ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހުންގެ މައްސަލަ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު ދައުވާލިބޭ މީހުންގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވެން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހަޅާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ 100 އަށްވުރެ ގިނަ ހެކި ސިއްރުކުރަން އެދިފައެވެ.
މިއަދުގެ އަޑުއެހުމުގައި އެ ހުށަހެޅުމަށް ގޮތެއް ނިންމުމަށް އޮތް ނަމަވެސް، ހެކި ސިއްރުކުރަން އެދި ދައުލަތުން ހުށަހެޅި ފޯމު ދައުވާލިބޭ ފަރާތްތަކުގެ ވަކީލުންނަށް ލިބިފައިނުވާތީ ގޮތެއް ކަނޑައެޅުން ވަނީ ފަސްކޮށްފައެވެ. އަދި ދައުވާ ލިބޭ މީހުން ދައުވާއަށް އިންކާރުކޮށްފައިވުމުން ދިފާއުގައި ހެކި ހުށަހެޅުމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ދައުލަތުން ގޮވާތަކެތި އެހެންތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއްކުރަން ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ދައުވާކޮށްފައިވާ އިސްހާގުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ދައުވާގައި ސާފުނުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ދިވެހި ބަހުގެ ގަވާއިދާ ހިލާފަށް ދައުވާ ލިޔެފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. އެ މައްސަލައަކީ މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ފަނޑިޔާރުންގެ ބެންޗުން އިސްނަގައިގެން ދައުލަތާ ވެސް ސުވާލުކުރެއްވި މައްސަލައެކެވެ.
ޔާމީން ވިދާޅުވީ ދައުވާގައި އޮތީ އައިއީޑީ (ބޮމް) ހަރުކޮށްފައިވާ "ސައިކަލު ބެހެއްޓުމުން އަދުހަމް ގޮއްވާލާފައިވާތީ" ކަމަށެވެ. އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ. އޭނާއަކީ ބޮމް ގޮއްވާލި މީހާއެވެ. އެކަމަށް އިއުތިރާފުވެފައިވާތީ އޭނާ ވަނީ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ޔާމީން އިތުރަށް ވިދާޅުވީ ދައުލަތުން ހުށަހެޅި ދައުވާގައި ވަނީ ރައީސް ނަޝީދުގެ ހަށިގަނޑަށް ގެއްލުންދޭން އުޅުނީ "ސައިކަލުގައި އައިއީޑީ ހަރުކޮށް، އަދުހަމް ގޮއްވާލައިގެން" ކަމަށެވެ.
އެ ދެ އިބާރާތް ފާހަގަކުރުމަށްފަހު ޔާމީން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮއްވާލީ ބޮމެއްކަން ނުވަތަ އަދުހަމްކަން ސާފުނުވާ ކަމަށެވެ. އަދި އިންސާނަކު ގޮވައިގެން ދާނީ ކޮންހަމައަކުންތޯ ވެސް އޭނާ ސުވާލު އުފެއްދިއެވެ.
ދައުވާގައި އެހެން ކުށެއް ކަމަށްވާ "ނީލޯފަރުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ބެހެއްޓުމުން" އެތަންކޮޅު ފާހަގަކޮށް ޔާމީން ވިދާޅުވީ، އެ ކަންމައްޗަކީ ސައިިކަލުތަކުގައި އޮޓޯއިން އައިއީޑީ ހަރުކުރެވޭ ސަރަހައްދެއްތޯއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ދައުވާގައި ވަނީ އަދުހަމް ގޮއްވާލި ވާހަކަ ނޫން ކަމަށާއި ދައުވާގައި ވަނީ އަދުހަމް ބޮމެއް ގޮއްވާލި ވާހަކަ ކަމަށެވެ. އަދި ދައުވާގައި ކޮމާ ބޭނުންކޮށްފައިވާ ގޮތް ޔާމީން ބެލުމުން އެކަން ސާފުވާނެ ކަމަށެވެ.
