ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިނަށް އިމްރާންވެސް ނުކުންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދައިދިނުމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަސައްކަތް ފައްޓަވައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ ރާޝީދުގެ ކެމްޕެއިނަށް އިމްރާން މިވަގުތު ހުންނެވީ ށ. މަރޮށީގައި ކަމަށެވެ. އެގޮތުން އިމްރާން ވަނީ އެރަށުގައި އެމްޑީޕީގެ މަރޮށި ކެމްޕޭން ޓީމާ ބައްދަލު ކުރައްވައިފައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެމްޑީޕީން ހާމައެއް ނުކުރެއެވެ.

އެ ބައްދަލުވުމުގައި އިމްރާނާއެކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގަތެވެ. އަދި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގަތެވެ.

ރާޝީދަށް ތާއީދު ހޯދައިދިނުމަށް އިމްރާން މަސައްކަތް ފައްޓަވާފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރާޝިދަށް ތާއީދު ހޯދައިދިނުމަށް އެ ދާއިރާއަށް ވަޑައިގެންފައެވެ. އެގޮތުން ގާސިމް ވަނީ އެ ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާތަކުގައިވެސް ގާސިމް ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.

އަދާލަތުން ރާޝީދަށް ތާއީދުކުރުމަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަދާލަތުން އެގޮތަށް ނިންމީ ރައީސް ސޯލިހުގެ ސަރުކާރުގައި އަމާން، ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށްފައިވާތީއެވެ. އަދި ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑުގެ އާލަމީ ވަބާއާއެކު މެދުވެރިވި އިގުތިސޯދީ ދަތިތަކާއެކުވެސް ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް، ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނެއް ހިންގަމުން ގެންދިއުމަކީ ރައީސްގެ އެދިވަޑައިގަތުމަށް އިޖާބަދިން ސަބަބެއް ކަމަށް އަދާލަތުން ބުނެފައިވެއެވެ.

މީގެ އިތުރުން އަދާލަތުން ބުނީ ރައީސް ސޯލިހަށް އިޖާބަދެއްވި އަނެއް ސަބަބަކީ މަސްތުވާތަކެއްޗާއި ގޭންގުތައް ހުއްޓުވުމަށް ދުވަހަކު މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއިދުކުރަން އަދާލަތުން ނިންމީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިންވަނަ ދައުރުގެ ދިހަ ވަނަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެންނެވެ.