ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި 6-1 ނަތީޖާއަކުން ކްލާމޮންޓް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ޕީއެސްޖީން ކްލާމޮންޓް ބަލިކުރީ ނޭމާއާއި ކިލިއަން އެމްބާޕޭގެ ގޯލުތަކުގެ އިތުރުން ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކުގައެވެ. މެޗުގައި ނޭމާއާއި އެމްބާޕޭވެސް ހެޓްރިކް ހަދާފައިވާ އިރު، މެސީ ވަނީ ތިން އެސިސްޓް ހަދައިފައެވެ.
ރޭގެ ނަތީޖާއާ އެކު ޕީއެސްޖީން ވަނީ ފްރާންސް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފައެވެ. އެޓީމަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތީ ރޭ ރެއިމްސް ބަލިކުރި ރެނެސްއެވެ. ރެނެސް އަށް 31 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މާސޭ އަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފައެވެ.
މިރޭ މާސޭ އިން މޮންޓެޕިއޭ އަތުން މޮޅުވެގެން ދެ ވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ކުރީގައި އޮތް ޓީމުތަކަށް ގާތްގަނޑަކަށް ހަތް މެޗު ބާކީ އޮތް އިރު، ޕީއެސްޖީ އޮތީ 15 ޕޮއިންޓްގެ ލީޑެއްގައެވެ.
ރޭގެ މެޗުގެ 20 ވަނަ މިނެޓާ ހަމައަށް ދިޔައިރު، އެމްބާޕޭއާއި ނޭމާގެ ގޯލުތަކުން ޕީއެސްޖީ ދެ ގޯލުގެ ލީޑެއް ނެގިއެވެ. އޭގެފަހުން ކްލާމޮންޓްގެ ޖޮޑެލް ޑޮސޫ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ނޭމާގެ ޕެނަލްޓީއަކާއި އެމްބާޕޭގެ ދެވަނަ ގޯލާއެކު ޕީއެސްޖީން އަނެއްކާވެސް ލީޑު އިތުރަށް ފުޅާކުރިއެވެ.
އެމްބާޕޭގެ ތިންވަނަ ގޯލަކީ ދުރުކަނަށް އޭނާ ކާވް ކޮށްލި ހިތްގައިމު ގޯލެކެވެ. މެޗުގައި ނޭމާ ހެޓްރިކް ފުރިހަމަ ކުރީ ނިމެން ދަނިކޮށެވެ.
ރޭގެ މެޗުގައި އެމްބާޕޭ ޖެހި ތިންވަނަ ގޯލަކީ އޭނާ މި ސީޒަންގައި ޖެހި 31 ވަނަ ގޯލެވެ. ސީޒަން ނިމުމަކާ ގާތްވެފައިވާ އިރު، އެމްބާޕޭގެ ޓްރާންސްފާއަށް ވަނީ ގިނަ ލޯތަކެއް އަމާޒުވެފައެވެ. މި ސީޒަނަށްފަހު އެމްބާޕޭ ރެއާލް މެޑްރިޑަށް ދާނެ ކަމަށް ކުރިން ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް، މިހާރު މީޑިއާގައި ވާހަކަތައް ހުރި ގޮތުން އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ބެލެވެއެވެ. އެއީ ބޮޑު މުސާރައެއް ހިމެނޭ އެއްބަސްވުމަކާ އެކުގައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