ދިވެހި ރާއްޖެއަށް ކޮވިޑުން އަރައިގަތުމާއި ވެކްސިން ޖެހުމުގައި ހޯދިފައި ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ބޮޑު ކާމިޔާބެއް ކަމަށާއި އެކަމުގެ ސިއްރަކީ، ރައްޔިތުން އަމިއްލަ މަސްލަހަތުގެ މައްޗަށް ގައުމު އިސްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، 2020 ވަނަ އަހަރު މުޅި ދުނިޔެއާ މަތިވި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ކަޅު ވިލާގަނޑުން މުޅި ރާއްޖެ ބަނަކުރި ކަމަށެވެ.
އެ ބަނަކަމަށް އަލިކަމެއް ގެނެސްދިން ސައިންޓިފިކް ވަސީލަތަކީ ވެކްސިން ކަމަށާއި، ދޭސީއެއް ބިދޭސީއެއްނެތި، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެއްވިން ކަމަށްވެސް ވިދާޅުވިއެވެ. ވެކްސިން ޖެހުމުގައި ހާސިލު ކުރެވިފައި މިވަނީ ދުނިޔޭގެ ނިސްބަތުން ބޮޑު ކާމިޔާބީއެއް ކަމަށާއި، އަދި ބޫސްޓާ ޑޯޒްގެ ފުރުސަތުވެސް ވަނީ މިހާރު އެންމެންނަށް ހުޅުވާލާފައި ކަމަށްވެސް ވިދާޅުވިއެވެ.
އެއީ ގިނަ ބައެއްގެ މިންނެތް މަސައްކަތް ކަމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި، ސިވިލް ސަރވިސް އަދި ސިފައިންނާއި، ފުލުހުންނާއި، އެހެން ހުރިހާ ޔުނިފޯމް އެޅި މުއައްސަސާތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ އެންމެ ކުޑަ ސިއްހީ މަރުކަޒުގެ އެޓެންޑެންޓުން ފެށިގެން އެންމެ ބޮޑު ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރާ ދެމެދުގެ ހުރިހާ މުވައްޒަފުންގެ ގުރުބާނީ. މިކަމުގައި އެކުވެރި ދޭދޭ ބައިނަލްއަގްވާމީ ގުޅުންތަކާއި، ޖަމިއްޔާތަކާއި، އަވަށްޓެރި ގައުމުތަކުގެ ދައުރު ފުޅާ. މި ހުރިހާ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި އަޅުގަނޑު ޝުކުރު ދަންނަވަން،"
މި ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަމިއްލަ މަސްލަހަތުގެ މައްޗަށް ގައުމު އިސްކުރި ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު