ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް ހަވާލުކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ތާވަލުކޮށްފިއެވެ.
ހައި ކޯޓުން އެ މައްސަލަ ތާވަލުކުރީ އާދިއްތަ ދުވަހުގެ ހެނދުނު 9:15 އަށެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ސިޓީ ކައުންސިލްގެ އެ ނިންމުން ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިިލް ކޯޓުގައި އެދިފައިވަނީ އެ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެ މައްސަލަ ބެލުމަށްފަހު އެ މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިމަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބިންކަމާއި އެ ދެބިމަށް ހަދައިދީފައިވާ ރަޖިސްޓަރީން އެނގެން އޮތުމުން މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެޗްޑީސީއަށް ލިބިގެންވާ ކަމަށެވެ. ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ގައިވާ ބިމުގައި ހިމެނޭ އަމިއްލަ މީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިންތައް ފިޔަވައި، ދެން ހުރި ހުރިހާ ބިންތަކަކީ އެޗްޑީސީގެ މިލްކުގައިވާ މުދަލެއް ކަމަށާއި އެ ބިންތަކަށް މާލެ ސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓަރީތަކުން އެނގެން އޮންނަ ކަމަށްވެސް އަމުރުގައިވެއެވެ.
އެ ރަޖިސްޓަރީތައް ބާތިލު ކުރުމުގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އަމަލުކޮށްފައިވަނީ އެކަންކަމުގެ އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކާ ތައާރުޒުވާ ގޮތަކަށް ކަމަށާއި އަދި ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމުވެފައި އޮތްކަން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހައި ގާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށެވެ.
ސިވިލް ކޯޓުގެ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަހުގެ 27 ވަނަ ދުވަހު ވިދާޅުވެފައިއެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލްގެ ފަރާތުން އަދި ހާމައެއްނުކުރެއެވެ.
ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ދިން ހުއްދަ އެޗްޑީސީން ބާތިލުކުރި ދުވަހުއެވެ. ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ޖަލްސާ ބާއްވަން ހުއްދަދިން ދުވަހާ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ދުވަސް ދިމާވެފައިވަނީ އިއްތިފާގަކުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރަޖިސްޓްރީ ބާތިލުކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ދީފައި އޮތުމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ގިނަ ހިދުމަތްތަކެއް ނުދެވި މާލެ ރައްޔިތުން އެކަމުގެ ދަތިތައް ތަހައްމަލުކުރަމުންދާ ކަމަށެވެ. އެހެންވެ މާލޭ ރައްޔިތުންގެ ހައްގުގައި ރަޖިސްޓްރީ ބާތިލުކުރީކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު