ކައިވެނިކޮށް، އާއިލާއެއް ބިނާކުރުމުގެ ފޮނި އުންމީދު ގިނަ ޒުވާނުންތަކެއްގެ ހިތުގައި އޮތް ނަމަވެސް، އެކަން ހަގީގަތަކަށް ހެދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަންކަމަށް އދ. ގެ އާބާދީއާ ބެހޭ ފަންޑު (ޔޫއެންއެފްޕީއޭ) އިން ނެރުނު ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭ އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

ދުނިޔޭގެ 73 ގައުމަކުން އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ 108،000 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން ހެދި ސާވޭއަށް ފަހު، "ސަކްސީޑިން ޖެނެރޭޝަންސް: އެމްޕަވަރިން ޔަންގް ޕީޕަލް ޓު ޗާޓް ދަ ފިއުޗާ" (ކުރިއަށް އޮތް ޖީލުތައް: މުސްތަގުބަލު ބައްޓަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުން) މި ނަމުގައި ރާއްޖޭގައި މިއަދު ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި، ސާވޭގެ ބައިވެރިންގެ 72 ޕަސެންޓް ޒުވާނުން ދަރިން ހޯދުމަށް ފަސްޖެހެނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުންނެވެ.

މި ސާވޭއިން ހާމަވި ގޮތުގައި ޒުވާނުންގެ 91 ޕަސެންޓް މީހުން ދަރިން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، 70 ޕަސެންޓް މީހުން އެންމެ ބޭނުންވަނީ ކައިވެނިކުރާށެވެ.

ނަމަވެސް، އިގްތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވި، ދަރިއަކު ހޯދުމާ މެދު ވިސްނާލަން ގިނަ ޒުވާނުންނަށް ފުރުސަތު ލިބެނީ އުމުރުން 30 އަހަރު ފަހަނައަޅައި ދިއުމުންނެވެ.

ތާރީހު ދުށް އެންމެ ތައުލީމީ އަދި ހޭލުންތެރި ޖީލަށް މިއަދުގެ ޒުވާނުން ވީއިރުވެސް، ދިރިއުޅުމުގެ އަސާސީ ކަންކަން ހާސިލުކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެކަށީގެންވާ ވަޒީފާއެއް ހޯދުމާއި، މާލީ ފުދުންތެރިކަން ހޯދުމުގެ އިތުރުން އާއިލާއެއް ފެށުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ތެރޭގައި އިގްތިސޯދީ ދަތިތަކާއި، ބޯހިޔާވަހިކަމުގެ އަގުބޮޑުވުމާއި، މޫސުމީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ބަދަލުތައް ހިމެނެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ލިޔަންކިޔަން ދަންނަ ނިސްބަތް 98 ޕަސެންޓަށް ވުރެ މަތީގައި އޮތް ނަމަވެސް، ޒުވާނުންގެ ގާބިލުކަމުގެ ބޭނުން ފުރިހަމައަށް ހިފުމަށް ނިޒާމީ ގޮތުން ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ހާއްސަކޮށް، 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ގާތްގަނޑަކަށް 19 ޕަސެންޓް މީހުން ވަޒީފާއެއް ނެތި، ތައުލީމާއި ތަމްރީނުންވެސް މަހުރޫމުވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އެންމެ ބޮޑު ނިކަމެތިކަމެއް ތަހައްމަލުކުރަން ޖެހިފައިވަނީ ޒުވާން އަންހެނުންނަށެވެ.

ދިވެހި ޒުވާނުންގެ ދިރިއުޅުމުގެ ނިންމުންތަކަށް ނޭދެވޭ އަސަރު ފޯރުވާ މައިގަނޑު މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މާލޭގައި ދިރިއުޅުމުގެ ހަރަދުތަކާއި ކުލި އިންތިހާއަށް އުފުލިފައިވުމާއި، އަތޮޅުތަކުގެ މެދުގައި ހުރި ފަރަގުތަކެވެ. މީގެ އިތުރުން، ޑިޖިޓަލް އަދި އޭއައި އިގްތިސޯދަށް ބޭނުންވާ ހުނަރުގެ ދަތިކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފަސޭހައިން ލިބެން ނެތުމަކީވެސް ބޮޑެތި ގޮންޖެހުންތަކެވެ.

މިކަމާ ގުޅޭގޮތުން ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޑިއޭން ކެއިޓާ ވިދާޅުވީ، ޒުވާނުންނަކީ އަމިއްލަ މިނިވަންކަމާ އެކު އާއިލާއެއް ބިނާކުރަން ބޭނުންވާ ބައެއް ނަމަވެސް، އިގްތިސޯދީ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން އެ އުންމީދުތައް ފުނޑުފުނޑުވަމުންދާ ކަމަށެވެ. އަދި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި، އެމީހުންގެ ތައުލީމާއި، ސިއްހަތާއި، އިގްތިސޯދީ ފުރުސަތުތަކަށް އިންވެސްޓްކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.