ރައީސް އޮފީސް

ރައީސް އޮފީހުގެ ސިޓީއެއް މުއިއްޒަށް: ގޯތި ވިއްކާވާހަކައެއް ރައީސްގެ ބަޔާނުގައި ވިދާޅެއް ނުވޭ!

ގޯތި ވިއްކުމާ ގުޅޭ އެއްވެސް ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި، ފާހަގަކުރައްވާފައި ނުވާނެ ކަމަށް ބުނެ، މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒަށް ރައީސް އޮފީހުން ސިޓީއެއް ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ އަހުމަދު ހަމްދާން ސޮއިކުރައްވައި، ޑރ. މުއިއްޒަށް އިއްޔެ ފޮނުއްވި މި ސިޓީއަކީ، ދާދި ފަހުން މުއިއްޒު ރައީސް ސޯލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން ދެއްވި ޖަވާބެކެވެ. މުއިއްޒު ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވައި ވިދާޅުވެފައިވަނީ، މާލޭ ސިޓީން ގޯތި ދޫކުރާއިރު، އެގޯތިތައް ވިއްކުމުގެ ބަދަލުގައި ހިލޭ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އޮފީހުން ޑރ. މުއިޒަށް ފޮނުވި މި ސިޓީގައި ފާހަގަކުރައްވާފައި ވަނީ، މާލޭ ސިޓީގެ ރައްޔިތުންނަށް ދެއްވާން ރައީސް ސޯލިހު ވިދާޅުވި ގޯތި ތަކަކީ ވިއްކާ ގޯތި ތަކެއް ކަމަށް ރައީސް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅިފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން ވަނީ އިއުލާނުކުރައްވައިފައެވެ. މީގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް ދައުރު ނިމުމުގެ ކުރީން، ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވައިފައިވާއިރު، ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާކަން މަނިކުފާނުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ހަމްދާން ސޮއިކުރައްވައި މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، މިސިޓީގައި ފާހަގަކުރައްވައިފައިވާ ގޮތުގައި، ހުޅުމާލެއިން ގޯތިދޫކުރުމާ ގުޅޭ ގޮތުން މުއިއްޒުގެ ސިޓީގައި ފާހަގަކުރައްވައިފައިވާ ކަންކަން، ރައީސް އޮފީހުގެ ފަރާތުން ވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ ގެ ސަމާލުކަމަށް ގެނެސްފައެވެ.