މިއަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ވަގުތު ހަމަވާން އެންމެ ދުވަހަކަށް ވެފައިވާ އިރު، ބާސެލޯނާގެ ފްރާންސް ތަރި އުސްމާން ޑެމްބޭލޭ ޕީއެސްޖީއަށް ބަދަލުވުމާ ގާތަށް ޖެހިލައިފިއެވެ.
އާންމުކޮށް ޓްރާންސްފާ ބާޒާރު ބަންދުވުމަށް އެއް ދުވަހަށް، "ޑެޑް ލައިން ޑޭ" އަށް ވުމާއެކު ކްލަބުތަކުން މާކެޓްގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާތަން ފެނެއެވެ. މިއީ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ނޫން ނަމަވެސް މިފަހަރުވެސް ބޮޑެތި ޓްރާންސްފާތަކެއްގެ އަޑު މިހާރުވެސް ވަނީ ގަދަވެފައެވެ. އޭގެ އިތުރުން ރަނގަޅު ޓްރާންސްފާތަކެއް ހިނގާފައިވެސް ވެއެވެ.
މިހާތަނަށް ބަލާއިރު، ދުނިޔޭގެ އެންމެ މުއްސަނދި ކްލަބަށް ދާދިފަހުންވި ނިއުކާސަލް ޔުނައިޓެޑުން ވަނީ ރަނގަޅު ތިން ޓްރާންސްފާއެއް އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި އިއްޔެ އިއުލާނުކުރި ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރެސްވެސް ހިމެނެއެވެ. އޭގެ އިތުރުން ޕްރިމިއާ ލީގުން ފާހަގަކޮށްލެވުނު ޓްރާންސްފާއަކަށް ބަލާ އިރު، ލިވަޕޫލުން ވަނީ ޕޯޓޯގެ ހުނަރުވެރި ލުއިސް ޑިއާޒް ކްލަބަށް ގެންގޮސްފައެވެ.
މިވަގުތު ހަބަރުތައް ބުނެފައިވާ ގޮތުން ލިވަޕޫލުން އަންނަނީ އިތުރު ޓްރާންސްފާއަކަށް ބަލަމުންނެވެ. އެގޮތުން ފުލްހަމްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ތަރި ފަބިއޯ ކާވާލިއޯ ގެންދަން ލިވަޕޫލާއި ފުލްހަމް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަތް މިލިއަން ޔޫރޯގެ އަގަކަށް ކަވާލިއޯ ގެންދަން ލިވަޕޫލުން އެއްބަސްވެ، ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
މިއަދު ނޫސްތަކުގެ ފަލަ ސުރުހީން ފެނިގެންދާ ހަބަރަކީ ބާސާ ދޫކޮށް ދާން މަސައްކަތް ކުރަމުން އަންނަ ޑެންބެލޭ ޕީއެސްޖީއަށް ދާން އެއްބަސްވި ހަބަރެވެ. ޑެމްބޭލޭ ބާސާ ދޫކޮށް ދާން މަސައްކަތް ކުރީ ކްލަބުން އެކަމަށް އަންގައިގެންނެވެ.
ޑެމްބެލޭގެ އެއްބަސްވުން އާކުރަން ބާސާއިން ގިނަ ދުވަސްތަކެއް ވަންދެން ވާހަކަ ދައްކާފައިވާ އިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. ބާސާގެ މާލީ ހާލަތު އޮތް ގޮތުން އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް މުސާރަ ކުޑަކުރަން އެއްބަސްވެ އާ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާ އިރު، ޑެންބެލޭގެ އެއްބަސްވުން އާކުރަން ބާސާއަށް އުނދަގޫވީ މުސާރަ ބޮޑުތަނުން ކުޑަކުރަން އޭނާ އެއްބަސް ނުވާތީއެވެ.
އެއްބަސްވުން އާ ނުކުރެވުމުން ބާސާއިން ޑެމްބެލޭއަށް އެންގީ މި ޓްރާންސްފާ ސީޒަން ނިމުމުގެ ކުރިން ކްލަބު ދޫކޮށްލުމަށެވެ. ޑެންބެލޭގެ އަގެއްގެ ގޮތުގައި ބާސާއިން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނީ 20 މިލިއަން ޔޫރޯއެވެ. ސްޕެއިންގެ މަޝްހޫރު ރިޕޯޓަރު ގުއިލެމް ބަލާގު ބުނެފައި ވަނީ އުމުރުން 24 އަހަރުގެ ޑެމްބެލޭ ޕީއެސްޖީއަށް ދާން ނިންމާފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެ ޓްރާންސްފާ ހިނގާނެ ކަމަށެވެ.
ޑެންބެލޭ ގެންދަން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ޑެންބެލޭއަށް ދޭން ޖެހޭ މުސާރަ ބޮޑުވުމުން އެ ދެ ކްލަބުންވެސް ޕީއެސްޖީއާ ވާދަކޮށް އޭނާ ނުގެންދާނެ ކަމަށް ބެލެވެއެވެ.
ބާސާއިން ޑެންބެލޭ ފޮނުވާލާ ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު، މިއަދުގެ ވަގުތެއްގައި ބާސާއިން އަލްވާރޯ މޮރާޓާ ހޯދަން މަސައްކަތް ކުރުން އެކަށީގެންވެއެވެ. ނޫންނަމަ ކްލަބާ މައްސަލަ ޖެހިފައި ހުރި އާސެނަލްގެ ފޯވަޑް ޕީއޭ އެމްރިކް އަބަމަޔާން ގެންދަންވެސް ބާސާއިން މަސައްކަތް ކޮށްފާނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ސްވެޕް ޑީލެއްގެ ދަށުން ޕީއެސްޖީގެ ފޯވަޑް މައުރޯ އިކާޑީގެ ބަދަލުގައި ޑެމްބެލޭ ޕީއެސްޖީއަށް ދޭންވެސް އެއްބަސް ވެދާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު