ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން ކުރިޔަށް

އިބްރާހިމް ޒަކީ

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ދާއިރާގެ ތިން ރަސުގައާއި މާލޭގައި ބަހައްޓާފައި ހުރި ފޮށިތަކަށް ވޯޓުލުން ފެށިއްގެން ކުރިޔަށް އެބަދެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެން ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި، ކަރަންޓީނުގައި ތިބޭ މީހުން ވޯޓު ލުމަށް މެންދުރުފަހު 3 އިން ފެށިގެން ހާއްސަ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިލެކްޝަނުން ބުނީ މި އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ، ކޮމަންޑު އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

އެއީ ކޮމަންޑޫއަށް އެއް ފޮށި، މަރޮށި، ފޯކައިދޫއަށް އެއް ފޮއްޓެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ.

އެއީ ވެރިކަންކުރާ މައިޕާޓީގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، މޫސާ ފަތުހީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ހަންނާނު އިދުރީސް އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، މި އިންތިހާބުގައިވެސް ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ދާނީ ވޯޓުލާ މަރުކަޒަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށް އެޖާގަ ދީގެންކަމަށެވެ. ނަމަވެސް އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާއި، މީޑިއާތަކަށް ވޯޓު ގުނާ ސަރަހައްދަށް ވަނުމަށް އިސްކަން ދެވޭނެކަމަށެވެ.

ކޮންމެ ރަށެއްގެވެސް ނަތީޖާ އެރަށަކުން އިއުލާން ކުރުމަށްފަހު، އިންތިހާބުގެ ޖުމުލަ ނަތީޖާ މާލޭގައި ހުންނަ އިލެކްޝަން ކޮމިޝަންގެ މައި އިދާރާއިން އިއުލާންކުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދެވީ ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު ވަނީ މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ އަވަހާރަވެފައެވެ. ކޮމަންޑޫދާއިރާގެ ގޮނޑި ހުސްވެފައި ވަނީ ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.