ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައިގެ ވާހަކައެވެ. މުޅި ދުނިޔޭގައި އޮތީ އެ ވާހަކައެވެ. މުޅި ދުނިޔެ ޔޫކްރެއިންއަށް "ސިމްޕަތީ" ވެއްޖެއެވެ. ހާއްސަކޮށް ޔޫރަޕެވެ. އަލަށް ގައުމަކަށް ހަމަލާދިން ކަހަލައެވެ. މިއޮއްވީހާ ޒަމާނުގައި އދ. ޗާޓަރުން ބޭރުން މުސްލިމް އެތައް ގައުމަކަށް އެޅި ބޮންތަކާއި، ފޮނުވި މިސައިލްތަކުގެ މަތިން ހަނދާން ނެތުނު ކަހަލައެވެ. ރަޝިއާއިން ދޭ ހަމަލާތައް އދ. ގެ ޗާޓަރަށް ފެތެނީކީ ނޫނެވެ. ތާއިދުކުރަނީކީވެސް ނުމެ ނޫން މެއެވެ. ކުޅިވަރުގެ ތެރެއިން އެ ހަނގުރާމައަށް ވަން ހިސާބުން "ނަސްލީ، ދީނީ،" ތަފާތުކުރުމުގެ އެހެން ތަރަޖައެއް ދައްކާލުމުން އެތައް ބަޔަކު މާޔޫސްވީއެވެ.

ރަޝިއާއަށް ދަތިކުރުމުގައި މުޅި ޔޫރަޕްގެ އިތުރުން އެމެރިކާވެސް އޮތީ އަވަދި ނެތިއެވެ. ތެޅި ބާލަނީއެވެ. ޔޫކްރެއިންގެ މަންޒަރަށް މުޅި ކުޅިވަރުވެސް ރޮއި ހިތާމަކުރަނީއެވެ. ވާމްއަޕް ޖާޒީއަކީވެސް ޔޫކްރެއިންގެ ލޯގޯ ޖެހި ޖާޒީތަކެވެ. ދަނޑުތައް ޔޫކްރެއިންގެ ކުލައިން ދިއްލައިވެސް ލަނީއެވެ. ޕްރިމިއާ ލީގުގެ ފޭސްބުކް ކަވާވެސް ހާއްސައީ ޔޫކްރެއިންއަށެވެ. ބޮޑެތި ތަޖުރިބާކާރުންނާއި ލެޖެންޑުން ބަޔާންތައް ނެރެ، ރަޝިއާ ބޭރު ކުރަން ގޮވަނީއެވެ. އެކަން ކާމިޔާބުވެސް ކޮށްފިއެވެ.

ރޭ ޔޫއެފާއާއި ފީފާއިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައި ވަނީ ރަޝިއާ ފުޓުބޯޅައިން ބޭރު ކުރި ކަމަށެވެ. ކްލަބުތަކާވެސް އެކު ސަސްޕެންޑް ކުރިއެވެ. ރަޝިއާ ގައުމީ ޓީމަށް އަންނަ މަހު އޮތް ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ފުރުސަތުވެސް ގެއްލުނީއެވެ. ރަޝިއާގެ ކްލަބު މޮސްކޯއަށް ޔޫރޮޕާ ލީގުގެ ގަދަ 16 ގެއްލި، އެ މުބާރާތުންވެސް ކެޓީއެވެ. ހަރުކަށި އަދަބެކެވެ. ހުޅަނގުގެ ތާއީދު އޮހެނީއެވެ. މުސްލިމުން ހަގީގަތުގައި އެރީ ރަތަށެވެ. ތަރާދުގެ މިންގަނޑު މުޅިން އޮޅުވާލީތީއެވެ. ފަލަސްތީނަށް ހަމަލާދެމުންދާ އިސްރާއީލަށް އޮތް އަދަބު ކޮބައިތޯ ސުވާލު ކުރެވުނެވެ. ސީރިއާ، ލީބިއާ، އިރާގު، އަފްގާނިސްތާން ފަދަ މުސްލިމު ގައުމުތައް ތަޅައި ސުންނާފަތި ކުރި މީހުން، ކުޅިވަރު ކުޅޭ ސަބަބުން ހޯދާވެސް ނުފެނުނެވެ.

