މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ވަނީ އޭގެ އިންތިހާއަށް ގޮސްފައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ކަމުން މާލޭ ރަށްވެހިންނަށް ހާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅިފަޅުން މަދުވެގެން 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެ ބިމުން 2000 ގޯތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ބޯހިވާހިކަން އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދެއްވާމެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެބޮޑު ކަންތައް ކަމަށެވެ. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށް ދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލައަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު