ޔޫއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލުން ސެމީއާ ގާތަށް، ސިޓީވެސް ފުރަތަމަ މެޗުގައި އެތުލެޓިކޯ ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ފަށާފައިވާ އިރު، ރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗުން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް މޮޅުވެއްޖެއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ސިޓީން ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ޕޯޗުގަލްގައި ބެނިފީކާ ކައިރީގައި ލިވަޕޫލުން މޮޅުވީ 3-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާތަކާ އެކު ސެމީގެ ފުރުސަތު އެންމެ ބޮޑަށް އޮތް ޓީމަކީ ލިވަޕޫލް ކަމަށް ބެލެވިދާނެއެވެ. އެއީ ރަށުން ބޭރުގައި ދެ ގޯލުގެ ތަފާތެއްގައި އޮވެ މެޗުން މޮޅުވެފައި ވުމުންނެވެ.

ރޭ ސިޓީއާއި އެތުލެޓިކޯ ކުޅުނު މެޗަށް ފޯކަސް އޮތީ ބޮޑުވެފައެވެ. އެއީ އެތުލެޓިކޯއިން އަބަދުވެސް ދަމަހައްޓަމުން އަންނަ ޑިފެންސާއި ޕެޕް ގާޑިއޯލާގެ ސިޓީގެ ވަރުގަދަ އެޓޭކްގެ ކުރިމަތިލުން ޝައުގުވެރިވާނެތީއެވެ. އެ ކުރިމަތިލުން މެޗުގައި ވަރަށް ރަނގަޅަށްވެސް ފެނުނެވެ. އެތުލެޓިކޯއިން މެޗުގައި ކުރިއަށް ޖެހިނުލައި ބެލީ ޑިފެންސް ކުރުމަށެވެ. ސިޓީގެ ގޯލަށް އެތުލެޓިކޯއިން ނުރައްކާވެސް ކޮށްފައެއް ނުވެއެވެ.

ސިޓީއަށް ރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ޗެލެންޖަކީ އެތުލެޓިކޯއިން ފިއްތާލައިގެން ކުޅުނު ޑިފެންސް ފޫއަޅުވާލުމެވެ. އެ ޗެލެންޖު ފުރިހަމަކުރަން ސިޓީއަށް އުނދަގޫތައްވެސް ކުރިމަތިވިއެވެ. ފުރަތަމަ ހާފުގައިވެސް ސިޓީން އެތުލެޓިކޯގެ ޑިފެންސް ފޫއަޅުވާލަން ގިނަ ޕާސްތަކެއް ކުރި ނަމަވެސް، އެންމެ އެދެވޭ ފުރުސަތެއް ތަނަވަސް ކުރެވުނު ތަނެއް ނުފެނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ސިޓީން ކުރިއަށް ޖެހި، އެތުލެޓިކޯ ޑިފެންސް ފޫއަޅުވާލަން ގޮތެއް ހޯދަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެކަން ހާސިލުކުރަން އުނދަގޫވިއެވެ. ޑިއޭގޯ ސިމިއޯނީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ރޭގެ މެޗުގައި ގާޑިއޯލާ ބޭނުންކުރި ހަތިޔާރަކީ ބެންޗުން މެޗަށް ނެރުނު ފިލް ފޮޑެންއެވެ. ފޮޑެން މެޗަށް ނުކުމެ އިރުކޮޅެއްވެސް ނުވަނީސް ދުއްވާލި ޕާހުން ސިޓީން މެޗުގެ ލީޑު ނެގިއެވެ. ފޮޑެންގެ ރީތި ޕާސް ގޯލަށް ނިންމާލީ ކެވިން ޑިބްރޭނާއެވެ.

އޭގެ ފަހުންވެސް ފޮޑެން ފެނުނީ ތަފާތު މޮޅުކޮށެވެ. ޑިބްރޭނާއާ އޭނާ އެކުވެ ހަމަލާތައްވެސް އުފެއްދިއެވެ. ނަމަވެސް މެޗުގައި ސިޓީއަށް ދެ ގޯލުގެ ލީޑެއް ނެގޭ ގޮތެއް ނުވިއެވެ.

ރޭ ލިވަޕޫލުން ބެނިފީކާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެ ގޯލުތައް ޖެހީ އިބްރާހީމް ކޮނާޓޭއާއި ސަޑިއޯ މާނޭއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޑާވިން ނޫނޭޒް ބެނިފީކާއަށް ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗު ނިމެން ދަނިކޮށް ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ. ޑިއާޒް ބެނިފީކާ ކޮޅަށް ގޯލު ޖަހައި ރޭ މޮޅަށް ކުޅުނު އިރު، ބެނިފީކާއަކީ ކުރިން ޑިއާޒް ކުޅުނު ޕޯޓޯގެ އެންމެ ވާދަވެރި ކްލަބުވެސް މެއެވެ.

ސިޓީއާއި އެތުލެޓިކޯ އަދި ލިވަޕޫލާއި ބެނިފީކާ ވާދަކުރާ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.