ޚަބަރު

ޖަމްޝީދާއި ޓޫފޯ ފުލުހުންގެ ވަޒީފާއިން ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިއްޖެ

މުހައްމަދު އިޝާން

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ޖަމްޝީދާއި ޓޫފޯ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުންނެވެ. އެ ބޯޑުން ވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އޮފް ޕޮޮލިސް އިސްމާއިލް ޝަމީމު ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމައިފައެވެ. ޕޮލިސް ބޯޑުގެ އެ ނިންމުން އެ ތިން ބޭފުޅުންގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ބޭފުޅުން އެދިވަޑައިގަތީ ޕޮލިސް ބޯޑުގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށެވެ.

ސިވިލް ކޯޓުން ވަނީ އެ އަމުރު ނެރު ނުދިނުމަށް ނިންމައިފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ ދާއޫދާއި ޝަރީފުގެ އިތުރުން ޝަމީމު ވަކިކުރުން ފަސްކުރުމުގެ އަމުރެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ނެރެފައެވެ. ހައި ކޯޓުން އެ އަމުރު ނެރުނު އިރު، ޖަމްޝީދާއި ޓޫފޯ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ވަޒީފާ ދަމަހައްޓަން ހައި ކޯޓުން އަމުރެއް ނެރެ ނުދެއްވައެވެ.

ހައި ކޯޓުގެ އެ ނިންމުން ޖަމްޝީދާއި ޓޫފޯގެ ފަރާތުން ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ޖަމްޝީދާއި ޓޫފޯގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، ފުލުހުންގެ ވަޒީފާއިން ޖަމްޝީދާއި ޓޫފޯ ވަކިކުރީ ވަޒީފާއިން ވަކި ނުކުރުމުގެ އަމުރަކަށް އެ ބޭފުޅުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ނުނިމެނީސް ކަމަށެވެ.

ނިހާޔަތު ވިދާޅުވީ، އެ ދެ ބޭފުޅުންގެ ފަރާތުން މައްސަލަ އަވަސްކޮށްދިނުމަށް ސިވިލް ކޯޓަށް ދަންނާފައިވާނެ ކަމަށާއި އެކަމަކު ސިވިލް ކޯޓުން ޑިސްޕިއުޓް މަރުހަލާ ފަށާފައިވަނީ ވެސް އެ ދެ ބޭފުޅުން ވަޒީފާއިން ވަކިކުރި ދުވަހު ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާ ފަށާފައިވަނީ ތިން ދުވަސް ފަހުން ކަމަށްވުމުން ނިހާޔަތު އެދިވަޑައިގަތީ ސިވިލް ކޯޓުގެ މައްސަލަ ނިމެންދެން، ޖަމްޝީދާއި ޓޫފޯ ވަކިކުރަން ނިންމި ނިންމުން އަމަލުކުރުން ފަސް ކުރުމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ސިވިލް ކޯޓުން ޝަރީއަތުގެ މަރުހަލާ ފެށިއިރު ވެސް ޖަމްޝީދާއި ޓޫފޯ ވަނީ ވަޒީފާ އިން ވަކިކޮށްފައި ކަމަށެވެ. އަދި އެ ދުވަހު ކޯޓުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ޖަމްޝީދާއި ޓޫފޯ ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފި ނަމަ، އެއީ ސިވިލް ކޯޓުގައި ހިނގާ މައްސަލައާ މެދު ދުރާލައި ގޮތެއް ކަނޑައެޅުން ކަމަށާއި އެހެންވެ، އެފަދަ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނިމިފައި އޮތް ކަމަކާ ގުޅިގެން އަލުން އަމުރެއް ނެރެވިދާނެތޯ ފަނޑިޔާރުން އަޒްމިރަލްދާ ޒާހިރު ސުވާލުކުރެއްވުން ނިހާޔަތު ވިދާޅުވީ، މައްސަލައިގައި ކަން ހިނގާފައި އޮތީ އާންމު އުސޫލުން ކަން ހިނގާ ގޮތަކަށް ނޫން ކަމަށެވެ. ސުޕްރީމް ކޯޓާ ހަމައަށް ގޮސްގެން ވިޔަސް، އިތުރު ގޮތެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށެވެ.

އާންމު އުސޫލާ ހިލާފަށް ހިނގީ ކޮންކަމެއްތޯ ނިހާޔަތުއާ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވުން ޖަވާބުގައި ވިދާޅުވީ، އާންމު އުސޫލާ ހިލާފަށް ހިނގިކަމެއް ކަމަށް ވިދާޅުވަނީ ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ތަންފީޒު ކުރުމަށް ސިވިލް ކޯޓުން ފުރުސަތު ދިނުމަށް ފަހު އަދި ވަކިިކުރި ފަހުން އަމުރާ މެދު ގޮތެއް ނިންމުމުން ކަމަށެވެ.

އެއަށްފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ. ޝަރީއަތް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗު ބަލަހައްޓަވާ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ވަރަށް އަވަހަށް ތާވަލުކުރާނެ ކަމަށެވެ.