ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގަދަ 16ގެ މެޗުތަކުން މޮޅުވެ، ހުޅުމާލެ، މާފަންނު، ކ. ގާފަރާއި ރ. ދުވާފަރުގެ އިތުރުން ތ. ތިމަރަފުށި، ގދ. ކުޑަހުވަދޫ އަދި ބ. އޭދަފުށިން މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ގަދަ 16 ގެ ހުރިހާ މެޗެއްވެސް ރޭ ކުޅެފައިވާ އިރު، ތިމަރަފުށިން ކުއާޓާ ޔަގީންކުރީ ފުރަތަމަ ހާފު ނިމުނު އިރު، 2-0 ގެ ލީޑެއްގައި އޮތް އއ. މަތިވެރި ކައިރީ ފަހަތުން އަރައި ހަ ގޯލު ޖަހައިގެންނެވެ. މެޗުގެ ފަހު ހާފުގައި ތިމަރަފުށިން ހަ ގޯލު ޖެހި އިރު، މެޗު ނިމުނީ 6-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މަތިވެރިން ރަނގަޅަށް ކުޅެ، ދެ ގޯލުގެ ލީޑެއްނެގިއެވެ. މަތިވެރީގެ ފުރަތަމަ ގޯލަކީ އަރުޝަދު އަބްދުލް ލަތީފް ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ގައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން ހައިޝަމް އަލީ ނެގި ހުރަހަކުން މުހައްމަދު އިމްރާން (ކުޑައިންމަ) ވަނީ މަތިވެރި އަށް ދެވަނަ ގޯލުވެސް ޖަހައިދީފައެވެ.
މަތިވެރިން އުންމީދުގައި ދެވަނަ ހާފަށް ނުކުތް ނަމަވެސް ތިމަރަފުށި ފެނުނީ ތަފާތު ރޫހެއްގައެވެ. ތިމަރަފުށިން ވަނީ ހަތް މިނިޓް ތެރޭ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައި، އިތުރު ތިން ގޯލާއެކު ބޮޑު ތަފާތަކުން ކުއާޓާ ޔަގީން ކޮށްފައެވެ. ތިމަރަފުށީގެ ފުރަތަމަ ގޯލު، އަލީ ޝިފާއު (ރޮނާ) ޖެހި އިރު، ދެން ޖެހި ދެ ގޯލު ޖެހީ އިސްމާއިލް މުނީޒެވެ. ތިމަރަފުށީގެ އަނެއް ގޯލުތައް ޖެހީ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)، އިސްމާއިލް ސިޔާދު އަދި އިބްރާހިމް ހަމްދާނެވެ.
ކުޑަހުވަދޫން ކުއާޓާ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ހއ. އިހަވަންދޫ ބަލިކޮށްގެންނެވެ. އެ ދެޓީމުން ރޭ ކުޅުނު މެޗު ޕެނަލްޓީއަށް ދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ޕެނަލްޓީގައި ކުޑަހުވަދޫ ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އިހަވަންދޫ އަށް ކާމިޔާބުކުރެވުނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީއެވެ. އިހަވަންދޫގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް ހާމިދު، މުހައްމަދު ޝިފާއު އަދި މުހައްމަދު ފަޒީލް އެވެ. އެ ޓީމުގެ ހުސެއިން ނަޝީދާއި މުހައްމަދު އަފްޝާން އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.
އަނެއްކޮޅުން ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) އަށް ޕެނަލްޓީ ކާމިޔާބުނުވި ނަމަވެސް އެ ޓީމުގެ ޝައުކަތު އަމީން، އަބްދުލް މުގުސިތު، ހާރޫން އިބްރާހިމް (ހާންޑޯ) އަދި މުހައްމަދު އަނަސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ޓީމު މޮޅުކޮށްދީފައެވެ.
މާލެގަން ކުއާޓާއަށް ދިޔައީ ރޭ އެޓީމުން ކުޅުނު ފޯރިގަދަ މެޗުގައި 4-3 އިން ށ. ކަނޑިތީމު ބަލިކޮށްގެންނެވެ.
މާލެގަން ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު ސާދު ނިޒާރާއި އިސްމާއިލް އަލީފް އަހުމަދެވެ. ސާދު ދެ ގޯލު ޖެހި އިރު، ދެން އަނެއް ގޯލަކީ ކަނޑިތީމުގެ އަހުމަދު ރިޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކަނޑިތީމުގެ ގޯލުތައް ޖެހީ ކެޕްޓަން އިބްރާހިމް ނަދާދުގެ އިތުރުން އަހުމަދު ޒަމީމެވެ. ނަދާދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އޭދަފުއްޓާއި ގދ. ވާދޫ ކުޅުނު މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި އޭދަފުށްޓައް ލީޑު ނަގައިދިނީ މުހައްމަދު ފާސިރު (ފާއްޓޭ)އެވެ. އެ ލީޑާއެކު ރަނގަޅަށް ކުޅެމުން ދިޔަ އޭދަފުށިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ޖެހީ ހަމްދާން އަބްދުލް ސައްތާރެވެ. ދެގޯލުގެ ލީޑަކާ އެއްކޮށް، އޭދަފުށި ކުރީގައި އޮއްވައި، ވާދޫއަށް އުންމީދެއް ހޯދައިިދިނީ އަޔާޒް އަހުމަދު (އަޔާ) ޖެހި ހިލޭޖެހުމަކުންނެވެ. އަޔާ ރޭގެ މެޗަށް ނުކުތީވެސް ކޮންމެވެސް ވަރެއްގެ އަނިޔާގައި ހުރެގެންނެވެ. ރޭގެ މެޗަކީ އޭނާ އަތޮޅު ބުރަށްފަހު ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. އަޔާ ޒޯންގައިވެސް ނުކުޅުނީ އަނިޔާގެ ސަބަބުންނެވެ.
އޭދަފުށިން ތިންވަނަ ގޯލު ޖެހީ ކައުންޓާ އެޓޭކެއްގައެވެ. އެ ގޯލުވެސް ޖެހީ ހަމްދާން އެވެ، މެޗުގެ ފަހު ކޮޅުގައި ވާދޫގެ އަޔާ، ބޯޅަ ނެތި ފާއްޓޭ ގައިގައި ޖެހުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑު ދައްކައިފައެވެ.
ޖުމުލަ 91 ޓީމާއެކު ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ކ. ގާފަރު - މާފަންނު
ހުޅުމާލެ - މާލެގަން
ރ. ދުވާފަރު - ތ. ތިމަރަފުށި
ދ. ކުޑަހުވަދޫ - ބ. އޭދަފުށި