ރަޝިއާއަށް ދަތިކުރަން ގައުމުތަކުން އަވަސް ބުރުގައި އުޅޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. ވިޔަފާރީގެ ގޮތުންނާއި އިގުތިސާދީ އެކިއެކި ވިއުގަތަކުންނެވެ. ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރު، ފުޓުބޯޅަ ބޭނުންކުރަނީ ރަޝިއާގެ މަންޒަރު ހުތުރުކުރުމުގެ އިތުރުން ދުނިޔޭގެ ސަމާލުކަމަށެވެ. އެކަން ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އީޔޫގެ ޕާލިމެންޓުން ފެށިގެން މުޅި ހުޅަނގާއި އެމެރިކާގެ މީޑިއާތަކުން ކެނޑިނޭޅި ކުރިއެވެ.

ފީފާއާއި ޔޫއެފާއިން މީގެ ކުރިން "ކުޅިވަރު ސިޔާސީ ނުކުރުމަށާއި، ފުޓުބޯޅައަކީ ގައުމުތަކުގެ ދެމެދަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް،" ނޫން ކަމަށް ބުންޏަސް، މިއަދު އެކަން ފަސްދީފިއެވެ. ޔޫކްރެއިން ވީމައެވެ. ޔޫރަޕް ވީމައެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ހުރިހާ ކްލަބުތަކަކުން ކަހަލަ ގޮތަކަށް ޔޫކްރެއިންއަށް ހިތްވަރު ދީ، ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. "އެންޓި ރަޝިއާ" ގެ ކެމްޕޭނުތަކަށް ބޮޑެތި ލީގުތަކުން ކީ މަރުހަބާއެވެ.

އިނގިރޭސި ލީގުގެ އެންމެ ބޮޑު އެއް ކްލަބު ޗެލްސީގެ ވެރިޔާ، ރަޝިއާ ރައީސް ލަޑީމިއާ ޕުޓިންގެ އަރިސް ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އީޔޫގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑެތި ތުހުމަތުތަކެއް ކޮށް، އޭނާ އަތުން "ޗެލްސީ އަތުލަން" ޖެހޭކަމަށްވެސް ބުންޏެވެ. އެ ވާހަކަތަކާއެކު އަބްރަމޮވިޗް ވަނީ ޗެލްސީގެ ހިންގުން އެ ކްލަބުގެ ފައުންޑޭޝަނަށް ދީފައެވެ. އެހެންނަމަވެސް އެކަން އަދި ވަކި ގޮތަކަށް ނުނިމެއެވެ. އަބްރަމޮވިޗް އަތުން ޗެލްސީ ބީވެ، ވިއްކާލަން ޖެހުންވެސް ގާތެވެ.

އެތައް މެޗުތަކެއްގެ ކުރިން މުޅި ދަނޑުގައި ޔޫކްރެއިން ދިދަ ވިހުރުވަނީއެވެ. ކެޕްޓަން ބޭންޑުތައްވެސް އަޅަނީ ޔޫކްރެއިން ދިދައިގައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ގައުމުތަކުން ކަނޑައެޅި އަމާޒަކީ ފުޓުބޯޅައިން ރަޝިއާ ބޭރުކުރުމެވެ. އެކަމަށް އެކައްޗެއް ކިޔައި ސޯޝަލް މީޑިއާވެސް ގުގުމާލިއެވެ. ނަތީޖާ ވަރަށް ސާފެވެ. ކުއްލިއަކަށް ދެ ދުވަސްކުރިން ފީފާއާއި ޔޫއެފާއިން ނިންމުންތައް ނިންމަން ފެށިއެވެ.

