މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ، މި ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި ކްލަބު ދޫކޮށްލަން ތައްޔާރުވެފައިވާ ކަމަށް ކޯޗު ރާފް ރަންގްނިކް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ޕޮގްބާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާ އިރު، އެކި ފަހަރު މަތިންވެސް އެއްބަސްވުން އާކުރުމަށް ދެކެވުނު ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ. ހާއްސަކޮށް ޕޮގްބާއަށް އެކި ފަހަރު މަތިން ޔުނައިޓެޑްގައި ދިމާވި ނުތަނަވަސް ކަމާއެކު އެޖެންޓް މިނޯ ރައިއޯލާއާ ޔުނައިޓެޑްގެ ގުޅުން ވަނީ ގޯސްވެފައެވެ.
އިއްޔެގެ ޕްރެސްގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބުނެފައި ވަނީ މިވަގުތު ހާލަތު އޮތް ގޮތުން ޕޮގްބާއާ އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށެވެ.
"މިހާރު ހާލަތު އޮތް ގޮތުން ޕޮގްބާ ޔުނައިޓެޑާއެކު އެއްބަސްވުން އާ ކުރާނެ ކަމަކަށް ނުބެލެވޭ. އެހެންވީމަ ޕޮގްބާ އަންނަ ސީޒަންގައި ނުހުންނާނެ ކަމަށް ވަރަށް ބެލެވޭ،" ރަންގްނިކް ޕްރެސްގައި ބުނެފައިވެއެވެ.
މީގެ ކުރީގެ ހަބަރުތައް ބުނެފައިވާ ގޮތުގައި އެއްބަސްވުން އާކުރަން ޕޮގްބާވެސް އަދި ޔުނައިޓެޑްވެސް ބޭނުމެއް ނުވެއެވެ. 105 މިލިއަން ޔޫރޯއަށް ޔުވެންޓަސް އިން 2016 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ ރެކޯޑު ޓްރާންސްފާއެއްގައި، ސީޒަނެއްގެ މައްޗަށް 12 މިލިއަން ޕައުންޑް ޖެހޭ މުސާރައަކަށެވެ. ނަމަވެސް އެ އަގުބޮޑު ޓްރާންސްފާއާ ގުޅިފައިވާ އުންމީދުތައް ޕޮގްބާގެ ފަރާތުން ޔުނައިޓެޑަށް އަދި ހާސިލުކުރެވިފައެއް ނުވެއެވެ.
ޔުނައިޓެޑާއެކު މާޔޫސްވެފައި ހުރި ޕޮގްބާ މިވަގުތުވެސް ހުރީ އަނިޔާގައެވެ. ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސީޒަންގެ ބާކީ ބައިގައި ދެން އޮތް މެޗުތަކުން ޕޮގްބާ ނުފެންނާނެއެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