"އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރު ބާތިލުކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
"އިންޑިއާ އައުޓް" ކެމްޕޭން ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ހ. ދޫވެހީގައި އިއްޔެ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާއެއް ހަރުކޮށްފައެވެ. އެ ބެނާ ފުލުހުން ވަނީ މިއަދު ކޯޓު އަމުރެއްގެ ދަށުން ނަގައިފައެވެ.
އެކަމާ ގުޅިގެން މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ރައީސް ނެރުއްވި ގަރާރަކީ ގާނޫނާހިލާފު ގަރާރެއް ކަމަށާއި އެ ގަރާރު ބާތިލުކުރުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް، އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ގަރާރެއް، އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތް ކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށާއި މިއަދު ބެނާތައް ނެގިއަސް ކުރިއަށް އޮތް ތަނުގައި އިތުރު ބެނާތައް ފެނިގެންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށާއި އެހެން ގޭގައި ހުރި ބެނާތައް ވެސް ނެގުމަށް ފުލުހުން ދިޔައީ ބަލައި ފާސްކުރުމުގެ އަމުރެއް ހިފައިގެން ކަމަށާއި ނަމަވެސް އެ އަމުރުގައި ބެނާތައް ނެގުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ބައްލަވާ އިންޑިއާ ބެނާއެއް ދަމާލީމަ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ދެފައި ތުރުތުރު އަޅައިގަނެގެން ނުހުރެވިގެން ގޮސް ގަރާރު ނެރޭ ހިސާބަށް ދިޔައީމަ މިއީ ތަންކޮޅެއް ބޮޑުވަރު،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ފުލުހުން މިއަދު އަމަލުކޮށްފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އަދި އިސްލާމްދިނާ ހިލާފު ނުވާ ގޮތަށް ލިޔެފައިވާ ކޮންމެ ޝިއާރެއްވެސް ގޭގައި ހަރުކުރެވޭނެ ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު