ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާ މޫސާ ފަތުހީގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން ކޮމަންޑުއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ހުކުރު ދުވަހު ކަމަށެވެ. އަދި ފަތުހީގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފަތުހީގެ ކެމްޕޭން ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ބައި އިލެކްޝަންގައި ވާދަކުރާ ފަތުހީއަކީ ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ހަފުތާގެ ހުކުރު ދުވަހު ކޮމަންޑުއަށް ވަޑައިގަންނަވާނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ދެން ވާދަކުރަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސްއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާވާނެކަމަށް އިއުލާނުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެނެވެ.
ޚަބަރު
ޚަބަރު
ޚަބަރު