ޚަބަރު

ކޮމަންޑޫ ބައި އިލެކްޝަން: ކޮމަންޑޫ ދެވަނަ ފޮއްޓާއި ފޯކައިދޫ އެއްވަނަ ފޮށި ބަންދު ކޮށްފި

އިބްރާހިމް ޒަކީ

މިއަދު ބާއްވާ ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދެ ވޯޓު ފޮއްޓެއް ބަންދު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެންމެ ވަން އަށް ވިދާޅުވީ، އިންތިހާބުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން، ކޮމަންޑޫގައި ބެހެއްޓި ދެވަނަ ފޮއްޓާއި، ފޯކައިދޫގެ އެއްވަނަ ފޮށި މިހާރު ބަންދު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފޯކައިދޫގައި ހުރި ދެވަނަ ފޮއްޓާއި ކޮމަންޑޫގައި ހުރި އެއްވަ ފޮއްޓާއި މަރޮށީގައި ބެހެއްޓި ފޮށި ކައިރީގައި ވޯޓުލާން މީހުން އެބަތިބި ކަމަަށްވެސް ވިދާޅުވިއެވެ. އަދި މާލޭގެ އިސްކަންދަރު ސްކޫލްގައި ހުރި ދެ ފޮށި ވެސް އަދި ބަންދުކޮށްފައި ނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ކުރިންވެސް ރޭވިފައިވާ ގޮތަށް 4:00 ގައި ވޯޓު ފޮށީތަކުގެ ކިއު ބަންދުކޮށްފައިވާ ކަމަށާއި އޭގެ ފަހުން ކިއުއަށް އެރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި ބަންދު ކުރެވޭ ފޮށިތައް ކުރިންވެސް ހަމަޖެހިފައިވާގޮތަށް ގުނުން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިހާބާބެހޭ ބައެއް މައްސަލަތައްވެސް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަތައް ކޮމްޕްލެއިންސް ބިއުރޯއިން ބަލުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބަށް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް އަދި ހުށަހެޅިފައިވާކަމުގެ މައުލުމާތު ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.