އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް 25 ޕަސަންޓް ވޯޓުވެސް ނުލިބޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ޖެހީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ކޮން ޕާޓީއަކަށްތޯ ބެލުމުގެ ހިސާބު ކަމަށާއި އެ ހިސާބުން ބޮޑުތަނުން އެމްޑީޕީ ބަލިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޖެހި ހިސާބަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީއަށްތޯ ޕީޕީއެމަށްތޯ. އެމްޑީޕީ އެކަނި ނުކުމެއްޖެނަމަ ކޮމަންޑޫ ދާއިރާ ކީއްކުރަންތޯ، ރާއްޖޭގެ 25 ޕަސަންޓުވެސް ނުލިބޭނެ. އަދި ކޯލިޝަންގެ ލީޑަރުންނާ އެކުވެގެންވެސް މިކަމެއް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީގައިވެސް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ދެން ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރައްޔިތުން މިހާރު ގޮތް ނިންމާފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ކަށަވަރުވެގެން ގޮސްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރާއްޖޭގައި އޮތް ތާއީދު ކަމަށާއި އެކަނި ނުކުމެ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އިއްޔެގެ ނަތީޖާއިން އެނގިގެން ގޮސްފައިވާ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ، ކެމްޕެއިންކޮށްގެން ނޫން ކަމަށާއި ކަޅު ފައިސާ ބަހައިގެން ކަމަށެވެ. އެގޮތުން އިންތިހާބުގެ ފަހު ހަފުތާގައި ކޮތަޅު ކޮތަޅުގެ ކަޅު ފައިސާ ބަހައިފައިވާ ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.
ފޯރިގަދަ ކެމްޕޭނެކަށް ފަހު އިއްޔެގެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު