ޚަބަރު

އެޗްޕީއޭ މެދުވެރިކޮށް ބައި އިލެކްޝަނަށް ދަނީ ނުފޫޒު ފޯރުވަމުން: ޝުޖާއު

މުހައްމަދު އިޝާން

1

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ނުފޫޒު ފޯރުވަމުންކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ކޮމަންޑޫ ދާއިރާ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެޗްޕީއޭ މެދުވެރިކޮށް، ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާ މޫސާ ފަތުހީއަށް ތާއީދުކުރާ ރައްޔިތުންނާއި ފަތުހީގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތްކުރާ މީހުންގެ ކޮވިޑު ސާމްޕަލް ނަގަމުންދާ ކަމަށެވެ.

އެގޮތުން ށ. މަރޮށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓު ކޮންޓެކްޓެއްކަމަށް ބުނެ ހޯމް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓީނު މުއްދަތު ހަމަވެ ސާމްޕަލް ނަގައި މިހާރު ފަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ސާމްޕަލް ޓެސްޓު ކުރަން މަރޮށި ސިއްހީ މަރުކަޒަށް ހަވާލު ނުކުރާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެއީ ރޭވުންތެރިކަމާއެކު އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އެފަދަ ކަންތައް ސަރުކާރުން ކުރަނީ ސަރުކާރުގެ ފަރާތުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ނޭވާ ހޮޅިއަށް އެޅިފައިވާތީ ކަމަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ މުހައްމަދު ރާޝީދު (ރާޑޯ) އެވެ.

"ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެޗްޕީއޭ މެދުވެރިކޮށް ނުފޫޒު ފޯރުވުމުގެ ގޮތުން ށ. މަރޮށީގައި ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ކުރާ ރައްޔިތުންނާއި ކެންޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާ ރައްޔިތުންގެ ސުންކު ގެންދަނީ ނަގަމުން. މިގޮތުން ކައުންސިލްގެ ރައީސް އަލީ މުހައްމަދަކީ ޑައިރެކްޓު ކޮންޓެކްޓެކޭ ބުނެ، ހޯމްކަރަންޓީން ކޮށް ކަރަންޓީން މުއްދަތު ހަމަވުމުން ނަގާ ސުންކު ނެގިތާ ފަސް ދުވަސް ވެއްޖެ. މި ސުންކު ފަސް ދުވަސް ވީއިރު އެއްވެސް ސެންޓަރަކަށް ވަދެފަކާ ނުވޭ. މިއީ ރޭވުންތެރިކަމާ އެކު ކުރާ ކަމެއް މިފަދަ ކަންކަން ސަރުކާރުން ކުރަނީ ސަރުކާރު ކެނޑިޑޭޓް ނޭވާހޮޅިއަށް އެޅިފައިވާތީ! ރައްޔިތުން ހިތްވަރު ކުރައްވާ! އިންޝާالله މިއިންތިހާބު ބޮޑުތަނުން ޕީޕީއެމް ކާމިޔާބު ކުރާނަން." ޝުޖާއު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ފޯރިގަދަވެފައި ކޮންމެ ދުވަހަކުހެން ދަނީ އެ ދާއިރާގެ ރަށްތަކުގައި ކެމްޕޭނު ޖަލްސާތައް ބާއްވަމުނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގާނެ ކަން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް މިހާރު ވަނީ ފަށަން ތައްޔާރުވެފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާއަށް ކަންކަން ކޮށްދިނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.

އެ ދާއިރާއަށް ވާދަކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ވާދަކުރާ އަބްދުލް ހަންނާނު އިދުރީސް ވިދާޅުވެފައިވަނީ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާއަށް ތަރައްގީގެ މަޝްރޫއުތައް އޮއްސާލުމަކީ ނުފޫޒު ފޯރުވުން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ވޯޓުލުން އޮންނަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު، މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