ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅި ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކުރީ ބަދަލުހިފުމަށް: އެޗްއާރުސީއެމް

މުހައްމަދު އިޝާން

ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅި ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކުރީ އެ މައްސަލަ ފެންމަތިކުރުމުން ބަދަލުހިފުމަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެ ޓީޗަރުން ތަމްސީލުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެޗްއާރުސީއެމުން އެގޮތަށް ނިންމި ލިޔުމާއެކު މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ޓީޗަރުންތަކަކަށް ފުރައްސާރަކުރުމާއި ޖިންސީ ފުރައްސާރަކުރަމުންދާތީ ލީޑިން ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުންނަށް އިސްތިއުފާ ދިނުމަށް މަޖުބޫރުވުމުގެ ސަބަބުން އެ ޓީޗަރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިއްލައަށް އިސްތިއުފާދީ ޕްރިންސިޕަލުގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި ކަމަށެވެ.

ޕްރިންސިޕަލްގެ މައްސަލަ ހުށަހެޅުމުން ސީއެސްސީން ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމަށް އިލްތިމާސްކުރި ކަމަށާއި އެއަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް 27 ގައި އެ ސްކޫލުގައި މަސައްކަތްކުރާ ބައެއް ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ޕީއައިއެލްސީން ބުންޏެވެ.

ޕީއައިއެލްސީން ބުނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެ މައްސަލަ ބެލި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމެޓީގެ އިއްތިފާގުން މައްސަލަ ނިންމާފައިވަނީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް ކަމަށެވެ.

"އެހެންނަމަވެސް، އެ މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބައިކަން އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އަންގައިފައެއް ނުވެއެވެ. އެއަށްފަހު އެ މައްސަލަ ހުށަހެޅުމާއި، ހެކިބަސް ދިނުމާއި، އެ ކުށާ ދެކޮޅަށް އަޑުއުފުލި ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެގޮތަށް އަމަލުނުކުރުމަށް އެދި މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ މައްސަލަ ހުށަހެޅުމާއި، ހެކިބަސް ދިނުމާއި، އެ ކުށާ ދެކޮޅަށް އަޑުއުފުލި ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކޮށް 13 ޖުލައި 2021 ގައި ފިޔަވަޅު އަޅާފައިވެއެވެ..،" ޕީއައިއެލްސީން ބުންޏެވެ.

އިއްޒުއްދީން ސްކޫލުގެ އެ ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުން ނޫންކަމަށް ބަޔާންކޮށް މީގެ ކުރިން އެޑިއުކޭޝަނުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށާއި ނަމަވެސް ޕީއައިއެލްސީން އެ މައްސަލަ ދިރާސާކުރި އިރު، އެ ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުންކަން މައްސަލައިގެ ކަންހިނގާފައިވާ ގޮތަށާއި ހެއްކާއި ގަރީނާއަށް ބެލުމުން އެނގުނު ކަމަށް ވެސް ޕީއައިއެލްސީން ބުންޏެވެ.

"އެޑިއުކޭޝަން މިނިސްޓްރީންނާއި ސިވިލް ސާވިސް ކޮމިޝަނުން އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ އިސްވެ ދެންނެވި ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް ފެންނާތީ، އެ ޓީޗަރުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅިއެވެ..،" ޕީއައިއެލްސީން ބުންޏެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެޗްއާރުސީއެމްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކަނޑައަޅައި ނިންމާފައިވަނީ އެ ހަތަރު ޓީޗަރުންގެ ތެރެއިން އއ. އުކުޅަސް، ސްޓާލިންކް، އިނާޔާ މުހައްމަދާއި ހ. ފެންތިލަގެ، ސިރުހާން އިދުރީސް އަދި ފ. ބިލެއްދޫ، ނޫރަންމާގެ ޖައުފަރު ހަމީދު އެހެން ސްކޫލުތަކަށް ބަދަލުކޮށްފައިވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ނިންމުމުގައިވެއެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖޫން 27 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ، ޖިންސީ ގުނަވަނަކާ ދިމާއަށް އޭނާ ބަލަން ހުރި ކަމަށް މުވައްޒަފު ބަޔާންކޮށްފައިވުމާއި، އަދި އެ މަންޒަރު އެ ސްކޫލުގެ ދެ ލީޑިން ޓީޗަރަކު ދީފައިވާ ބަޔާނުން އެނގެން އޮތުމުންނެވެ.

ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު އެހެން ސްކޫލުތަކަށް ބަދަލުކުރީ އަހަރުގެ ކުރީކޮޅު އެ ސްކޫލުގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާދިނުމާ ގުޅިގެން އެ ސްކޫލުގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށާއި އިއްޒުއްދީން ސްކޫލުގެ މުދައްރިސުންތަކެއް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ، މިނިސްޓްރީގެ ކޮމިޓީން ބަލައި އެކުލަވައިލި ރިޕޯޓުގައިވާ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުކޮށްފައިވަނީ ދިރާސީ އަހަރު ނިމެން އުޅެނިކޮށް އެފަރާތުން އަތޮޅުތެރޭގެ އެހެން ސްކޫލަކަށް ބަދަލުވުމަށް އެދި ހުށަހެޅުމުން އެއަށް ރިއާޔަތްކޮށް ކަމަށާއި އެކަމާ އެފަރާތަށް ތުހުމަތުކުރެވި ބެލެމުން ދިޔަ މައްސަލައަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޕްރިންސިޕަލް ބަދަލުކުރެވުނީ ޕްރޮމޯޝަނަކާއެކު އެއަށްވުރެ ބޮޑު ސްކޫލަކަށް ނޫން ކަމަށާއި އެ ބަދަލާ ގުޅިގެން އޭނާއަށް ޕްރޮމޯޝަނެއް ދެވިފައި ނުވާ ކަމަށް ވެސް އެޑިއުކޭޝަނުން އޭރު ބުންޏެވެ.