ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް ތައްޔާރު ވެއްޖެއެވެ. ގަދަ ހަތަރު ޓީމުގެ ކުރިމަތިލުމަށް ކުރި އިންތިޒާރު ރޭ ނިމޭނެއެވެ. 91 ޓީމުގެ ބައިވެރިވުމުން ފެށި މުބާރާތުގެ ސެމީ ފައިނަލްގެ ޝަރުފު ލިބުނު ހަތަރު ޓީމަށް މިރޭ އޮތީ ރަށުގެ ހައްގުގައި މޮޅުވުމެވެ. ޔަގީނުންވެސް ދަނޑުމަތިން ރަށުވަންތަ ލޯބި ފެނިގެންދާނެއެވެ. ރަށުގެ ޖާޒީގައި ޝަރަފަށްޓަކައި ކުޅޭނެ މަންޒަރުވެސް ފެންނާނެކަން ޔަގީނެވެ. ސަޕޯޓަރުންގެ ފޯރި ގަދަވާނެ ސަބަބަކީވެސް އެއީއެވެ. ރަށާއި އަތޮޅުގެ ނަމަށް ޓީމުތައް ނުކުންނަ އިރު، މެޗުތަކަށް ރަށްރަށް އެކީ އޮތީ ތައްޔާރަށެވެ.
ގާފަރަކީ މިހާރު ފުޓްސަލްގެ ބޮޑު ނަމެކެވެ. ތަރިންތަކެއް ނިސްބަތްވާ ވަރުގަވެސް ނަމެކެވެ. މުބާރާތަށް ގާފަރު ނުކުތް އިރުވެސް އެޓީމަކީ ގިނަ ބައެއްގެ ނަޒަރުގައި ނުރައްކާތެރި ޓީމެކެވެ. އެކަން ފެނިގެންވެސް ހިނގައްޖެއެވެ. ޓީމެއްގެ ގޮތުގައި ޓެކްޓިކަލީ އެންމެ ރަނގަޅު އެއް ޓީމަކީ ގާފަރެވެ. އެޓީމު ބަލިކުރުން އެއީ އުނދަގޫވ ވާނެ ޗެލެންޖެކެވެ. ތަރިންގެ ގާފަރުން ތަފާތު ދައްކައިފިއެވެ. ފަހަތުގައި އޮތީ ރަށުގެ ލޮބުވެތި ރައްޔިތުންނެވެ. ޖަޒުބާތުގައި ކޮންމެ ރެޔަކު ދެމުން އަންނަ ހިތްވަރު ކުޅުންތެރިން ސާބުތުކޮށްދެނީ އެހެންވެއެވެ.
ގާފަރަށް ސެމީއަށް އޮތް އެންމެ ބޮޑު އުންމީދަކީ 'ޕީކް' ފޯމުގައި އަލީ މާއިސް (މައްޓު) ކުޅެމުން ދިޔުމެވެ. މައްޓުގެ ނަމަކީ ފުޓްސަލްގައި ދެވަނައެއް ނުވާ ނަމެއްވެސް މެއެވެ. ރާއްޖެއަށް ފުޓްސަލް އައި އިރުން ފެށިގެން މިއަދާ ހަމައަށް ފަނޑުވެސް ވި ނަމެއް ނޫނެވެ. މަޑުމައިތިރި މިޒާޖެއްގައި، ޑިސިޕްލިން ކުޅުމެއް އަބަދުވެސް މައްޓު ދައްކަމުން އަންނައިރު، ސެމީއާ ހަމައަށް ގާފަރު ގެންދިޔަ އިސް މޭސްތެރިޔަކީ ހަމަ އޭނާއެވެ. މިހާތަނަށް ގާފަރުން ކުޅުނު މުހިއްމު ކޮންމެ މެޗެއްގައިވެސް ތަފާތު ދެއްކީ ހަމަ މައްޓުއެވެ. ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދި މައްޓުއަކީ ގަދަ 16 ގެ އިތުރުން ކުއާޓާ ފައިނަލްގައި ގާފަރުން ކުޅުނު މެޗުގެވެސް މޮޅު ކުޅުންތެރިޔާއެވެ. އެއީ ޓީމުގެ ހުންގާނެވެ.
