މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިގެން މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުން ހުއްޓާލަން އެންގި އެންގުން ބަދަލުކޮށް، މާލޭ ސިޓީ ކައުންސިލުން ނައިޓު މާކެޓް ބޭއްވުމުގެ ހުއްދަ ދީފިއެވެ.

ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން ކޮށްފައިވާ އިއުލާނަކާ ގުޅިގެން މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާލޭ އަދި ހުޅުމާލޭގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނައިޓު މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އަދި އެ ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން ނައިޓް މާކެޓު ބޭއްވުމަށް ހުއްދަ ހޯދައި ގިނަ ހަރަދުތަކެއް ކޮށްފައިވަނިކޮށް އެޗްޕީއޭގެ އެންގުމަކުން ނައިޓު މާކެޓު ބޭއްވުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، ގިނަ ފަރާތްތަކުން ނައިޓު މާކެޓު ބޭއްވުމަށް އެދުމުންދާތީ އާންމު ފިހާރަތަކުގައި ވިޔަފާރި ކުރަމުންދާ އުސޫލުން ނައިޓު މާކެޓު ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަަށް ނައިޓު މާކެޓް ބޭއްވުމަށް އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮވިޑު ކޭސްތައް އިތުރު ވަމުންދާތީ ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް އެޗްޕީއޭއިން ސިޓީ ކައުންސިލަށް އެންގީ އިއްޔެއެވެ. އޭގެ އިތުރުން ހުޅުމާލޭގައި މީހުން އެއްވެ ކުރިއަށްގެންދާ ހަރަކާތްތަކާއި ހަފުލާތައް ބޭއްވުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.