މައްސަލަތަކަށް ބަލައި ފުރަތަމަ ފީފާއިން ރަޝިއާއަށް އެންގީ އަންނަ މަހު އޮތް ކޮލިފިކޭޝަން މެޗުތައް ކުޅެން ޖެހޭނީ ރަޝިއާއިން ބޭރު، ނިއުޓްރަލް ދަނޑުތަކުގައި ކަމަށެވެ. އެގޮތުން ވަކި މުއްދަތެއް ވަންދެން ރަޝިއާގައި ފީފާގެ އެއްވެސް މެޗެއް، އަދި ހަރަކާތެއްވެސް ނުބާއްވާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކުރިން ފީފާއިން ބުނީ މެޗުތައް ކުޅޭ ޖާޒީގައި ރަޝިއާގެ ދިދައާއި ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށާއި، ރަޝިއާ ޓީމު ކުޅެންވެސް ޖެހޭނީ ރަޝިއާގެ ނަމުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ކުރަން ޖެހޭ ޓީމު ނަމަކީ ފުޓުބޯޅަ ޔޫނިއަން އޮފް ރަޝިއާ ކަމަށްވެސް ފީފާއިން ވަނީ އަންގައިފައެވެ. ފީފާއިން އޭރު ބުނެފައި ވަނީ ރަޝިއާގެ ގައުމީ ސަލާމްވެސް ފީފާގެ އެއްވެސް އިވެންޓެއް، އަދި މެޗެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

  • އެވަރަކުން ނުފުދުނު، ދެން ގޮވީ ބޭން ކުރުމަށް

ފިޔަވަޅުތައް އެޅި މިންވަރު ޕޮލެންޑާއި، ސްވިޑެންގެ އިތުރުން އެހެނިގެން ޔޫރަޕްގެ ފުޓުބޯޅަ އިދާރާތަކަށްވެސް މުޅިން ގޯހެވެ. އިންގްލެންޑާއި ޔޫރަޕްގެ އަޑުހަރު ފުޓުބޯޅަ ލެޖެންޑުންނަށްވެސް އެ މިންވަރު ގޯހެވެ. ގެރީ ލިނެކާވެސް ބުނީ ފީފާ ނޫން އެހެން ހުރިހާ ބައެއް އޮތީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއާ ދެކޮޅަށް ކަމަށެވެ. ފީފާއަށް ކުރި އެ ބޮޑު ތުހުމަތުގައި ބެދެން ފީފާއިންވެސް، ޔޫއެފާއިންވެސް ބޭނުން ނުވެ، ރޭ ނިންމީ ރަޝިއާ ފުޓުބޯޅަ ޗާޓުން ބޭރުކޮށްލުމަށެވެ.

އެއީ އަދި ހަމައެކަނި ފުޓުބޯޅައެވެ. ރަޝިއާ އަތުގައި ހުރިއްޔާ ހުރި ބޮޑެތި ކުޅިވަރު އިވެންޓްތައް ނަގަނީއެވެ. ފޯމިއުލާ ވަން ޓުއާގައި ރަޝިއާގެ ސޮޗީގައި އޮންނަ މުބާރާތްވެސް ނަގައިފިއެވެ. އަދި ކޮބާ ހެއްޔެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގައި ރަޝިއާއަށް ފިޔަވަޅު އަޅަން އަންގައިފިއެވެ. އެ ފިޔަވަޅުތައް އޮތީ ކުރިއަށެވެ.