މައްޓުގެ ތަފާތު އެކަންޏެއްވެސް ނޫނެވެ. ގާފަރު ގާފަރުގެ ގޮތުގައި ވަރުގަދަކޮށް ފެންނީ ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިޓޯ)ގެ އިތުރުން ގައިޝާން އަބޫބަކުރު މާހިރާއި ސަނީމް ޝަމާއިލް އަދި ޓީމުގެ އެންމެ ހިތްވަރު ގަދަ އެއް ކުޅުންތެރިޔާ ނާއިހް މުފީދު ފަދަ ކުޅުންތެރިންގެވެސް ތަފާތުންނެވެ. އެއީ ސެމީގައި ގާފަރަށް އިތުބާރު ދަމަހައްޓައިދޭނެ ކުޅުންތެރިންނެވެ.
ގާފަރާ ދެކޮޅަށް ނުކުންނަ މާލެގަން "އަންޑައެސްޓިމޭޓް" ނުކުރޭވެނެއެވެ. އެކަން މާލެގަން އިން ސާބިތުވެސް ކޮށްދީފިއެވެ. ޒޯނުން ފެށިގެން ސެމީއާ ހަމައަށް ގިނަ މެޗުތަކެއް ނުކުޅުނު ނަމަވެސް ކުޅުނު މެޗުތަކުގައި އެޓީމުގެ ހިތްގައިމުކަން ދައްކާލައިފިއެވެ. ހާއްސަކޮށް މާލެގަން ފެނިގެން ދަނީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ޓީމްވޯކް ރަނގަޅު އެއް ޓީމުގެ ގޮތުގައެވެ. މިރޭ މާލެގަން ނުކުންނާނީ ފުވައްމުލަކު ސިޓީގެ ޝަރަފު ދެމެހެއްޓުމަށެވެ. އެ ސިޓީގެ އެތައް ސަޕޯޓަރުންނަކާއެކު ދަނޑުގެ ވަށައިގެން ގުގުމަމުން އަންނަ ހަޅޭކުގެ އަޑު ވެގެންދާނީ ޓީމުގެ އެންމެ ބޮޑު ހިތްވަރަށެވެ.
މުހައްމަދު ސާދު ނިޒާރާއި އިބްރާހީމް އަރީޝްގެ އިތުރުން މުހައްމަދު ވިޝާހް އިބްރާހީމާއީ ގޯލްކީޕަރު އަހުމަދު ޝަރަފުވެސް މިހާތަނަށް މުބާރާތުގައި ތަފާތު ފޯމެއް ދައްކަމުން އަންނަ އިރު، ސާދު ވަކިން ހާއްސަކޮށް މާލެގަން ޓީމަށް މުހިއްމުކޮށް ފާހަގަވެގެން ދިޔައެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ރާއްޖޭގެ ޒުވާން ގައުމީ ޓީމުންވެސް ފާހަގަވި ކުޅުމެއް ދެއްކި ސާދު މާލެގަންގެ ޖާޒީގައި މިހާތަނަށް މުބާރާތުގައި ދެއްކި ކުޅުމަކީ ފަހުރުވެރިވާނެ ކުޅުމެއްކަން ޔަގީނެވެ. މާލެގަންއަކީ މުޅި ފުވައްމުލައް ސިޓީގެ ފަހުރަށް ނުކުންނަ ވަރުގަދަ ޓީމެކެވެ.
ތިމަރަފުށީގެ ފެންވަރު ކިޔައިދޭކަށްވެސް ނުޖެހޭނެއެވެ. އެއީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ދެފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. އެންމެފަހުގެ ޗެމްޕިއަން ޓީމުވެސް މެއެވެ. މުބާރާތަށް ބޮޑު ބަޖެޓަކާއެކު އެންމެ ފުރިހަމައަށް ތައްޔާރުވިވެސް ޓީމެވެ. ޔަގީނުންވެސް މުބާރާތުގެ ފެވަރިޓުންނެވެ. ފުޓްސަލްގެ ރޫހާއި ފޯރި އެންމެ ބޮޑަށް އޮތް ރަށްވެސް މެއެވެ. ފުޓްސަލްގެ ޓެލެންޓް ހަބެކެވެ. ޒުވާން ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް އަރަމުން އަންނަ ރަށެއްވެސް މެއެވެ. މިހާރު އޮތް ސްކޮޑުގައި ނަން ލިޔެލަން ވަކި ކުޅުންތެރިޔަކު ނަގަންވެސް އުނދަގުލެވެ. އެއީ މުޅި ޓީމުވެސް އެއް ރޫހެއްގައި، އެއް ފެންވަރެއްގައި ކުޅޭތީއެވެ. ޓީމުން މިހާތަނަށް ދެއްކި ކުޅުމަކަށް ދޭން އޮތީ ސައްތައިން ސައްތައެވެ.
