ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ކައިރިން އެ ރަށުގައި ޓީސީ ސްޕޯޓްސް ކްލަބުން މޮޅުވެއްޖެއެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ދިއްދޫން އޮތީ އަމިއްލަ ރަށުގައި ބަލިނުވެއެވެ. އެގޮތުން އެޓީމުން ވަނީ ކްލަބު އީގަލްސްއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިންވެސް އެއްވަރުވެފައެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ދައްކަމުންދާ ދިއްދޫ ކައިރިން މިއަދު ޓީސީ މޮޅުވީ 1-0 އިންނެވެ. އެއީ ޓީސީން ފަހަރުގެ ލީގުގައި ހޯދި ދެވަނަ މޮޅެވެ.

ޓީސީން ގދ. ގައްދުއާއި ދިއްދޫ ކައިރިން މޮޅުވެފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެއީ ފަސް މެޗުން ހަ ޕޮއިންޓާއެކުގައެވެ. އަށްވަނައިގައި ދިއްދޫ އޮތީ ހަ މެޗުން ފަސް ޕޮއިންޓާއެކުގައެވެ.

މެޗު ފަށައިގެން ދިއްދޫން ރަނގަޅަށް ކުޅެ ފުރުސަތު ހޯދިއެވެ. ފޯވަޑް ޓެޓޭ ގިޑިއޯންއަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވި އިރު، މުހައްމަދު ޝަނާއު ނަސީރަށް ލިބުނު ފުރުސަތުގައިވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ޓީސީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ދިއްދޫގެ ޑިފެންޑަރު ކަވޫ ކޮޓަޑާއީ ފައިދަށުން ދިޔަ ބޯޅައެއް ހިފައިގެން ގޮސް ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަންވަނީ ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

ދެވަނަ ހާފުގައި ދިއްދޫން އެއްވަރު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް، އެޓީމަށް މެޗުން ޕޮއިންޓެއް ހޯދޭ ގޮތެއް ނުވިއެވެ.