ކުރުކޮށް ރަޝިއާއަށް ފުޓުބޯޅައިން ގެނުވި އެކަހެރި ކަން މި ކިޔައިދެވުނީއެވެ. ކުޅިވަރުން ރަޝިއާ ބޭރުކުރަން މިސްރާބު ހިފައިފިއެވެ. ރަޝިއާ ގޯހަކަސް، ޔޫކްރެއިން ކުށެއް ނެތް ކަމަށް އެމީހުން ބުނަމުން ދިޔަ ނަމަވެސް، ކުއްލިއަކަށް ފީފާއާއި ޔޫއެފާއިން ހޭލީ، "މުސްލިމު" ގައުމުތައް ނޫންވީމަތޯ، އެއީ ކުރެވޭ ސުވާލެވެ. އިސްރާއީލުންވެސް ފީފާގެ މެޗުތައް އެގައުމުގައި ހޯސްޓްކޮށް، ކުޅެނީއެވެ. އެހެން ގައުމަކަށްވެސް ހުރަހެއް ނެތެވެ. ކުއްލިއަކަށް ރަޝިއާއެވެ. ބަލައިލަން ޖެހެނީ ފަލަސްތީނު ފަދަ ގައުމަކާ ދެކޮޅަށް އަޑު އުފުލައިފިނަމަ ކްލަބުތަކަށްވެސް، ޔޫއެފާއަށްވެސް، ފީފާއަށްވެސް އެކަން ސިޔާސީ ވަނީ ކީއްވެތޯއެވެ.

އެންމެ ބާރުބޮޑުކޮށް އިސްރާއީލުން ފަލަސްތީނަށް ހަމަލާދީ، އެތައް ކުދިންނެއް މަރައި، އެތައް އާންމުންނެއް ޒަހަމް ކުރަމުން ދިޔައިރުވެސް ފަލަސްތީނުގެ ދިދައެއް ޔޫރަޕް ފުޓުބޯޅައިން ފެނުނީ ފަނޑުކޮށެވެ. މިހާރު ލަލީގާ ޓީވީން ބްރޯޑްކާސްޓް ކުރާ އިރު "ނޯ ޓު ވާ" ސްކޯބޯޑު ކައިރީ ޖަހައިފައި އިންނަ ނަމަވެސް އޭރު ލަލީގާއަށް ފަލަސްތީނު ދިދަވެސް ވީ "ފިތުނަ"އަކަށެވެ.

ޓީމަކުން އުފަލެއްގައި ނަމަވެސް އޭރު ފަލަސްތީނު ދިދަ ވިހުރުވާލީވެސް ހަމައެކަނި މުސްލިމް ކުޅުންތެރިޔަކު އެކަންޏެވެ. އެފަދަ ކޮންމެ ދިދައެއް ވިހުރުވާލާ އިރަށް މީޑިއާތަކުން އެ މައްސަލަ ނުބަލައިގެންވެސް ހީވީ އެހެން ފަދަ ކަމެއް ލައިގަނެގެން އުޅުނު ހެނެވެ. އެއީ ފުޓުބޯޅަ ހަޑި، މުޑުދާރު ކުރީ ކަމަށް ބަލައެވެ. އެ ޕްރެޝަރު ބޮޑުކޮށްގެން ފަލަސްތީނު ދިދަތަކެއް މައްސަލައިގައި ސެލްޓިކް ޖޫރިމަނާވެސް ކުރިއެވެ.

މީގެ މާ ކުރިއެއްވެސް ނޫނެވެ. 2016 ވަނަ އަހަރު ސްކޮޓްލޭންޑްގެ ސެލްޓިކުން އިސްރާއީލްގެ ހަޕޮއިލް ބިއާސޭވާއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ޕްލޭ އޮފް މެޗުގައި، ސެލްޓިކް ސަޕޯޓަރުން ގިނަ އަދަދެއްގެ ފަލަސްތީނު ދިދަ ވިހުރުވި މައްސަލަވީ ބޮޑު ގޯހަކަށެވެ. "ޔޫއެފާގެ އެތިކްސް، ޑިސިޕްލިނަރީ، އަދި ކޮންޓްރޯލް،" ގްރޫޕުން އެ މައްސަލަ ބޮޑުކޮށް ކުށްވެރިކުރީ ކުޅިވަރާ ނުގުޅޭ މެސެޖެއް މެޗުގެ ބޭނުން ކޮށް ފެތުރުމުންނެވެ. އެ އުސޫލުގައި ވަނީ ސިޔާސީ، ދީނީ އަދި ހިޔާލަކަށްވެސް އަސަރުކުރުވާނެ އެއްވެސް ބެނާއެއް ދިދައެއް ފަދަ އެއްޗެއް ބޭނުން ނުކުރެވޭ ގޮތަށެވެ.

ފަލަސްތީނު ކަރުނަ އަޅައި ރޮމުން ދިޔަ އިރު ސެލްޓިކް ސަޕޯޓަރުން އެ ދެއްކި ސާބިތުކަމަށް ޔޫއެފާއިން ވަނީ އެ ކްލަބު 20،000 ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. އެންމެފަހުން ސެލްޓިކަށް ޖެހުނީ އެ ސަޕޯޓަރުންނަށް އިންޒާރުދީ ގޮނޑިތަކުންވެސް ފަލަސްތީނު ދިދަަތައް ނަގާށެވެ. އޭރު އެކަން ހުއްޓުވި ނަމަވެސް ސެލްޓިކުން ވަނީ 2021 ވަނަ އަހަރުވެސް ފަލަސްތީނާ އެކުގައި ތިބިކަން އަނެއްކާވެސް ދައްކާލައިފައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުވެސް ޖެހުނީ ހަމަ އަނބުރާ ދިދަތައް ނަގައި، އެކަން ހުއްޓާލާށެވެ. ޔޫއެފާގެ އިންޒާރުންނެވެ.

އެއީ އެއް ކްލަބަށް ދިމާވި ކަންތަކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓްހަމް ޔުނައިޓެޑުން ފަލަސްތީނާއެކުގައި ވާކަމަށް ބުނެ ކުރި ޕޯސްޓް ކުރި ފޮޓޯއެއް ސޯޝަލް މީޑިއާއިންވެސް ނަގަން ޖެހުނެވެ. މުސްލިމް އެތައް ކުޅުންތެރިންނެއް ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލުމުން އިނގިރޭސި މީޑިއާއިން ވަނީ އެ ކްލަބުތަކުގެ ކޯޗުން ހޫނު ގޮނޑިއަށްލައި ޖަވާބު ދާރީ ކުރުވާފައެވެ. އާސެނަލްގެ މުހައްމަދު އަލް ނެނީ ފަލަސްތީނުގެ ދިފާއުގައި ބަސް ބުނުމުން އާސެނަލްގެ އެންމެ ބޮޑު ސްޕޮންސަރު ލަވާޒާއިން ވަނީ އެކަމާ މައްސަލަ ޖައްސައިފައެވެ.

  • އޮޒިލްގެ ވާހަކަވެސް މުހިއްމު

އިންސްޓާގްރާމް މެދުވެރިކޮށް ޗައިނާގެ އުއިގާގައި ގާތްގަނޑަކަށް މިލިއަން މުސްލިމުންނަށް ހައްޔަރުގައި ލިބެމުންދިޔަ އަނިޔާތަކާ ދެކޮޅަށް އޭރު އާސެނަލްގައި ހުރި އޮޒިލް ވަނީ ވާހަކަ ދައްކާފައެވެ. އެ ހިސާބުން އޮޒިލްވީ މީޑިއާގެވެސް، ޕްރިމިއާ ލީގުވެސް، އާސެނަލްގެވެސް ޓާގެޓަކަށެވެ. އެކަމުގެ ރޯޅި ޗައިނާ ސަރުކާރުން ވަނީ އާސެނަލަށްވެސް ބާލައިފައެވެ.

ޗައިނާގައި ޕްރިމިއާ ލީގު ދައްކަމުން އަންނަ ގައުމީ ޓީވީ، ސީސީޓީވީގެ ޝެޑިއުލްގައި ހިމެނިފައިވާ އާސެނަލްގެ ބައެއް މެޗުތަކުގެ ބްރޯޑްކާސްޓިން ކެންސަލް ކުރިއެވެ. އޭގެ ސަބަބުން އާސެނަލްއަށް ބިލިއަނެއްހާ މީހުންގެ އޯޑިއަންސެއް ގެއްލި، ޓީވީ ރައިޓްސްގެ ފައިދާއިން ގެއްލުންތަކެއް ވެދާނެ ކަމަށް ބެލެވުނު ކަމަށް ބެލެވި އޮޒިލްއަށް އިތުރު ގޮތެއް ހަދަން ނިންމި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހިސާބުން އާސެނަލް ޓީމުން އޮޒިލް ބާކީވެ، ޖާގަ ގެއްލުނެވެ. ޕްރިމިއާ ލީގަށް ހީވެސް ނުވިއެވެ.

