މާލޭ ސިޓީގެ ރައްޔިތުންގެ ހައްގުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އުވާލަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން އިއްޔެ ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ބީލަމަށް ހުޅުވާލައިފައެވެ. އެކަމާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ނުރުހުން ސަރުކާރަށާއި އެޗްޑީސީއަށް ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް އެޗްޑީސީ މިހާރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީ އުވާލައި ހުޅުމާލެއަކީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތަށް ރައްޔިތުން ހޮވާފައިވާ ކައުންސިލަކުން ބަލަހައްޓާ ތަނަކަަށްވާން ޖެހޭނެ ކަމަށެވެ.
"މާލޭ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ އުވާލަން މިހާރު އެބަޖެހޭ، މާލޭ ރައްޔިޔުންގެ ހައްގުތަކަށް އޮތް ހުރަހަކަށް އެޗްޑީސީ ވަނީ ވެފައި، އެޗްޑީސީ އުވާލައި މާލޭގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުގައި ބުނާ ފަދައިން ރައްޔިތުން ހޮވާފައިވާ ކައުންސިލުން ބަލަހައްޓާ ތަނަކަށް ވާންޖެހޭ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުންވެސް ވަނީ އެކަމާ ގުޅިގެން މިއަދު ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނީ ފިޔަވަހި ދޭކުން ބިން ވިއްކަން ނިންމި ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރުން މިހާރަށް މާލޭގައި ގޯތި ބޭނުންވެފައިވާ ވަރަށް ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެ މީހުންނަށް ގޯތި ނުދީ އަދި އެކަމުގައި ކައުންސިލްގެ ބަހެއް ވެސް ނެތި މުއްސަނދިންނަށް ގޯތި ވިއްކަން ހުޅުވާލި ހުޅުވާލުން ކުށްވެރިކުރާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ފަސް ވަނަ ބާބުގެ 39 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ އިހުތިސޯސްގައި ހިމެނޭ ބިމެއް ބޭނުންކުރާ ނަމަ، އެކަމާ ގުޅޭ މަޝްވަރާ ކައުންސިލާ އެކު ކުރަންޖެހޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ މައްސަލަ ނުނިމެނީސް، އެޗްޑީސީއަށް ގޯތި ނުވިއްކޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ހުޅުމާލެއިން ގޯތި ވިއްކަން އިއުލާނު ކުރުމުން އެމްޑީޕީގެ ގިނަ ފަރާތްތަކަކުންވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭ ސަަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެސިޔާސަތު ބަދަލުކުރުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލާފައިވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެކެވެ. ވިއްކަން ހުޅުވާލާފައިވަނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކެވެ. އެޗްޑީސީން ބުނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރެޓީ ގޮތުގައި 320،000 ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން ހުޅުވައިލިއެވެ. އެކަމަކު މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުކުރުމުން އެކަން އެފަހަރުވެސް ވަނީ ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު