ޚަބަރު

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފްގެ މަގާމަށް ހާމިދު އަލުން ގެންނަން ކުރި އަމުރުގެ އިސްތިއުނާފު، އެ ކުންފުނިން ނަގައިފި

އިބްރާހިމް ޒަކީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ހާމިދު ރިޒާ އަލުން އެ މަގާމަށް ރުޖޫއަކޮށް ބަދަލު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެމްއޭސީއެލުން އަނބުރާ ގެންގޮސްފިއެވެ.

މި މައްސައަކީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރަމުން ދަނިކޮށް ސުލޫކީ އެއްވެސް މައްސަލައެއްނެތި އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ހާމިދު ރިޒާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ހާމިދު ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުގައި ބުނެފައިވަނީ، ހާމިދު ރިޒާ ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރެވިފައި ނުވާކަމަށެވެ.

އޭނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އޭނާ އަދާކުރަމުންދިޔަ މަގާމަށް އޭނާ އަނބުރާ ރުޖޫއަ ކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ 14 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ހާމިދަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި އަމުރު ކުރާ ކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.

މި މައްސަލަ އެމްއޭސީއެލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރިއެވެ. ނަމަވެސް މިދިޔަ ބުރާސްފަތިދުވަހު އެމްއޭސީއެލް އިން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

އެ މައްސަލައިގެ ފޯމު ބާތިލުކޮށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ބުނެފައި ވަނީ، މި މައްސަލައިގެ އިސްތިއުނާފު ކުރާ ފަރާތް (އެމްއޭސީއެލް)ގެ ގާނޫނީ ވަކީލު ބުރާސްފަތި ދުވަހު އެ ކޯޓަށް ފޮނުވާފައިވާ ސިޓީން އެ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާތީ އާއި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލު ކޮށްދިނުމަށް އެދިފައިވާތީ އެ ފޯމު ބާތިލުކުރާ ކަމަށެވެ.