އިބްރާހިމް އަސްވަދު (ގަބޭ)، އަލީ ޝިފާއު (ރޮނާ)، އާދަމް ނާސިހް (އާދަންނާ)، އިބްރާހީމް ހަމްދާން (މެސީ)ގެ އިތުރުން އިބްރާހީމް ސިނާހް (ސިނާ)އާއި ގޯލްކީޕަރު މުހައްމަދު ޝަރުހާން އަދި އިސްމާއީލް މުނީޒް ފަދަ ނަންތަކަކީ ފުޓްސަލްގައި އިތުރު ތަފްސީލަކަށް ދާން ޖެހޭ ނަންތަކެއް ނޫނެވެ. މިހާތަނަށް މުބާރާތުން ފެނުނީވެސް އެތަރިންގެ ތަފާތެވެ. ޓީމެއްގެ ގޮތުގަ އާއި އިންޑިވިޖުއަލީވެސް ތިމަރަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ދިފާއު ކުރެވޭނެ ޓީމެއްކަން އެޓީމުން އަންނަނީ ދައްކަމުންނެވެ.
ތިމަރަފުށީގެ ފޯރިގަދަ ސަޕޯޓަރުންނަށް މިރޭގެ މެޗަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ކެޕްޓަން ސިނާ ސަސްޕެންޝަންގައި ހުރުމެވެ. އެހެން ނަމަވެސް ކޯޗު އަލީ ފަހުމީގެ ޕްލޭންގައި ސިނާ ނެތްތަން ފޫބައްދާނެ ގޮތެއް އޮންނާނެކަން ޔަގީނެވެ.
މިއަހަރުގެ މުބާރާތުގައި ވަރުގަދަ ތިމަރަފުށި މަޑު ޖައްސާލައި، ހިފަހައްޓާލެވުނު އޮތީ އެންމެ ޓީމެކެވެ. އެއީ މިރޭގެ ސެމީގައި ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ ކުޑަހުވަދޫއެވެ. ކުޑަހުވަދޫގެ ފެންވަރަށް ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަން އެ މެޗުންވެސް ފެނުނެވެ. އަނެއްކާވެސް ކުޑަހުވަދޫ ނުކުންނާނީ ތިމަރަފުށި މަޑު ޖައްސައިލާށެވެ. އެކަން ވާނެ ކަމަށް އޮތް އެންމެ ބޮޑު އުންމީދަކީ ސަޕޯޓަރުން ދޭ ލޯތްބާއި ކުރީ މެޗުގެ ނަތީޖާކަންވެސް ޔަގީނެވެ.
ސެމީ ފައިނަލާ ހަމަޔަށް ޓީމު ދިޔުމުގައި ގޯލްކީޕަރު އަބްދުﷲ މާނިއުއާއި ހާރޫން އިބްރާހީމް (ހާއްޑޯ)ގެ އިތުރުން ޝައުކަތު އަމީން ފަދަ ކުޅުންތެރިންގެ ދައުރު ބޮޑުކޮށް ފެނުނު އިރު، ޓީމުގެ ތަރިއަކީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. މިނިވަން ޗެމްޕިއަންޝިޕް ރަށަށް ހޯދައިދިނުމުގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރި ޒުވާން ހުނަރުވެރި ފޯވަޑް ޖުމްބެ ކްލަބު އީގަލްސްގެ ޖާޒީގައިވެސް ތަފާތު ދެއްކި އިރު، މިއަދު ނުކުމެ އެހުރީ ރަށުގެ ޝަރަފަށެވެ. ޖުމްބެ އަންނަނީ އޭނާގެ ފެންވަރު ފުޓްސަލް ދަނޑުގައި ސާބިތު ކޮށްދެމުންނެވެ. ޓީމުގެ ލީޑަރެއްގެ ގޮތުގައި ޖުމްބެ ފެނިގެންދާ އިރު، ތިމަރަފުށީގެ ޑިފެންސަށް އެންމެ އުނދަގޫވާނީ ޖުމްބެ ހިފަހައްޓާށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް