ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ކޯޓުތަކުން ދޫކުރާކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ، އެ ކޯޓަށް ހުށަހެޅި މަރުގެ މައްސަލައެއް ބެލުމަށްފަހު ކުރި ހުކުމުގައެވެ. އެ މައްސަލައަކީ މީގެ 13 އަހަރުކުރިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރާލައިފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައެވެ. ޝީރީންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ.
އެ މައްސަލައިގެ ތައާރަފުގައި ސުޕްރީމް ކޯޓުގައި ހުކުމުގައި ބުނީ، އެއީ 2009 ވަނަ އަހަރު ނިމި އާ އަހަރެއް ފެށޭ ރެއެއް ކަމަށާއި އާ އަޒުމުތަކެއް ކަނޑައަޅައި، އުއްމީދުން ފުރިގެންވާ އާ އަހަރަކާ ހުރިހާ އެންމެން ކުރިމަތިލާ ރެއެއް ކަމަށެވެ. ނަމަވެސް ލ.ގަން ތުނޑީ، ހުރަވީ، މަރްޔަމް ޝިރީނަށް އެރޭ ދިމާވީ އެގޮތަކަށް ނޫން ކަމަށެވެ. ޝިރީން ކުއްޔަށް ހިފައިގެން އުޅޭ މ. ކުރަހާގެ އެޕާޓްމެންޓުގެ ކޮޓަރިއަށް 31 ޑިސެމްބަރު 2009 ދުވަހުގެ ރޭ ޝީރީން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަޖާހުއާ ދެ މީހުން ނިދަން ދިޔައީ ޝީރީންގެ މަންމަ ދިރިއުޅޭ ގޭގައި ޝީރީންގެ ދަރިފުޅު ބަހައްޓާފައި ކަމަށެވެ. އެގެއިން ޝީރީން ދިޔައީ ދަރިފުޅު ބަލައި ހެނދުނު ދާނެކަމަށް ވައުދުވެފައެވެ.
ޝީރީން އާއި ނަޖާހު އެ މީހުން ދިރިއުޅޭ އެޕާޓްމެންޓަށް ގޮސް ސަރަންފީގައި އިށީންތަނާ ޓީވީގެ އަށެއްގެ ހަބަރު އަންނަން ފެށުމުން އެ ދެ މީހުން އެއްވެސް ވާހަކައެއް ނުދައްކައި އެކުގައި އެ މީހުން އުޅޭ ކޮޓަރިއަށް ވަން ކަމަށާއި އެ ކޮޓަރީގައި އެރޭ ޝީރީން މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
މަރިޔަމް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ކޮޓަރީގައި ބާއްވައިގެން ޖެނުއަރީ އެއް ވަނަ ދުވަހުގެ ރޭ އެ ކޮޓަރީގައި ނަޖާހު ނިދުމަށްފަހު، ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ހެނދުނު 9 ޖަހާ އެހައިކަށްހާއިރު، ނަޖާހު އޭނާގެ ލޯބިވެރިޔާ ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ސޫޓްކޭހަކަށް ލައި ފޮރުވައިގެން ކޮޓަރިން ނެރެ ޓެކްސީއަކަށް އަރުވައިގެން ފަޅުގެއަކަށް އެއްލައިފައިވާ ކަމަށާއި ހަށިގަނޑު އެއްލައިލުމަށްފަހު ފޮށި ހިފައިގެން ނަޖާހު ވަނީ ގެއަށް ގޮސްފައި ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެއެވެ. ޝީރީންގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. ޝީރީން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ ނަޖާހުއެވެ.
އެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ނަޖާހުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރީ އެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
ޝީރީން މަރުވެފައިވަނީ ގުދުރަތީ މަރަކުން ނޫން ކަމަށް އެ ހާދިސާ ތަހުގީގު ކުރި ފަރާތުން ބުނެފައިވުމުންނާއި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އާއި އެ ވީޑިއޯއިން ފެންނަ ފޮއްޓާއި އެފޮށިން ފެނިފައިވާ ޑީއެންއޭ ޕްރޮފައިލް ނަޖާހުގެ ޕްރޮފައިލާ ދިމާވުމާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ހުށަހަޅާފައިވާ އެހެނިހެން ކަންކަމަކީ ހަރުދަނާ ގަރީނާތަކެއް ކަމަށްވުމުން ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ނަޖާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ސާބިތުވާތީ 10 އަހަރަށް ޖަލަށް ލުމަށެވެ. އޭނާގެ މައްޗަށް ގަސްދު މަރު ސާބިތު ނުވީ ޝީރީން މެރުމަށް ކުރި އަމަލެއް އަދި ބޭނުންކުރި ހަތިޔާރެއް އެނގެން ނެތުމުންނެވެ.
