މެންޗެސްޓާ ސިޓީއަށް ކުޅެމުން ދިޔަ ސްޕެއިންގެ ފޯވަޑް ފެރަން ޓޮރެސް ބާސެލޯނާއަށް ބަދަލުވިކަން، ބާސާއިން އިއުލާން ކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ފޯވަޑް ޓޮރެސް ބާސާއަށް ބަދަލުވީ 46.3 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. 2027 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބާސާއިން ޓޮރެސްއާއެކު އެއްބަސްވުން ހަދާފައިވާ އިރު، އެ އައްބަސްވުމުގައިވާ ރިލީސް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. އެއީ 842 މިލިއަން ޕައުންޑުގެ ރިލީސް ފީއެކެވެ.
ޓޮރެސް އެނބުރި ސްޕެއިން ލީގަށް ގޮސްފައިވާ އިރު، ސިޓީގައި އޭނާ ހޭދަކުރީ 18 މަސް ދުވަހެވެ. ސިޓީއަށް ބަދަލުވުމުގެ ކުރިން ޓޮރެސް ސްޕެއިން ލީގުގައި ވިދާލީ ވެލެންސިއާއިންނެވެ. ސިޓީގައި ޓޮރެސް ވަނީ 43 މެޗު ކުޅެ 16 ގޯލު ޖަހައިފައެވެ. ސްޕެއިން ގައުމީ ޓީމުންވެސް ޓޮރެސްއަށް ފުރުސަތު ލިބެމުން އަންނަ އިރު، ސިޓީގައި އޭނާއަށް އޮތް އެންމެ އުނދަގޫ ކަމަކީ ފުރަތަމަ 11 އިން ޖާގަ ހޯދުމެވެ.
ޓޮރެސްގެ ޓްރާންސްފާ ފީގެ އިތުރުން ބާސާއިން ވަނީ ބޯނަސްގެ ގޮތުގައި 8.4 މިލިއަން ޕައުންޑް ސިޓީއަށް ދޭން އެއްބަސްވެފައެވެ. ޓޮރެސްގެ ސޮޔާއެކު ސްޕެއިންގެ ފައިނޭންޝިއަލް ސިސްޓަމް ތެރެއަށް ބާސާގެ މުސާރަތައް ފިޓް ކުރުމަށް ބާސާއިން ބައެއް ކުޅުންތެރިން ވިއްކާލާނެ ކަމަށް ބެލެވެއެވެ.
ބާސާއިން މި ޖެނުއަރީ ޓްރާންސްފާ ސީޒަނަށް ތައްޔާރުވުމަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ ބޭންކް ލޯނެއް ނެގުމެވެ. އެ ލޯނުގެ ސަބަބުން ކްލަބަށް ވަނީ ހަމަ ނޭވައެއް ލެވިފައެވެ.
ކޯޗު ޒަވީއާއެކު ބާސާއިން މުސްތަގުބަލަށް ޒުވާން، ވަރުގަދަ ޓީމެއް ބިނާކުރަން މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބުން އެންމެ ބޮޑަށް ކުރަމުން އަންނަ މަސައްކަތަކީ ޒުވާން ތަރީންގެ ކޮންޓްރެކްޓްތައް އާކޮށް، އެ ކުޅުންތެރިން ކްލަބުގައި މަޑުކުރުވުމެވެ. އެގޮތުން އެ ކްލަބުން އޮކްޓޯބަރު މަހު ވަނީ އަންސޫ ފަޓީ އާއި ޕެޑްރީގެ ކޮންޓްރެކްޓްތައްވެސް އާކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު