ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ކުރިން ވެސް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގައި ހުޅުމާލޭގެ ސައްހަ ރަޖިސްޓްރީއެއް ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ހައި ކޯޓުގައި ބުނެފިއެވެ.

ސިޓީ ކައުންސިލުން އެޗްޑީސީއަށް ދީފައިވާ ހުޅުމާލެ ރަޖިސްޓްރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ނުވަ ދުވަހު ބާތިލުކުރުމުން އެޗްޑީސީން ވަނީ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އެދުވަހު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އަމުރު ނެރުނީ އެޗްޑީސީން އެދުނު ގޮތަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ސިޓީ ކައުންސިލުގެ ފަރާތުން ޑިސެމްބަރު 27 ވަނަ ދުވަހު ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

އަޑުއެހުމުގައި ސިޓީ ކައުންސިލް ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ، ސަރުކާރުން އެޗްޑީސީއަށް ދީފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީއަކީ ސައްހަ ރަޖިސްޓްރީއެއް ނޫން ކަމަށާއި ކޮންމެ ބިމަކަށް އޮންނާނީ އެންމެ ރަޖިސްޓްރީއެއް ކަމަށެވެ. އަދި މުޅި ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ދީފައިވާނަމަ އެހެން މީހުންނަށް ގޯތި ވިއްކައި ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

ސިޔާޒު ވިދާޅުވީ، އެއް ފަރާތަކަށް މިލްކުވެފައިވާ ބިމެއް އެހެން ފަރާތަކަށް މިލްކުކޮށް ރަޖިސްޓްރީ ކޮށްދީފިނަމަ، ކުރީގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށެވެ. އެޗްޑީސީން ވެސް ހުޅުމާލޭގެ ބައެއް ބިންތައް ވިއްކާފައިވާ ކަމަށް ސިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޗްޑީސީއަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ސައްހަ ކަމަށް ކޯޓުން ބަލައިފިނަމަ، ހުޅުމާލެއިން މީހުން ގަނެފައިވާ ބިންތަކުގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.

ސިވިލް ކޯޓުން އެޗްޑީސީން އެދުނު ގޮތަށް އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތުން ވަގުތީ އަމުރެއް ނެރޭއިރު ތިން ކަމަކަށް ބަލަން ޖެހޭނެކަން ސިޔާޒު ފާހަގަކުރެއްވިއެވެ. ވަގުތީ އަމުރު ނެރެނުދީފިނަމަ އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލިބޭނެ ގެއްލުމަށް ބަލަން ޖެހޭނެ ކަމަށާއި ސިވިލް ކޯޓުން އަމުރު ނެރުނީ ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކާ ހިލާފަށް ކަމަށް ސިޔާޒު ވިދާޅުވިއެވެ.

ސިވިލް ކޯޓުން އަމުރު ނެރުމުގައި ބޮޑަށް ގެއްލުންވާނީ ކޮން ފަރާތަކަށްކަން ރިއާޔަތްކުރިނަމަ، އެއީ ސިޓީ ކައުންސިލުކަން އެނގޭނެ ކަމަށް ސިޔާޒު ވިދާޅުވިއެވެ. އަދި އެޗްޑީސީއާ އެއްކޮޅަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ ގާނޫނީ ޝަހުސަކަށް ވުމުން އެކަނިކަން ފާހަގަކުރައްވައި ސިޔާޒު ވިދާޅުވީ އެއީ ވަގުތީ އަމުރެއް ނެރުމަށް ޝަރުތު ފުރިހަމަވާ ސަބަބެއް ނޫން ކަމަށާއި އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮތުމުން ސިޓީ ކައުންސިލުގެ ޒިންމާތަކަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ބަނދަރާއި މިސްކިތް އަދި މަގުތައް ބަލަހައްޓަން ޖެހެނީ ކައުންސިލުން ކަމަށްވިޔަސް އެޗްޑީސީއަށް ހުޅުމާލޭ މިލްކުވެފައި އޮތުމުން އެ ޒިންމާތައް އަދާނުކުރެވޭ ކަމަށެވެ. އެހެންވެ ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން ކައުންސިލަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށް ސިޔާޒު ވިދާޅުވިއެވެ. އަދި އެޗްޑީސީގެ ފަރާތުން ގެއްލުންވާނެކަމަށް ލަފާކުރާ މިންވަރުގެ އެސެސްމެންޓް ރިޕޯޓެއް ހުށަހަޅާފައިނެތް ކަމަށާއި ހަމައެކަނި ގެއްލުންވާނެ ކަމަށް އަނގަބަހުން ބުނީ ކަމަށް ސިޔާޒު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން އެޗްޑީސީގެ ވަކީލު ހުސެއިން ސިރާޖު ވިދާޅުވީ ހުޅުމާލޭ ރަޖިސްޓްރީއަކީ ބާތިލު ރަޖިސްޓްރީއެއް ކަމަށް މިހާރު ސިޓީ ކައުންސިލުން ބުންޏަސް އެކަން ކޯޓުން ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ "މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު" ގައި އޮންނަ ގޮތުން ބިމުގެ މިލްކުވެރިން ހޯދޭނީ ވެސް ނުވަތަ އަތުލެވޭނީ ވެސް ޝަރުއީ މަރުހަލާ މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ފަރާތުން އެއީ ސައްހަ ރަޖިސްޓްރީއެއް ނޫންކަމަށް ތަކުރާރުކޮށް ބުންޏަސް އެއީ ސައްހަ ރަޖިސްޓްރީއެއް ކަމަށެވެ.

ސިރާޖު ވިދާޅުވީ ހުޅުމާލެ ރަޖިސްޓްރީގައި ސޮއިކުރައްވާފައިވަނީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެހެންކަމުން އެ ރަޖިސްޓްރީއަކީ އެޗްޑީސީން އަމިއްލައަށް އުފައްދައިގެން އުޅޭ ފޯޖު ރަޖިސްޓްރީއެއް ނޫންކަން ސިޓީ ކައުންސިލަށް އެނގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެޗްޑީސީގެ އަތުން ހުޅުމާލޭގެ ބިމެއް ނެގޭނީ ގާނޫނުގައި އޮންނަ ގޮތުންނަމަ އާންމުވެގެންވާ ފައިދާއަކަށްޓަކައި އަދި ޝަރީއަތް މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރީ އާންމުވެގެންވާ ފައިދާއަކަށް ވެސް ނޫން ކަމަށާއި އަދި ރަޖިސްޓްރީ ބާތިލުކުރީ ބަދަލުވެސް ނުދީ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ބާތިލުކުރީ ގާނޫނާ ހިލާފަށްކަމަށް ސިރާޖު ވިދާޅުވިއެވެ.

ބޭރުގެ އެކި ފަރާތްތަކުން ތިބީ ހުޅުމާލޭގައި އިންވެސްޓުކުރަން ތައްޔާރަށް ކަމަށާއި އެހެންކަމުން ވަގުތީ އަމުރު އެޗްޑީސީން އެދުނު ގޮތަށް ނުދީފިނަމަ ބޮޑަށް ގެއްލުންވާނީ އެ ކުންފުންޏަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ސިޓީ ކައުންސިލް ތަމްސީލު ކުރައްވާ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަލީ ވަނީ އިޖުރާއީ ނުކުތާއެއް ނަންގައިވައިފައެެވެ.

އެ ނުކުތާއަކީ އެޗްޑީސީން އެދުނު ގޮތަށް ސިވިލް ކޯޓަށް އަމުރު ނެރެނުދެވޭނެ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އެކަމުގެ ތަފްސީލު ދެމުން އޭނާ ވިދާޅުވީ، ސިވިލް ކޯޓަށް އެ މައްސަލައިގެ ވަގުތީ އަމުރު ނެރެ ނުދެވޭނެކަން އަންގައި، އިހުތިސޯސް ލިބިގެންވާ ކޯޓެއް ބަލައިދިނުމަށް އެ ކޯޓުގައި އެދުމުން އެ މައްސަލަ ނުބަލާ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުމާއި އެ ކޯޓުން ނެރުނު އަމުރު އިސްތިއުނާފީ ފޯމުގައި ބަޔާންކުރުމުން ހައި ކޯޓުގެ ރަޖިސްޓާ ސިވިލް ކޯޓުގެ ނިންމުން އުނިކުރަން އެންގިކަމަށް އަބްދުﷲ އަލީ ވިދާޅުވިއެވެ. އެހެންވެ އޭނާ ހައި ކޯޓުގައި އެދުނީ ސިވިލް ކޯޓުގެ އެ ނިންމުން ބަލައި ދިނުމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ މައްސަލަ މިހާރު ކުރިއަށްގެންދާ ރަޖިސްޓްރީ ބާތިލުކުރަމާ ބެހޭ ވަގުތީ އަމުރުގެ މައްސަލައިގެ ތެރެއިން ނުބެލޭނެ ކަމަށެވެ. އެގޮތަށް ނިންމީ އެއީ ވަކި މައްސަލަ އަކަށްވާތީއެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.