ނަޖާހު ޖަލަށްލާން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރީ މަންޒަރު ފެނުނު ހެއްކަކު ނެތި ހަމައެކަނި ގުޅުވައިލެވޭ ގަރީނާތަކަށް ބަލައިގެންނެވެ. އެއީ ރާއްޖޭގައި އެފަދަ ކުށެއް ހަމަައެކަނި ގުޅުވައިލެވޭ ގަރީނާތަކަށް ބިނާކޮށް ކުށް ސާބިތުކުރި ފުރަތަމަ މައްސަލައެވެ. ހައި ކޯޓުގެ އެ ހުކުމް ނަޖާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނީ، ދަށު މަރުހަލާގެ ކޯޓުތަކުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ ބޭނުން ނުހިފައި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ މީހުން ހެކި ހުއްޓަސް ދޫކުރަން ނިންމާ ކަމަށެވެ.
ދަށު ކޯޓުތަކަށް އަމާޒުކޮށް ސުޕްރީމް ކޯޓުގެ ހުކުމުގައި އެގޮތަށް ބުނީ، ދައުވާކުރާ އަސްލު ކުށުގެ ހެކި ނެތަސް، އެހެން ކުށެއް ކުރިކަމުގެ ހެކި ހުންނަ ހާލަތުގައި އެ ދައުވާގެ ސިފަ ފަނޑިޔާރުން އަމިއްލައަށް ބަދަލުކޮށް، އާ ކުށަށް އަދަބު ދެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނަ މާއްދާއާ ބެހޭގޮތުން ހުކުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ބާރު ގާނޫނުން ދިނަސް، އެގޮތަށް އަމަލުކުރަނީ މަދު ފަހަރެއްގައި ކަމަށް ހުކުމުގައި ބުންޏެވެ.
ދައުވާކުރާ އަސްލު ކުށް ސާބިތު ނުވިޔަސް، އެހެން ކުށެއްގެ ހެކި ލިބޭ ހާލަތުގައި އެ ކުށަށް އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ދީފައި އޮތަސް، މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެގޮތަށް ކޯޓުތަކުން އަމަލު ނުކުރާ ކަމަށާއި، އަދި ބައެއް ފަހަރު ދައުވާގައި އޮޅުމެއް ނުވަތަ ކުށެއް އޮވެގެން ވެސް ދައުވާ ބޭރުކޮށްލާ ކަމަށާއިި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުށްވެރިން ހެކި ހުއްޓާ ދޫވެގެންދާ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.
މީގެ އިތުރުން ކުދިކުދި ކަންކަމާ ގުޅިގެން މައްސަލަތައް ބޭރުކޮށްލުމަށް ވުރެ ކޯޓުގެ އިސް ނެގުމުގައި އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނެކަމަށް ހުކުމުގައި ބުންޏެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒު ފައިދާ އެއްވެސް ބަޔަކަށް ނެގުމުގެ ފުރުސަތު ނުލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުންޏެވެ.
މި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ހާލަތުގައި ދަށު ކޯޓުތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއްވެސް ކަނޑައަޅާފައެވެ.
އެހެން ކުށެއް ސާބިތުވާ ކަމަށް ނިންމުމުގައި އަބަދުވެސް ބަލަން ޖެހޭނީ އަސްލު ދައުވާގައި ހިމެނޭ ހެކީގެ މައްޗަށާއި އޭގެފަހުން ހާމަވާ ހެކީގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
- ހެކިން ހާޒިރުކުރަން އެދެފި ނަމަ އެ ފުރުސަތު ދިނުން
- ހުކުމް އިއްވުމުގެ ކުރިން ދުރާލާ ނޯޓިސް ދިނުން
- ފަހުން ސާބިތުވި ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުން
ހުކުމުގައި ބުނީ އިސްތިއުނާފީ މަރުހަލާގައި އެއިންކަމެއް ދިމާވެއްޖެނަމަ އެ މައްސަލަ އަލުން އަނބުރާ ދަށު ކޯޓަށް ފޮނުވަން ޖެހޭނެ ކަމަށެވެ. ދައުވާގައިވާ ކުށް ނޫން އެހެން ކުށެއް ސާބިތުވާ ކަމަށް ނިންމުމުގައި އަބަދުވެސް ބަލަން ޖެހޭނީ އަސްލު ދައުވާގައި ހިމެނޭ ހެކީގެ މައްޗަށާއި އޭގެފަހުން ހާމަވާ ހެކީގެ މައްޗަށް ކަމަށް ހުކުމުގައި ބުންޏެވެ.
މި މައްސަލަ ބައްލަވާފައިވަނީ ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމްއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.
ޚަބަރު
ޚަބަރު