އަދާލަތު ޕާޓީ

އިންޑިއާ އައުޓް ކެމްޕޭނަކީ ރައްޔިތުންގެ ޝުއޫރާ ކުޅުއްވައިގެން ރައީސް ޔާމީން ހިންގަވާ ނޭއްގާނީ އަމަލެއް: އަދާލަތު

އިބްރާހިމް ޒަކީ

އިންޑިއާ އާ ދެކޮޅަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމެޕެއިންގެ ނަތީޖާ އަކީ ބައިނަލް އަގުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ ގައުމާއި ރައްޔިތުންނަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެއް ވެގެން ދިއުން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ރައީސް ޔާން ކުރިއަށްގެންދަވާ ކެމްޕެއިން ކުށްވެރިކޮށް ސަރުކާރު ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަރަކާތަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅުއްވައިގެން ސިޔާސީ މަގުސަދެއްގައި ރައީސް ޔާމީން ހިންގަވާ ނޭއްގާނީ އަމަލެއް ކަމަށެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާން ވާނީ ދިވެހިންނާއި ދިެވހި ގައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށާއި، ރާއްޖެ ހިމެނެނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަގުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހައްމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަކީވެސް ހާރިޖީ ސިޔާދަތުގައި ރިއާޔަތް ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މުޅި ދުނިޔެ ގުޅި ލާމެހިފައިވާ ޒަމާނެއްގައި ބައިނަލް އަގުވާމީ މަސްރަހުގައި އެކަހެރި ކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށާއި، ހާއްސަކޮށް ތަރައްގީ އާއި ދިވެހިން އެދޭ ދިރިއުޅުން ހާސިލު ކުރުމަށް އަވައްޓެރި ގައުމުތަކާއި، ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ދުވަސްވަރެއްގައި އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

"ކަން މިހެން އޮތްއިރު ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އަދާލަތު ޕާޓީން ކުށްވެރިކުރަން، ހާއްސަކޮށް އަވަށްޓެރި އިންޑިއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު މި ޕާޓީން ކަންބޮޑުވޭ،"

ރާއްޖެ އާއި އިންޑިއާއާ ދެމެދު ސްޓްރެޓެޖިކް ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަތީޖާ ކަމަށްވާއިރު، މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބިންގާ އަޅުއްވާފައިވާ ކަންކަން ކަމަށްވެސް އަދާލަތުން ބުނެފައިވެއެވެ.

އެހެންކަމުން އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއް ކަމަށް އަދާލަތުން ބުނެފައިވެއެވެ.

އަދާލަތު ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަން ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށްވެސް އަދާލަތުން ބުނެފައިވެއެވެ.