ތުރުކީގެ އާއިލާއަކަށް އުފަން، ތުރުކީއަށް އިންތިހާއަށް ލޯބިކުރާ އޮޒިލް ޖަރުމަނުގެ ގައުމީ ޓީމުންވެސް ބާކީވެގެން ދިޔައީ ސިޔާސީ ސަބަބުތަކަށް ޓަކައެވެ. ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއި އޮޒިލްއާ އޮންނަ ހާއްސަ ގުޅުމެއްގެ ތެރެއިން، އޮޒިލް އުރުދުގާންއާއެކު ނެގި ފޮޓޯއެއްގެ މައްސަލަ ހޫނުވެ، އޮޒިލް ތުރުކީއާ ބާއްވާ ގުޅުން ޖަރުމަނު ފެޑަރޭޝަނުން ކުށްވެރިކުރިއެވެ. އެ މައްސަލަތަކުގައި ކެތްނުވެގެން އޮޒިލް ގައުމީ ޓީމުން ދުރަށް ޖެހެން މަޖުބޫރު ކުރުވިއެވެ.

"އާސެނަލްއަށް ދިން ވަފާތެރިކަމުގެ ބަދަލެއް ނުލިބުނު. ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ނުވުމަށް އެދުނު. މި ދައްކަނީ ސިޔާސީ ކަމެއްގެ ވާހަކައެއް ނޫން. އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ފެށި ކެމްޕޭނުގައި އެންމެން ބައިވެރިވޭ. އެއީ ރަނގަޅު ކަމެއް. އިންސާފާ ހަމަހަމަ ކަމަށް މި އަޑުއުފުލަނީ. އެކަމަކު އަހަރެން އުންމީދު ކުރަނީ މުސްލިމުންނަށްވެސް އެ އިންސާފު ލިބޭނެ ދުވަހަކަށް. މުސްލިމް ލައިވްސް މެޓާސް،" އޮޒިލް އޭރު ބުނެފައި ވެއެވެ.

އެ ބުނުމުގެ ތަރާދުގެ މިންގަނޑު މިއަދު އަނެއްކާވެސް އެ ފެންނަނީއެވެ. ރަޝިއާގެ ލާއިންސާނީ ކަމަށޭ ބުނެ ތެދުވި ޔޫއެފާއާއި ފީފާއަށް މުސްލިމް އެތައް ފުރާނައެއްގެ އަގެއް ނެތެވެ. އަދިވެސް ތަކުރާރު ކުރަމެވެ. ޔޫކްރެއިންއަށް ދޭ ހަމަލާތަކަށް ރުހި ގަބޫލުވަނީކީ ނޫނެވެ. މުސްލިމް ގައުމުތައް ތަޅާ ސުންނާފަތިކޮށް، ދާއިމީކޮށް އެތައް ހަމަލާއެއް ދެމުންދާ ލާ އިންސާނީންނަށް ނޭޅި ފިޔަވަޅެއް ފަސް ދުވަސް ތެރޭ ރަޝިއާއަށް އަޅަންވީ ކީއްވެތޯ ސުވާލު އުފެއްދެނީއެވެ. އެވެރިންގެ ދުނިޔެއެވެ. އެވެރިންގެ އިންސާފެވެ. މިއީ ތަފާތު ކުރުމުގެ މިންގަނޑެވެ. އެއީ ހުޅަނގުގެ އަތް ދުނިޔޭގެ ކުޅިވަރާއި ފުޓުބޯޅައިގައިވެސް އޮތް ވަރެވެ.