ކުޅިވަރު

ރަޝިއާ ކްލަބުތަކަށް ކުޅޭ ގައުމުން ބޭރު ކުޅުންތެރިން ބޭނުން ނަމަ އެއްބަސްވުން ބާތިކޮށްލެވޭނެ

ރަޝިއާގެ ލީގުގައި ކުޅޭ ގައުމުން ބޭރުގެ ކުޅުންތެރިނާއި ޓީމުތަކަށް އިރުޝާދު ދޭ ބިދޭސީ ކޯޗުން ބޭނުން ނަމަ، ކްލަބުގެ އެއްބަސްވުން ބާތިލުކޮށްލައި އެގައުމު ދޫކޮށް ދެވޭނެ ކަމަށް ފީފާއިން ބުނެފިއެވެ.

ޔޫކްރެއިންއާއި ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފީފާއިން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރު، ފީފާއިން ވަނީ ރަޝިއާގެ ލީގާއި އެގައުމުގެ ގައުމީ ޓީމާއި ކްލަބުތައްވެސް ފުޓުބޯޅައިން އެއްކޮށް ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން ރަޝިއާ ލީގުގެ ކްލަބުތަކުގެ ބިދޭސީ ކޯޗުންނާއި ކުޅުންތެރިންނަށް ބޭނުން ނަމަ އެއްބަސްވުން އުވާލަން ހުއްދަ ދިނީ އެ ފިޔަވަޅުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާނެތީއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިއާގެ ޓީމުތަކަށް އިރުޝާދު ދޭ ކޯޗުންނާއި ކުޅޭ ކުޅުންތެރިންނަށް ހާއްސަ ހުއްދައެއްގެ ދަށުން، ރަޝިއާގެ ކްލަބުތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް މި ސީޒަންގެ ނިޔަލަށް އުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ޖޫން 30 އާ ހަމައަށް، އެއްވެސް ހުރަހެއް ނެތި އެހެން ކްލަބަކަށް ސޮއިކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ފީފާއިން ބުންޏެވެ. ފީފާގެ ބަޔާނުގައި ބުނާ ގޮތުން އެއްބަސްވުން އުވާލެވެނީ ވަގުތީ ގޮތުން މި ސީޒަން ނިމެން ދެންނެވެ.

ފީފާގެ އެ ނިންމުމުގައިވާ ގޮތުން ކުޅުންތެރިންގެ އެއްބަސްވުން ވަގުތީ ގޮތުން ބާތިލުކުރެވޭތީ ފިފް ޕްރޯ ޕްލޭޔާސް ޔޫނިއަނުން ވަނީ ފާޑު ކިޔައިފައެވެ. އެ ޔޫނިއަނުން ބުނީ، އެފަދަ ގޮތަކަށް ފީފާގެ އުސޫލު އޮތުމުން ކުޅުންތެރިންނަށް އިތުރު ކްލަބުތައް ހޯދުން ވާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށާއި ކުޅުންތެރިންނަށް ހެވަކަށް އެ ނިންމުން ނިންމާ ނަމަ، ދާއިމީކޮށް އެއްބަސްވުން އުވާލެވޭނެ ގޮތަށް ކަނޑައަޅަންވާނެ ކަމަށެވެ.

ފީފާއިން ރަޝިއާ ފުޓުބޯޅައަށް ބޮޑު ފިޔަވަޅެއް އަޅައި، އެ ގައުމުގެ ފުޓުބޯޅަ ސަސްޕެންޑް ކުުރުމުން، ރަޝިއާގެ ފުޓުބޯޅަ އިދާރާއިން ވަނީ ފީފާއާއި ޔޫއެފާ ގޮވައިގެން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދާން ނިންމައިފައެވެ. އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް ރަޝިއާއިން ބުނެއެވެ.