ޚަބަރު

އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް، ސަނާއަށް އިތުރު ފިޔަވަޅެއް ނޭޅުމަށް އަމުރު ނެރެދެވޭކަށް ނެތް: ޓްރައިބިއުނަލް

އިބްރާހިމް ޒަކީ

2

އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ހައްވާ ސަނާއަށް މިހާރު ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނޭޅުމުގެ އަމުރެއް ނެރެދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅާފައިވާ ގޮތަށް އެ އަމުރު ނެރެދެވެން ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މަސައްކަތުގެ އަހުލާގީ މިންގަނޑަށް ތަބާ ނުވާ ކަމަށްބުނެ ސަނާއަށް އިސްލާހީ ފިޔަވަޅު އަޅާފައި ވާތީ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން ސަނާއަށް ލިޔުމުން ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އަޅައިފި ނަމަ، ވަގުތުން ވަޒީފާއިން ވަކި ކުރުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް ލިބިގެންވާ ކަމަށާއި، އެފަދަ އިތުރު ފިޔަވަޅެއް އަޅައިފިނަމަ އެއީ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމަކަށް ވާނެ ކަމަށް ސަނާ ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ބަލަމުން އަންނައިރު ލިޔުމުން މިހާރު ދީފައިވާ އިންޒާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅެއް އޭނާއަށް އަޅައިގެން ނުވާނެ ކަމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހައްވާ ސަނާގެ ފަރާތުން ޓްރައިބިއުނަލްގައި ވަނީ އެދިފައެވެ.

ސަނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ބުނެފައި ވަނީ، ހައްވާ ސަނާގެ ފަރާތުން، ބަޔާން ކޮށްފައިވާ ގެއްލުމަކީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ކަމަށް ބުރަވެވެން ނެތް ކަމަށެވެ.

އެހެންކަމުން މައްސަލަ ކުރިއަށްދާއިރު މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މަސްލަހަތަށް ރިއާޔަތް ކުރެވިގެންދާނެ ކަމަށް ބުރަވެވޭތީ، ހައްވާ ސަނާ އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ޓްރައިބިއުނަލުން ވަނީ މިދިޔަ ބުދަ ދުވަހު ނިންމައިފައެވެ.