ދައުލަތުގެ ވާހަކަތަކައް ރައްދު ދިނުމުގެ ބަދަލުގައި ޔާމީން އެދުނީ، ބޮން ގޮއްވާލި މައްސަލައިގައި ފުލުހުން ހޯދި ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކުރަން އޮސްޓްރޭލިއާއަށް ފޮނުވާފައިވާތީ އާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) މެދުވެރިކޮށް ބައެއް ހެކިތައް ތަހުލީލު ކުރާތީ އެ ތަހުލީލުތަކުގެ ރިޕޯޓް ލިބެންދެން ޝަރީއަތް ކުރިއަށް ނުގެންދިޔުމަށެވެ. ޔާމީން ވިދާޅުވީ އެއީ މައްސަލައިން ދިފާއުވުމަށް ވެސް މުހިންމު ހެކިތަކެއްގެ ގޮތުގައި ދިފާއަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
ނަމަވެސް ދައުލަތުން ވިދާޅުވީ ބޭރަށް ފޮނުވި ހެކިތަކުގެ ތަހުލީލުތަކުގެ ރިޕޯޓް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި މި ވަގުތު ލިބިފައި ހުރި ހުރިހާ ރިޕޯޓްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ނިންމެވީ ފަހުން އެ ރިޕޯޓްތައް ލިބިގެން ކޯޓަށް ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތެއް ނިންމުމަށެވެ.
މައްސަލައިގައި ހިމެނޭ ފަހުމީގެ މައްޗަށްކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމެވެ. ހައިޝަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމް އަމަލެއް ކުރަން ރޭވުން އަދި ގޮވާތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުންގެ ދިފާއީ ވަކީލު، އަހުމަދު ޝަފީއު ވިދާޅުވީ، ހައިޝަމަށް ކުރާ އެއް ދައުވާގައި "އައިއީޑީ ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި" ކަމަށް ބުނެފައިވާއިރު ދެވަނަ ދައުވާގައި އޭނާ "އައިއީޑީ ހަރުކޮށްފައިވާ" ކަމަށް ލިޔެފައިވާ ކަމަށެވެ. އެ ދެ ދައުވާގެ އިބާރާތް ތަފާތު ވަނީ އެ ދެ ކުށުގެ އުންސުރުތައް ތަފާތުވާތީ ކަމަށް ދައުލަތުން ވިދާޅުވެފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ދައުވާލިބޭ ފަރާތެއް ކަމަށްވާ މުޖާޒު ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ބުނީ، އެ މައްސަލައިގައި ހިމެނޭ އެންމެން ބަންދުކޮށްފައި ވަނީ ވަކިވަކި ގޮޅިތަކެއްގައި ކަމަށެވެ. އެގޮތަށް ވަކި ގޮޅިތަކެއްގައި ބަންދުކޮށްފައި ތިބެން ޖެހުމުގެ ސަބަބުން ނަފުސާނީ ގޮތުން އަސަރުކުރާ ކަމަށެވެ. އަދި ދަންވަރު ގަޑީގައި ކަރެކްޝަންސްގެ އޮފިސަރުން ކުއްލި ގޮތަކަށް ގޮޅިތަކަށް ވަދެ، ފާސްކުރާ ކަމަށާއި ގޮޅިތަކުގެ އިސްކުރުން އަންނަ ފެނުގައި ތެރަސް ރަހަ ލާ ކަމަށް ވެސް މުޖާޒު ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން ޖަވާބުދާރީވަމުން ދައުލަތުން ވިދާޅުވީ، ދައުވާލިބޭ މީހުން ވަކި ގޮޅިތަކެއްގައި ބަންދުކޮށްފައި ބައިތިއްބަނީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހެދި ހާއްސަ އެސެސްމަންޓްތަކަކަށް ފަހު ކަމަށެވެ. ނަމަވެސް ދައުވާލިބޭ ހައިޝަމް ބުނީ އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ބެހެއްޓީ 15 މީހުން ތިބި ގޮޅިއެއްގައި ކަމަށެވެ.
ޝަކުވާތަކާ ގުޅިގެން ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ވަކި ގޮޅިއެއްގައި މީހަކު ބަންދުކުރަން ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށާއި އަމުރުކުރެވޭނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓަން ކަމަށެވެ.
މި މައްސަލައިގައި ދައުވާލިބޭ ހުރިހާ މީހުން ވެސް ވަނީ ދައުވާތަކައް އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު