ޔޫއެފާ ޗެމްޕިއަންސް ލީގު

ބެންޒެމާގެ ހެޓްރިކުން ތަރިންގެ ޕީއެސްޖީ ރޮއްވާލައިފި، ސިޓީވެސް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ކަރިމް ބެންޒެމާ ހެދި ހެޓްރިކާއެކު ރެއާލް މެޑްރިޑުން ޕީއެސްޖީ ކަޓުވާލައިފިއެވެ.

ސަންތިއޭގޯ ބާނަބޭއޫގައި ރޭ ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީއާއި ރެއާލް ވާދަކުރި ފުރަތަމަ ލެގު، ޕީއެސްޖީން އަމިއްލަ ދަނޑުގައި 1-0އިން ކާމިޔާބު ކޮށްފައި އޮތުމުން ރޭގެ މެޗަށް ރެއާލް ނުކުތީވެސް ބޮޑު ޗެލެންޖަކާ އެކުގައެވެ. ނަމަވެސް އާދަޔާހިލާފު ގޮތަކަށް ފަހު ހާފުގައި ޖެހި ގޯލުތަކާއެކު ރެއާލުން ވަނީ ދުނިޔޭގެ އެންމެ އަގު ހުރި، އެންމެ ތަރިން ގިނަ އެއް ޓީމު ޕީއެސްޖީ ކަޓުވާލައިފައެވެ.

ފުރަތަމަ ލެގުގައި ޕީއެސްޖީއަށް ގޯލު ޖަހައިދިން ކިލިއަން އެމްބާޕޭއާ އެކު ޓީމުގެ އެޓޭކުން މެޗުގައި ފެނުނީ ނޭމާއާއި ލިއޮނަލް މެސީއެވެ. ފުރަތަމަ ހާފުގައި އެ ތިން ކުޅުންތެރިންގެ ތަފާތު ހުނަރާ އެކު ޕީއެސްޖީން މެޗު ކޮންޓްރޯލް ކުރިއެވެ. ބެންޒެމާ އޭރިއާ ބޭރުން ގޯލުގެ ކަނަށްވާ ގޮތަށް ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، އެއީ ރެއާލްއަށް ފުރަތަމަ ހާފުގައި އުފެއްދުނު ހަމައެކަނި ހަމަލާއެވެ.

އަނެއްކޮޅުން މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ ފެނުނީ ފޯމުގައެވެ. މެދުތެރެއިން މެސީގެ ޕާސްތައް ފާހަގަވެގެން ދިޔަ އިރު، އެމްބާޕޭ ނުވެސް ހިފެހެއްޓެއެވެ. ގިނަ ބޯޅަތަކަކަށް ދުވެ، ހަމަލާތައް އުފެއްފި އެމްބާޕޭ، ނޭމާގެ ބޯޅައަކަށް އޭރިއާތެރެއަށް ވަދެ ޖެހި ގޯލާއެކު ޕީއެސްޖީން ލީޑުގައި ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ރެއާލުން މަންޒަރު ބަދަލުކޮށްލީ ބަދަލުތަކަކާވެސް އެކުގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޓޯނީ ކްރޫސްގެ ބަދަލުގައި އެޑުއާޑޯ ކަމަވިންގާ ކުޅުމަށް ނުކުމެފައިވާ އިރު، މާކޯ އެސެންސިއޯ ބަދަލުގައި ނުކުތީ ރޮޑްރީގޯއެވެ. އެ ބަދަލާ އެކު 13 ފަހަރުގެ ޗެމްޕިއަން ރެއާލުން ޕްރެސިން ރަނގަޅުކޮށް ޕީއެސްޖީގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ލައްވައި ގޯސްތައް ހެދުވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ޑޮނަރޫމާގެ ގޯހަކުން ބެންޒެމާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އިރު، 76 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ދިން ބޯޅައެއް ގޯލަށް ވައްދާލައި ބެންޒެމާ ރެއާލްއަށް ލީޑު ނަގައިދިނެވެ.

އަވޭ ގޯލުން ފައިދާވާ އުސޫލު މިއަހަރުގެ ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުން ފެށިގެން އުވާލާފައިވުމާ އެކު އެ ނަތީޖާއާ އެކު ދެ ޓީމު އޮތީ އެގްރިގޭޓް ހަމަހަމަވެފައެވެ. ނަމަވެސް އެ ހަމަހަމަ ކަމަށް މާގިނައިރެއް ނުވިއެވެ. 78 ވަނަ މިނެޓުގައި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ބާނަބޭއޫ ކައްކުވާލިއެވެ.

ތާރީހީ ރެއެކެވެ. އުމުރުން 34 އަހަރާއި 80 ދުވަސް ވެފައިވާ ބެންޒެމާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ބޮޑެތި ހަރަދުތަކާ އެކު ލިއޮނަލް މެސީވެސް ގެންގޮސް ޗެމްޕިއަންސް ލީގު ނަގަން ނުކުތް ޕީއެސްޖީއަށް ހިތި ނުމަމަކާ އެކު މި ސީޒަންގެ ޗެމްޕިއަންސް ލީގުން އަލްވަދާއު ކިޔަން ޖެހުނީ ހިތްދަތި ކޮށެވެ.

މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލް ޔަގީން ކުރީ ރޭ ހޯމް ލެގުގައި 0-0 އިން ސްޕޯޓިން ލިސްބަންއާ އެއްވަރު ވެގެންނެވެ. ރޭގެ މެޗަށް ސިޓީ ނުކުތީ އަވޭގައި 5-0 އިން ލީޑެއް ހޯދައިފައި އޮވެގެންނެވެ. އެހެންކަމުން އެޓީމަށް އެއްވެސް ޕްރެޝަރެއް ނެތި ރޭގެ މެޗު ކުޅެލެވުނެވެ.