރިން ސާވިސްގެ މުވައްޒަފުން ރިޓަޔަރކުރެވޭ އުމުރަކީ 65 އަހަރު ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާއިރު، އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް ވެސް ރިޓަޔަރކުރުމުގެ އިހްތިޔާރު ގާނޫނުން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު