ކޮވިޑުގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށްވެސް އެންމެ ރަނގަޅު ދިފާއަކީ ވެކްސިންގެ އިމިއުނިޓި އިތުރުކުރުން ކަމަށާއި އެހެން ކަމުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.
ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އާ ވޭރިއެންޓާ ދެކޮޅަށް އެންމެ ރަނގަޅު ދިފާއަކީ ވެކްސިންގެ އިމިއުނިޓި އިތުރު ކުރުން ކަމަށެވެ.
ބޫސްޓާ ޑޯޒަށް މިހާރު ހުޅުވާލައިފައިވާ ކަމަށާއި ދެވަނަ ޑޯޒް ދިން ފަހުން ހަ މަސް ދުވަސް ވެފައި ވާނަމަ، އަވަހަކަށް ބޫސްޓާ ޑޯޒް ޖެހުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ވެކްސިން ޖެހުމަށްޓަކައި book.hpa.gov.mv އިން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.
ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ފައިޒާ ވެކްސިންގެ 100،620 ޑޯޒް، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.