ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ހަތެއްގެ ޗެމްޕިއަންކަން މާލެގަން ހޯދި އިރު، ޒޯން އަށެއްގައި ކުޅުނު މެޗުތައް މާފަންނާއި ވިލިމާލެ އަދި ޒޯން ދޭއްގައި ކުޅުނު މެޗުން ބ. އޭދަފުށި މޮޅުވެއްޖެއެވެ.
މުބާރާތުގެ ޒޯން ބުރުގައި ރޭ ވަނީ ހަ މެޗު ކުޅެފައެވެ. އޭގެ ތެރޭގައި ހިމެނުނީ ޒޯން އަށެއްގެ ފަހު މެޗުގެ އިތުރުން ޒޯން ދޭއްގެ މެޗަކާއި ޒޯން އެކެއްގެ ދެ ގުރޫޕުގެ ދެ މެޗު އަދި މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ދެ މެޗެވެ. ޒޯން އެކެއްގެ ދެ ގުރޫޕް ކުޅުން ރޭ ނިމިފައިވާ އިރު، ފައިނަލަށް ދިޔަ ދެޓީމު ވަނީ ޔަގީންވެފައެވެ. އެއީ ހއ. އިހަވަންދުއާއި ށ. ކަނޑިތީމެވެ.
ޒޯން ހަތެއްގައި ދެޓީމު ބައިވެރިވެފައިވާ އިރު، އެ ޒޯނުގެ ދެ ޓީމު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ. ރޭގެ ކުރިން ކުޅެފައި އޮތް މެޗު މާލެގަމުން 3-2 އިން ކާމިޔާބު ކޮށްފައި އޮއްވައި، ރޭގެ މެޗު ސ. ފޭދޫން ކާމިޔާބުކުރީވެސް 3-2 އިންނެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މެޗުގައި ފޭދޫގެ ގޯލުތައް މުހައްމަދު ސަޔަމް ސައީދާއި އިބްރާހީމް މާދު ސައީދު ޖަހައިދިން އިރު، ސަޔަމް މެޗުގައި ދެ ގޯލު ޖަހައި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދިއެވެ. ރޭގެ މެޗުގައި މާލެގަންގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އަރީޝްއާއި އަބްދުﷲ ރަޝީދެވެ.
ޕެނަލްޓީގައި ފޭދޫގެ ސިމާއު ސައީދާއި މުހައްމަދު ސުޖާން އަހުމަދު ޖެހި ޕެނަލްޓީ ނާކާމިޔާބުވި އިރު، މާލެގަންގެ އަބްދުﷲ ރަޝީދު ޖެހި ޕެނަލްޓީ މަތަކުރީ ފޭދޫ ގޯލްކީޕަރެވެ. ފައިނަލުގައި ބަލިވި ނަމަވެސް ފޭދޫއަށްވެސް ގަދަ 16 ޔަގީންވާނެއެވެ. އެއީ ކޮންމެ ޒޯނަކުން ދެޓީމު ގަދަ 16 އަށްދާތީއެވެ.
މުބާރާތުގައި ޒޯން އަށެއްގެ ދެ މެޗު ކުޅެފައިވާ އިރު، އެ ޒޯނުގެ ފުރަތަމަ ބުރުގައި ހަތަރު ޓީމުން ކުޅުނު މެޗުތައްވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ރޭގެ މެޗަށް ނުކުތީ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށް އޮވެގެންނެވެ. ރޭ މާފަންނުން ކުޅުނު މެޗުގައި 4-0 އިން ހުޅުމާލެ ބަލިކޮށްފައިވާ އިރު، ވިލިމާލޭން ހެންވޭރު ބަލިކުރީ 4-3ގެ ނަތީޖާއަކުންނެވެ.
މާފަންނުން ކުޅުނު މެޗުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން އަފްޒަލް (އޮޒިލް) ހެޓްރިކް ހެދި އިރު، މާފަންނުގެ އަނެއް ގޯލު ޖަހައިދިނީ މުހައްމަދު ލިޔާހެވެ.
ހެންވޭރާއި ވިލިމާލެ ވާދަކުރި މެޗު ފޯރިގަދަކޮށް ފެނުނު އިރު، މެޗަށް ހެންވޭރުން ނުކުތީ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި އިބްރާހީމް އަތީގު ހަސަން (އިއްބެ) ވެސް ނުލައެވެ. އެއީ ދެ ކުޅުންތެރިންވެސް ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެޗު ދިވެހި ޕްރިމިއާ ލީގުގައި އޮތުމުންނެވެ.
ހެންވޭރުގެ ގޯލުތައް އަހުމަދު އަރީސްއާއި ހުސައިން ފައްޔާޒު (ކުޑޭ)ގެ އިތުރުން މުހައްމަދު ރިއްފަތު (ރިއްޕެ) ޖަހައިދިން އިރު، ވިލިމާލޭގެ އަލީ ސިޔާހް (ޝިޔަޅޭ) ވަނީ މެޗުގައި ހެޓްރިކް ހަދައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ އަބްދުﷲ މުއާޒް (އޮޓޯ) އެވެ.
ރޭ ކުޅުނު ޒޯން ދޭއްގެ މެޗުގައި އެންމެފަހުގެ ރަނަރަޕް ބ. އޭދަފުށިން ނ. ކުޑަފަރި ބަލިކުރީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ޒޯނުގައި ތިން ޓީމުން ވާދަކުރާ އިރު، ރޭގެ މެޗަށް އޭދަފުށިން ނުކުތީ ފުރަތަމަ މެޗުގައި ރ. ދުވާފަރު އަތުން ބަލިވެފައި އޮވެގެންނެވެ.
އަނެއްކޮޅުން ނ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމަކީ ކުޑަފަރި ކަމަށްވާ އިރު، ރޭގެ މެޗަކީ ކުޑަފަރި މުބާރާތުގައި ކުޅުނު ހަމައެކަނި މެޗެވެ. ޒޯން ދޭއްގައި ދެން ބާކީ އޮތް މެޗަކީ ކުޑަފަރިން ރ. ދުވާފަރާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އެކަނި ޒޯނުގައި ބާކީ އޮތް ނަމަވެސް، އެ ޒޯނުގެ ކޮންމެ ޓީމަކަށްވެސް ގަދަ 16 ގެ ފުރުސަތު އަދި ތަށީގެ ފުރުސަތުވެސް އެބައޮތެވެ.
ރޭގެ މެޗުގައި އޭދަފުށީގެ ހަމްދާން އަބްދުލް ސައްތާރު ހަތަރު ގޯލު ޖެހި އިރު، އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) ވަނީ ހެޓްރިކް ހަދައިފައެވެ. އަނެއް ގޯލު ޖަހައިދިނީ އިސްމާއީލް ޝަރީފެވެ.
ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.
20:15 ޅ. ހިންނަވަރު - ކ. ކާށިދޫ (ޒޯން 3)
20:15 އއ. މަތިވެރި - ކ. ގާފަރު (ޒޯން 3)
21:15 އދ. އޮމަދޫ - މ. ދިއްގަރު (ޒޯން 4)
21:15 އދ. މާމިގިލި - މ. މުލައް (ޒޯން 4)
22:15 ގއ. ކޮނޑޭ - ލ. ގަން (ޒޯން 6)
22:15 ގދ. ވާދޫ - ގއ. މާމެންދޫ (ޒޯން 6)