ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް، ރ. ދުވާފަރާއި އެންމެފަހުގެ ރަނަރަޕް ޓީމު ބ. އޭދަފުއްޓާއި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ގއ. މާމެންދޫ އަދި ގއ. ކޮނޑޭ އިން ކާމިޔާބުކޮށްފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ބ. އަތޮޅުގެ މެޗަކާއި ރ. އަތޮޅުގެ މެޗެއްގެ އިތުރުން ތ. އަތޮޅު ދެ ގްރޫޕުގެ ދެ މެޗު އަދި ގއ. އަތޮޅު ދެ ގްރޫޕް ދެ މެޗެއް ރޭ ކުޅުނެވެ.
ބ. އަތޮޅުން މުބާރާތުގައި ޖުމުލަ ތިން ޓީމު ބައިވެރިވެފައިވުމުން އެ އަތޮޅުގެ ޗެމްޕިއަން ހޮވާނީ ތިން ޓީމު ވާދަކުރާ ލީގު ބުރަކުންނެވެ. ރޭ ބ. އަތޮޅުގެ ކުޅުން ފެށި އިރު، ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ 5-1 އިން ތުޅާދޫ ބަލިކޮށްފައެވެ. އޭދަފުށީގެ ގޯލުތައް ޖަހައިދިނީ އަހުމަދު އަޝްރަފް ޔޫސުފްގެ އިތުރުން އަލީ ނަސީމާއި ހަމްދާން އަބްދުލް ސައްތާރެވެ. އަޝްރަފު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ތުޅާދޫގެ ހަމައެކަނި ގޯލު ޖެހީ އީމާން އިލިޔާސެވެ.
މުބާރާތުގައި ގއ. އަތޮޅުން އަށް ޓީމު ވާދަކުރާ އިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރޭ ދެ ގްރޫޕުގެ ދެ މެޗު ކުޅެފައިވެއެވެ. ގްރޫޕް އެކެއްގައި ކުޅުނު މެޗުގައި ކޮނޑޭއިން 2-0 އިން ނިލަންދޫ ބަލިކުރި އިރު، ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި މާމެންދޫން ވަނީ 5-1 އިން ކޮލަމާފުށި ބަލިކޮށްފައެވެ.
ކޮނޑޭއިން މިހާތަނަށް ގްރޫޕުގައި ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައި އޮތް އިރު، ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޝިފާޒް އާދިލް (ތުއްތު) އެވެ. މާމެންދޫންނާއި ކޮލަމާފުށިންވެސް ގްރޫޕް ދޭއްގައި ދެ މެޗު ކުޅެފައި އޮތް އިރު، ކޮލަމާފުށި ވަނީ މިހާރު ދެމެޗުން ބަލިވެފައެވެ. މާމެންދޫން ޖުމްލަ ހަތަރު ޕޮއިންޓާއެކު ފައިނަލުގެ އުންމީދުގައި އޮތް އިރު، ރޭގެ މެޗުގައި މާމެންދޫގެ ގޯލުތައް ޖަހައިދިނީ އަހުސަމް ހަސަން ދީދީ، ރައުހާން ރިއްފަތު އަދި މުސީފް އަބްދުލްގަފޫރެވެ. ރައުހާން ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު ޖެހީ އިމްރާން ރަޝީދެވެ.
މުބާރާތުގައި ތިން ޓީމު ވާދަކުރާ ރ. އަތޮޅުގެ އަތޮޅު ބުރުވެސް ރޭ ފެށިގެން ދިޔައެވެ. ފުރަތަމަ މެޗުގައި ދުވާފަރުން އިންނަމާދުއާ ދެކޮޅަށް ނުކުމެފައިވާ އިރު، ތަފާތު ބޮޑުކޮށް 6-0 އިން ދުވާފަރުން މެޗު ކާމިޔާބުކުރީ މޮޅު ކުޅުމަކާއެކުގައެވެ. ހާއްސަކޮށް މެޗުގައި ހަތަރު ގޯލު ޖެހި މުހައްމަދު ޖުމާން އަހުމަދު ފާހަގަކޮށްލެވުނެވެ. ދުވާފަރުގެ އިތުރު ގޯލުތައް ޖަހައިދިނީ މުހައްމަދު އިސާމްއާއި މުހައްމަދު ހަފީޒެވެ.
ރޭ ދެން ކުޅެފައި ވަނީ ތ. އަތޮޅު ދެ ގްރޫޕުގެ ދެމެޗެވެ. ގްރޫޕް އެކެއްގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ގާދިއްފުއްޓާއި އޮމަދޫ އެއްވަރުވީ 2-2 އިންނެވެ. އެ ގްރޫޕުގައި ދެން ބާކީ އޮތް މެޗުގައި ކިނބިދޫން އޮމަދުއާ ދެކޮޅަށް ނުކުންނަ އިރު، ފައިނަލުގެ ފުރުސަތު އޮމަދުއާއި ގާދިއްފުއްޓަށް އެބައޮތެވެ.
ރޭގެ މެޗުގައި ގާދިއްފުށީގެ ގޯލުތައް ޖަހައިދިނީ ހުސައިން ޒާހިރާއި މުހައްމަދު ސާހިލްއެވެ. އޮމަދޫގެ ދެ ގޯލު ޖަހައިދިނީ އަޒުމާން އަހުމަދާއި އަހުމަދު ނަޝްވާނެވެ.
އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން އަތޮޅު ފައިނަލް ޔަގީން ކުރީ ރޭ ކުޅުނު މެޗުގައި 5-2 އިން ބުރުނި ބަލިކޮށްގެނެވެ. ރޭގެ މެޗުގެ ތިންވަނަ މިނެޓުގައި ބުރުނީގެ މުހައްމަދު އިބްރާހީމް ޖެހި ގޯލާއެކު ގިނަ ބަޔަކު ހައިރާން ކޮށްލައި، ބުރުނީން ފުރަތަމަ ދިހަ ވަރަކަށް މިނެޓު ތިމަރަފުށި ހިފެހެއްޓިއެވެ. އެހެން ނަމަވެސް ޗެމްޕިއަނުން ވަނީ ފެންވަރު ދައްކާލައި ފަސޭހަ ގޯލުތަކެއް ޖަހައިފައެވެ.
ރޭގެ މެޗުގައި ތިމަރަފުށީގެ ގޯލުތައް ޖަހައިދިނީ އަލީ ޝިފާއު (ރޮނާ) އާއި އިބްރާހީމް ހަމްދާން (މެސީ) އަދި މުހައްމަދު ޒަޔާން މުލާޒްއެވެ. ބުރުނީގެ އަހުމަދު ސައްދާމް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވާ އިރު، ބުރުނީގެ ދެވަނަ ގޯލު ޖަހައިދިނީ މުހައްމަދު ނާހިލް ނޫހެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
މުބާރާތުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. ޅ. އަތޮޅާއި ސ. އަތޮޅުގެ މެޗުތައް މިރޭ ފަށާއި، ދެން އޮންނާނީ ފ. އަތޮޅުގެ ދެމެޗާއި އއ. އަތޮޅުގެ ދެމެޗެވެ.
20:15 ބިލެއްދޫ - ފީއަލި
20:15 ނިލަންދޫ - މަގޫދޫ
21:15 ރަސްދޫ - ބޮޑުފޮޅުދޫ
21:15 ފެރިދޫ - މަތިވެރި
22:15 މަރަދޫ - ފޭދޫ
22:15 ހިންނަވަރު - ކުރެންދޫ