ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ.ސީވީޑް އަހުމަދު ލަތީފް، އަނބުރާ ގެނެސް، އެގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްމަރާއަށް ހުށަހަޅުއްވައިފިއެވެ.
އެ ބަދަލު ގެންނެވުމަށްޓަކައި، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވަވައިދެއްވީ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.
ރައީސްގެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
އެ ބަދަލަށް މަޖިލީހުން ގޮތެއް ކަނޑައަޅާނީ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް، ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ސީވީޑް އަހްމަދު ލަތީފު އައްޔަނު ކުރެއްވީ، 20 ޖެނުއަރީ 2019 ގައެވެ. އައިޝަތު ޝާން ޝާކިރު، މީގެ ކުރިން ހުންނެވީ ބަނގްލާދޭޝްއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު