ރާއްޖޭގެ މިނިވަންކަމަށް އެންމެ ގެއްލުންހުރި މަސައްކަތެއް ކުރައްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ މަސައްކަތަކީ ވެރިކަމުގެ އުންމީދުގައި ރައީސް ޔާމީން ކުރައްވާ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ކައުންސިލުގެ ރައީސްކަމުގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ނަސީމުގެ ކެމްޕޭން ޖަލްސާއަށް އެރަށަށް ވަޑައިގެން މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، "އިންޑިއާ އައުޓް" ވިދާޅުވަމުން ރައީސް ޔާމީން އެކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އެ މަސައްކަތަށްވުރެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންހުރި މަސައްކަތެއް އޭނުން އެއްވެސް ބަޔަކު ނުކުރާ ކަމަށެވެ.
"ރައީސް ޔާމީން އިންޑިއާ އައުޓް ކިޔުއްވާފައި އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް، ވަރަށް ނުރައްކާތެރި ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިގުލާލަށް މިއަށްވުރެ ގެއްލުންހުރި މަސައްކަތެއް އެހެން އަކަކުވެސް ނުކުރޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީން އަމިއްލަ މަންފާއެއް ހޯއްދެވުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ސަބަބުން އެހެން ގައުމުތަކުން ރާއްޖޭއާ ދޭތެރޭ ހިތްބަރުކުރާނެ ކަމަށެވެ. އަދި ގައުމުތަކުން ރާއްޖެއާ މެދު ރުހުމުގެ ލޮލަކުން ނުބަލާނެ ވެސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އަތެއް ސަތޭކަ އަހަރެއް ކުރިން ރާއްޖެއިން މިނިވަންކަން ހޯދީ އަވައްޓެރި ގައުމުތަކާ ގުޅިގެން ކަމަށާއި އެކަން އެނގިވަޑައިގެން ހުންނަވައި ރައީސް ޔާމީން އެކުރައްވާ މަސައްކަތަކީ ވެރިކަމުގެ ބޭނުމުގައި ރާއްޖެ އަނދަވަޅަކަށް ވައްޓާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެގައުމުތަކުގެ ރައްޔިތުން ވެސް، އެގައުމުތަކުގެ ސަރުކާރުތައް ވެސް އެގައުމުތަކުގެ ވެރިން ވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްބަރު ކުރައްވާ. ބޭރު ގައުމެއްގެ ރުހުމުގެ ލޮލުން މި ދިވެހިރާއްޖެއަށް ނުބެލުނީމާ އަޅުގަނޑުމެންނަށް ލިބޭނެ ނިކަމެތިކަމަކީ މި ދިވެހިރާއްޖޭގެ ތާރީހު ދަންނަ އެކަކަށް ވެސް އޮޅޭނެ ހަގީގަތެއް ނޫން, ރައީސް ޔާމީނަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ. އެބޭފުޅާ އެ ކުރައްވާ ކަމަކީ ދިވެހިރާއްޖެ އަނދަވަޅަކަށް ގެންދިއުން، އެބޭފުޅާގެ ވެރިކަމުގެ ބޭނުމުގައި، ވެރިކަމުގެ އުންމީދުގައި," ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގައުމަށް ހެޔޮނޭދޭ އެތަކެއް ވެރިންނެއް ދިވެހިން ދެކިފައިވާނެ ކަމަށާއި އެވެރިންނަށް ދިވެހީން އަމަލުކުރި ގޮތް ތާރީހުން ފެންނަން އޮންނާނެ ކަމަށެވެ. ރައީސް ޔާމީން ވެސް އަމަލުކުރައްވަނީ އެގޮތަށް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.