ސަރުކާރާއި ކޯލިޝަންގެ އިސްވެރިންގެ ހިތުގައި ނުޖެހޭނެ ފަދަ ގޮތަކަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކަންކުރުން ވަރަށް މުހިންމު ކަމަށާއި ސަރުކާރުގެ ތެރެއިން ކަންކަން ވާނީ އޭރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ މުހައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދު ހޯދުމުގެ ގޮތުން ގާސިމް މިއަދު ށ. ކޮމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވުމަށް ނިންމެވީ މިއަދު ވެރިކަމުގައި އޮތީ އެމްޑީޕީ ކަމަށްވެފައި މިއީ ކޯލިޝަން ވެރިކަމެއް ކަމުން ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރަންވާނީ ސަރުކާރުގެ ކެންޑިޑޭޓަށް ކަމަށްވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރުނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން މަދުވެގެން ނޫން ކަމަށާއި އެކަން ވަރަށް ސާފުކޮށް މަޖިލީހުން ފެންނަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވޭ މެމްބަރަކަށް ތަރައްގީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ އެއިރެއްގައި ހުންނަ ރައީސަކަށް ކަމަށެވެ.

ދާއިރާގެ މަޖިލިސް މެމްބަރު ބޭނުންވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން އެހެން ޕާޓީތަކުން ދައްކާ ވާހަކައަކުން، އަދި ދޭ ހަދިޔާއެއްގެ ސަބަބުން ވިސްނުން ބަދަލުނުކޮށް އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮންނައިރު ދާއިރާ ތަމްސީލު ކުރައްވަން ހުންނަން ޖެހޭނީ ވެސް އެމްޑީޕީގެ މެމްބަރެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަދުފުޅުވެވަޑައިގަންނަވާ ގޮތަކަށް ކަންކަންކުރުމުން ދެން ވާނެ ގޮތަކާ މެދު ވިސްނުމަށް ގާސިމް ވަނީ ނަސޭހަތްތެރިވިއެވެ. އެއަށްފަހު ގާސިމް ވިދާޅުވީ އެފަދަ ހާލަތެއްގައި ދާއިރާގެ މަޝްރޫއުތައް ހުއްޓާލުމަކީ ރައީސަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރާއި ކޯލިޝަންގެ އިސްވެރިން ހިތުގައި ނުޖެހޭ ފަދަ ގޮތަކަށް ކަންކުރުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"ރުޅި އައިސްގެން މަސައްކަތް ހުއްޓައިވެސްލާނެ، އެކަމަކު އެހެން ކަންތައް މި ރައީސެއް ނުކުރާނެ. މިއީ އެއަށްވުރެ މާ ހިތްހެޔޮ މާ ނިޔަނެތި ރައީސެއް. އެހެންވެ މި ދަންނަވަނީ ސަރުކާރާއި އަދި ހަމަ ކޯލިޝަންގެ އިސްވެރިންގެ ހިތުގައި ނުޖެހޭ ގޮތަކަށް ކަންކަން ކޮށްދިނުމަށް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މަޖުބޫރުން ކޮށްދޭ ކަންކަމާއި ހިތުން ރުހުމުން ކޮށްދޭ ކަންކަން ތަފާތުވާނެ ކަމަށާއި ރައީސް ސޯލިހު ހިތުން ރުހުމުން ކޮމަންޑޫ ދާއިރާ ތަރައްގީކޮށްދޭނީ ރައްޔިތުން ވެސް ހިތުން ރުހުމުން އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދިނުމުން ކަމަށެވެ.