އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ފޯރި މިވަނީ އިންތިހާއަށް ގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ހަމައަށް ފެތުރިފައެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގެ ތެރޭގައި ހިމެނެނީ، ޗެއާޕާސަންކަމުގެ އިންތިހާބާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމާއި، ނައިބު ރައީސް ކަމުގެ އިންތިހާބެވެ. މީގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ، ޗެެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާ ދެބޭފުޅުންގެ މެދުގައެވެ.

ޗެއާޕާސަން ކަމަށް ވާދަ ކުރައްވަނީ، އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެންބަރުން ބައިއަތު ހިފާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރު ބައިއަތު ހިފާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށެވެ. އެހެންކަމުން މި އިންތިހާބުގެ މަސްރަހު މިހާރު ދާގޮތުން ސިފަ ވަނީ، އެންޑީޕީގެ ބާރުވެރިކަން ހޯދުމަށް، ދެ ފެކްޝަނުން ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިންވެސް ވަރަށްބޮޑަށް އެކަން ފާހަގަވެއެވެ. ނަމަވެސް އިންތިގެ ޓީމުން އޭނާގެ ވާދަވެރިޔާ، ފައްޔާޒަށްވުރެ ބޮޑަށް ޓާގެޓް ކުރާކަން ފާހަގަ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައިވެސް ކުރިއަށްދިޔައީ އެފަދަ ކަމެކެވެ.

ޖަލްސާ ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން، ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް، އިންތިއަށް ތާއީދު ކުރާ ބައެއްމީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމަށް ތުހުމަތުކޮށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ވައްޑެ ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަކީ މުތުލަގު ބާރުތަކެއް ކަމަށްވިޔަސް، އެ ބާރުތައް ބޭނުންކުރައްވަން ވާނީ ވަކި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަން ބޭނުންވާ މަގާތަކަށް މީހުން އައްޔަންކޮށް، ވަކިކުރުމުގައި އަމަލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށާއި، އެކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބޭނުން ކުރަންވާނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވާ، ތަފާތު ނުކުރުމުގެ ހަމަތަކާއި 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ވަކި ބަޔަލު މަގާމުތަކުން ވަކި ކުރުމަކީ އެނިންމުންތަކުގެ އިންސާފުވެރިކަމާއި ހަމަހަމަކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ކަންތައްތަކަމަށެވެ.

ނަމަވެސް ވައްޑެ ހުށަހެޅުއްވި މުޅި މައްސަލަ ބިނާވެފައި އޮތީ، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހުމަދު ވަޒީފާއިން ވަކިކުރި މައްސަލައަށެވެ.

މި ކުއްލި މައްސަލައިގެ ބަހުސްގައި ދެ ފެކްޝަނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފައެވެ. އަދި ރައީިސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ބައެއް މެންބަރުން ފާޑު ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބުގެ ކެންޑިޑޭޓް އިންތި ވިދާޅުވީ، އޭނާއަށް ތާއީދު ކުރާ މެންބަފުންނަށް އިންޒާރުދީ ބިރުދައްކަމުންދާ ކަމަށެވެ. އޭނާއަށް ތާއީދު ކުރާމީހުން ބަލިކަށި ކޮށްފައި، އެހެންބަޔަކަށް އިސްކަންދީ ބާރުވެރި ކުރުވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ނިސްބަތްވެވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާއިން ކޮންމެ އިންތިހާބެއްގައި، މާލެއިން ބޮޑު ޕަސެންޓެއް ކާމިޔާބު ކުރާއިރު، އެދާއިރާއިން އެންމެ މީހަކަށް ވެސް ވަޒީފާއ ދީފައި ނުވާކަމަށް އިންތި ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ފެކްޝަނުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި އޮންނަ މިންވަރަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީފައި ނުވާއިރު، ވެރިކަން ކުރުމަށް އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ހަނި ފުރުސަތު ނަގައިލުމަށް، "އަޅުގަނޑުމެން ވެރިކަންކުރާ ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން، ރައީސުލްޖުމްހޫރިއްޔާގެ އަތާއިފައި ބުރިކޮށްލަން ކުރާ ނޭއްގާނީ، މުޑުދާރު އަމަލު ކުށްވެރިކުރައްވާ،" ކަމަށެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ޕާޓީގެ މީހެއް ކަމަށްވިޔަސް އެމީހަކާ ހަވާލުކުރާ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ނުކުރާ ނަމަ، އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ނުދޭނަމަ، އެމީހަކު ވަޒީފާއިން ދުރުކުރަން ޖެހޭނެ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށާއި، ގައުމު ހިންގެވުމަށް ހުވައި ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެހެންކަމުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން، ވަޒީފާދޭ ފަރާތްތަކުން، އެމީހެއްގެ މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާނަމަ އަދި އެންމެ އެކަށީގެންވާ ގާބިލުކަން ނެތްކަމަށް ފެންނަންޏާ އެތެރޭގެ އިންތިހާބެއް އޮތަސް ބޭރުގެ އިންތިހާބެއް އޮތަސް އެއީ އެމަނިކުފާނަށް ލާޒިމުކަމެއް، ވާޖިބު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހަނި ފުރުސަތު ނިގުޅައިގަތުމަށް ޓަކައި ވެރިކަންކުރާ ޕާޓީން، އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އެއީ ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ވަކިބަޔަކު ކުރި މަސައްކަތުންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، އެބޭފުޅުންނަަށްވުރެ އިހުލާސްތެރި ބަޔަކު މި ސަރުކާރަށް ނުލިބޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އިންތިމެން ކުރެއްވި މަސައްކަތުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑަށްވުރެން އިމްތިޔާޒު ފަހުމީއަކަށްވުރެން ހަސަން ލަތީފަކަށްވުރެން، އުނގޫފާރުގެ މުހައްމަދު ވަހީދަކަށްވުރެން، އިހުލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެ،" އިންތިއަށް ތާއީދު ކުރައްވާ މެންބަރުންގެ ނަން ފާހަގަ ކުރައްވައި އީވާ ވިދާޅުވިއެވެ.

އީވާއަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، މިސާރުކާރު ވެރިކަމަށް އައީ، ޕާޓީގެ ހުރިހާ މެންބަރުންނާއި، އެހެން ޕާޓީތަކުގެ މެންބަރުން ކުރި ވަރަށްބުރަ މަސައްކަތުން ކަމަށެވެ. އަދި އެއީ ހަމައެކަނި ވަކި ބަޔަކު ކުރިކަމަކުން ލިބުނު ކާމިޔާބެއްކަމަށް ވިދާޅުވުމަކީ، ދެން ތިބި ހުރިހާ މެންބަރުންނަށް ކުރާ ވަރަށްބޮޑު ބޭއިންސާފެއް ކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނައިބު ރައީސް ވެސް ވާހަކަ ދައްކަވަމުން ވިދާޅުވި މިހިރަ އިމްތިޔާޒު ފަހުމީއާއި މިހިރަ ވަހީދު އާއި މިހިރަ މިވެނި މީހަކާއި އެވެނި މީހަކާ ކުރި މަސައްކަތުންނޭ މި ޕާޓީ ސަރުކާރަށް އައީ، ނޫން މި ޕާޓީ ސަރުކާރަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން، އަޅުގަނޑު ވަރަށް ހިތާމަކުރަން އެނަންތައް މިމަޖިލީހުގެ ތެރޭގައި ކިޔައިލިއިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ ނަމެއް ވިދާޅެއްނުވޭ، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޒީރުގެ ވާހަކައެއް ވިދާޅެއްނުވޭ، ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރުގެ ނަމެއް ވިދާޅެއްނުވޭ، ގަމު ދާއިރާގެ ކުރީގެ މެންބަރު އަދި (މިހާރުގެ އިކޮނޮމިކު މިނިސްޓަރު) ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތުގެ ވާހަކައެއް ވިދާޅެއް ނުވޭ، އެކަމަކު ހަގީގަތަކީ އެބޭފުޅުންވެސް އަދި އޭރު މިތާތިއްބެވި ހުރިހާ ބޭފުޅުންވެސް ހަމަ އެއްވަރަކަށް އެއްވާނެއްގައި މަސައްކަތް ކުރަމުން ދިޔައީ،"

ޗެއާޕާސަން ކަމަށް ފައްޔާޒަށާއި، އަންހެނުންގެ ގޮފީގެ ރައީސާ ކަމަށް ވާދަ ކުރައްވާ ރޮޒެއިނާއަށް ތާއީދު ކުރާ ފަރާތްތަކަށް އިންތިއަށް ސަޕޯޓު ކުރާ ފަރާތްތަކުން ފުރައްސާރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، ރޮޒެއިނާ އިތުރަށް ވިދާޅުވީ އިންތިހާބާ ދިމާކޮށް، މީހުންގެ އަބުރު ކަތިލައި މީހުންނަށް ކޮރަޕްޝަނަށް ގޮވައި މީހުންނަށް ވަގަށް ގޮވަމުންދާ ކަމަށެވެ.

"ފޭދޫގެ އައިޝަތު ވަހީދު/ ރިޔާސް، މަރިޔަމް އާގިސާ / މަދްރަސާ ދޮށުގެ، އައިޝަތު އަމީލާ / ލަކްސްކްލީން އަކީ އަޅުގަނޑުމެންނާ ހަމަ އެއްވަރަކަށް މި ޕާޓީގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންވެގެން މަސައްކަތްކުރި މީހުން މިއަދު އެމީހުންނާ ދިމާލަށް ތުންފުއްސޭ ގޮވަމުން ގެންދަވަނީ، އަންހެނުންނާ ދިމާލަށް ތުންފުއްސޭ ކިޔައިފައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާތީ ގޮވާ ގޮވުން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ނުޖެހޭނެ މިގޮތަށް ފުރައްސާރަ ކުރާކަށެއް، ވަކި މީހަކަށް ތާއީދު ކުރާތީ އެމީހުނަށް މެއްސަށް މާބުރަށް ކުޅަނދުރަށް ކުކުޅަކަށް ގޮވާކަށެއް ނުޖެހޭ،"

އެކަންކަމަކީ ޕާޓީގައި ހިނގައިގެންވާނެ ކަންތައްތައް ނޫން ކަމަށާއި، ހާއްސަކޮށް މަޖިލިސް ތެރޭގައި އެކަންތައްތައް ކުރުމަކީ ޕާޓީ އެކުވެރިކުރަން ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީތޯ ތިލަފަތުން މިދައްކާ ރަމްޒަކީ، އަބުރުކަރިލުންތޯ، ހެރެސްމެންޓްތޯ، ބުލީކުރުންތޯ، އެއީތޯ ތިލަފަތުގެ ރަމްޒަކީ، އަޅުގަނޑު ހަމަ ހިތާމަކުރަން،"

ބަހުސްގެ ތެރެއިން ބައެއް މެންބަރުން ވަނީ ރައީސް ސޯލިހަށް އިންޒާރުދޭ ބީދައަކުންވެސް ވާހަކަ ދައްކަވައިފައެވެ. އަދި އެގޮތަށް ވަޒީފާތަކުން މީހުން ވަކި ނުކުރެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިިންތިހާބަކާ ގުޅިގެން ވަޒީފާއިން މީހުން ވަކިކުރާނަމަ އެވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެކަން އިތުރަށް ތަކުރާރު ވަންޏާ ދެން އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވީ، އެ މެންބަރުންގެ ދާއިރާތަކަށް ނިސްބަތްވާ އެއްވެސް މީހަކު ވަޒީފާއިން ވަކުކުރާނަމަ އެބޭފުޅުންނަށް އެކަން އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެދާއިރާއިން އެއްވެސް މީހަކު ވަޒީފާއިން ވަކިކުރަން ނުކެރޭނެ ކަމަށާއި، ފުރަތަމަ ވަކިކުރަން ޖެހޭނީ އެ މެންބަރުން ކަމަށާއި، ވަޒީފާއިން ވަކިކުރާ ފަރާތްތަކާއެކު މުޒާހަރާއަށް ނިކުންނަވާނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވިއެވެ.

އެ މެންބަރުންނަށް ރަައްދު ދެއްވައި ފުނަދޫ ދާއިރާގެމެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކެމްޕެއިން ހަރުގެއަކަށް މަޖިލިސް ތަޅުން ހަދައިގެން ވާހަކަ ދެެއްކުމަކީ ބޭއިންސާފު އެއްކަންތައް ކަމަށެވެ. އަދި ފައްޔާޒުގެ ކެމްޕެއިން ޖައްސާގައި ބައިވެެރިވީތީ، އިންތިއަށް ތާއީދު ކުރާ ފަރާތްތަކުގެ މަލާމާތާއި ފުރައްސާރައިން ސަލާމަތް ވެވޭވަރު ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އިހުލާސްތެރިކަމަކީ ވަކި ބައެއްގެ ކިބައިގައި ހުންނަކަމެއްކަމަށް ވާހަކަ ދައްކާއިރު، އިންތިއަށްވުރެން ފައްޔާޒުގެ އިހުލާސްތެރިކަން ވަކިން ކުޑަ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް އަހުމަދު ވިދާޅުވީ، މި ކުއްލި މައްސަލައާ ގުޅޭ، އާމިރު ވަޒީފާއިން ވަކިކުރި މައްސަލަ އޮޅުން ފިލުވާފައިވާ ކަމަށެވެ.

އޭނާގެ ހިންގުމުގެ ފެންވަރު ދަށްވުމުގެ މައްސަލަ އާއި، ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެންބަރަކަށް ހުރެ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކޮށްފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް އެދި، އެމްޑީޕީގެ އެދާއިރާގެ ހިންގާ ކޮމިޓީން އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ ވަކި ކޮށްފައިވަނީ އެ ދާއިރާގެ އެތައްބަޔަކު އޭނާ ވަކިކުރުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސްގެ ތެރެއިން މެންބަރުންގެ މެދުގައި އަޑުގަދަވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ވަނީ ރައްދު ކޮށްފައެވެ. މަޖިލީހުގެ ތަޅުން އިއްޔެ ބޮޑަށް ސިފަވީ، ރައްޔިތުންގެ މަޖިލީހަކަށްވުރެ، ޕާޓީގެ ކެމްޕޭން ޕްލެޓްފޯމެއްގެ ގޮތުގައެވެ.