އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހެޅުއްވި މަައްސަލަ ބަލަން އެ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަަސަން ޒިޔާއު މިއަދު "ވަން" އަށް ވިދާޅުވީ، 241 ކޮމިޓީގައި އެ މައްސަލަ މާދަމާ އެޖެންޑާކޮށްފައިވާ ކަމަށެވެ.

އެ ކޮމިޓީގެ މެމްބަރަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ބަލަން ފަށާނީ މާދަމާ ހެނދުނު 11:00 ގައި ކަމަށާއި އެ ބައްދަލުވުން ކުރިއަށްގެންދާނީ ހުޅުވާލައިގެންތޯ ނުވަތަ ސިއްރުކޮށްގެންތޯ ނިންމާނީ ބައްދަލުވުން ފެށުމުގެ ކުރިން މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ރައީސް ނަޝީދު މައްސަލަ ހުށަހެޅުއްވީ މަޖިލިސް ރިސެސްގައި ވަނިކޮށްކަމަށްވުމުން އެ މައްސަލަ ނުބެލި ލަސްވީ ކަމަށާއި ރިސެސްގައި ވަނިކޮށް މައްސަލަ ބަލަން އެޖެންޑާ ކުރިޔަސް ކޯރަމް ހަމަނުވެދާނެތީ މަޖިލިސް ހުޅުވުމުން އެ މައްސަލަ ބަލަން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ މަޖިލީހުގައި ކުރިއަށް ގެންދާނެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަންނަ އަމަލަކަށް ނުވާ އިރު، އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.