ޚަބަރު

މިނިސްޓަރު މައުސޫމް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

މުހައްމަދު އިޝާން

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރުކުރަން އެޖެންޑާކޮށްފިއެވެ.

ޑރ. މައުސޫމް ހާޒިރުކުރަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ސުވާލުކުރެއްވުމަށެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް ހިމަނާފައިވަނީ ވެސް ޑރ. މައުސޫމާ ސުވާލުކުރެއްވުމެވެ.

ރިޔާޒު ކުރައްވާ އެ ސުވާލަކީ، ތ. އަތޮޅުގައި ރިސޯޓު ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވީ ނަމަވެސް، އެ ރަށްތަކުގައި ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާތީ އާއި އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ، އެކަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އޮޅުންފިލުއްވުމާ ގުޅޭގޮތުންނެވެ. އެ ސުވާލަށް ޑރ. މައުސޫމް ޖަވާބުދެއްވުމަށްފަހު އިތުރު ވަގުތު އޮތްނަމަ މަޖިލީހުގެ އެހެން މެމްބަރުންނަށް މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މާދަމާގެ އެޖެންޑާގައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް އަހްމަދު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ކުންފުނީގެ ބިލުގެ ބަހުސްގެ ނުނިމި އޮތް ބައި ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 10:30 ގައެވެ. މިއީ މި ރަމަޟާން މަހުގެ ތެރޭ ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.